14 ފެބުރުއަރީ 2021 - 15:47

ހއ. ދިއްދޫ ބަނދަރު ބޮޑުކޮށް ޖެޓީ ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާ އެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް އެމްޓީސީސީއާ ހަވާލު ކުރި މި މަޝްރޫއަށް 69.87 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މި މަޝްރޫއުގެ ދަށުން ދިއްދޫގެ 78،000 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރު ފުންކުރުމާއި 326 މީޓަރުގެ އެއްގަމުތޮށި ހެދުމާއި 616 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެ އެވެ. އަދި 185 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 4،320 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި ނެރުބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.