އަމީން ގޭބަންދަށް ދޫކޮށްލުމުން އިސް ގާޒީ ޝަކީލްގެ މައްސަލަ ޖޭއެސްސީ އަށް
އަމީން ގޭބަންދަށް ދޫކޮށްލުމުން އިސް ގާޒީ ޝަކީލްގެ މައްސަލަ ޖޭއެސްސީ އަށް

ރާއްޖޭގައި ފުޅާ ދާއިރާއެއެއްގައި ހަރުކަށި ފިކުރު ފަތުރަމުންދާ އަދި ރާއްޖެ އިން ބޭރުގައި ހިންގާ ހަނގުރާމަވެރި ޖަމާއަތްތަކަށް ދިވެހިން ފޮނުވާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އަމީން ގޭބަންދަށް ބަދަލުކުރުމުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިއަދު ހުށަހަޅައިފި އެވެ.

މީގެ ދެ އަހަރު ކުރިން ހައްޔަރުކުރި އަމީނަކީ ޓެރަރިސްޓު ޖަމާއަތް، އައިއެސްގެ ރާއްޖޭގެ ލީޑަރު ކަމަށް ބުނާ މީހެކެވެ. އޭނާ ހައްޔަރުކޮށް ދައުވާކޮށްފައި ވަނީ، ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގަ އެވެ.

ބަންދު މުރާޖައާ ކުރުމަށް ކްރިމިނަލް ކޯޓުގައި މި މަހުގެ 3 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އިސް ގާޒީ ޝަކީލު ވަނީ، އެކަށީގެންވާ ބޭސް ފަރުވާ ލިބެން ނެތް ކަމަށް ވިދާޅުވެ އަމީން ދޫކޮށްލަން އަމުރު ކުރައްވައިފަ އެވެ. ނަމަވެސް ރާއްޖެ ބަލި ހުންނަ އަމީނަށް، އެކި ފަހަރު މަތިން ފަރުވާ ދީފައިވާ ކަމަށް ކަރެކްޝަންސްގެ އޮފިޝަލުން ކޯޓުގައި އެ ދުވަހު ބުނެފައި ވެ އެވެ.

އޭނާ ގޭބަންދަށް ބަދަލުކުރީ، ތުހުމަތު ކުރެވޭ ފަދަ އެހެން ކުށެއް ނުކުރުމާއި ގެއިން ބޭރަށް ނުނިކުތުމާއި ޝަރީއަތަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށްފަ އެވެ.

ޝަރީއަތް ނިމުނު ގޮތް އާއްމުކުރުމުގެ ގޮތުން ކޯޓުތަކުގެ ވެބްސައިޓުގައި ހުކުމުގެ ޕީޑީއެފް ކޮޕީއެއް ޝާއިއުކުރަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ އެންގުމާ އެއްގޮތަށް ކޯޓުން އަމަލުކުރަމުން ނުގެންދާ މައްސަލަ ބަލައިދިނުމަށް ވެސް އެދިފައި ވެ އެވެ.

އަމިއްލަ މީހަކު ޖޭއެސްސީ އަށް ހުށަހެޅި މައްސަލައިގައި ވަނީ އަމީން ފަދަ ބައިނަލްއަގުވާމީ މުޖުތަމައުން ވެސް ޓެރަރިސްޓެއް ކަމަށް ކަނޑައަޅާފައިވާ މީހެއްގެ ބަންދަށް މި ވަރުގެ ލުޔެއް ދިނުމަކީ އަމީން ހިންގާ ޓެރަރިޒަމްގެ އަމަލުތަކަށް ވާގިވެރިވުމުގެ އަމަލެއްގެ ގޮތުގައި ދެކިފަ އެވެ. ފަނޑިޔާރުގެ އެއީ މުޖުތަމައުގެ ސަލާމަތާއި އާއްމު ރައްކާތެރިކަމަށް އެއްވެސް ވަރަކަށް ރިއާޔަތްކުރެއްވުމެއް ނެތި ނިންމާފައިވާ ގާނޫނާ ހިލާފު ނިންމެވުމެއް ކަމަށް ވެސް އޭގައި ވެ އެވެ.

"ފަނޑިޔާރުން އަމަލުކުރަންވާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ކަމަށް ވާއިރު، ގާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް މުހައްމަދު އަމީން ގޭގެ ބަންދަށް ބަދަލުކުރުމަކީ އެ ނިންމުން ނިންމެވި ފަނޑިޔާރުންގެ ސުލޫކީ މައްސަލައެކެވެ،" މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު އިސް ގާޒީކަމަށް އައްޔަން ކުރެއްވި ޝަކީލްއާ ގުޅޭގޮތުން ހުށަހެޅި މައްސަލައިގައި ވެ އެވެ.

ސަލްޓަން ޕާކުގައި 2007 ވަނަ އަހަރު ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކުރަން އުޅުމުން ރާއްޖޭން ބޭރަށް ގޮސް ފިލައިގެން އުޅެނިކޮށް އޭރު އަމީން ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ވެސް ނެރުނެވެ. އެކަމަކު 2011 ވަނަ އަހަރު ލަންކާ އިން ހައްޔަރުކޮށް ރާއްޖެ ގެނައުމަށް ފަހު ހުންނަނީ ދޫކޮށްލައިފަ އެވެ. އަމީން، އޭރު ލަންކާ އިން ހައްޔަރުކުރީ ވަގު ޕާސްޕޯޓެއް ގައި އެ ގައުމަށް އެތެރެވާން އުޅެނިކޮށެވެ. އޭނާ އަތުން ދިވެހި ޕާސްޕޯޓަކާއި ޕާކިސްތާންގެ ޕާސްޕޯޓެއް ފެނުނެވެ.