ޒިިޔަތު ގޭބަންދަށް ބަދަލު ކޮށްފައި ހުންނަތާ އެއް މަސް
ޒިިޔަތު ގޭބަންދަށް ބަދަލު ކޮށްފައި ހުންނަތާ އެއް މަސް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅިގެން 11 އަހަރަށް ޖަލަށްލި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭބަންދަށް ބަދަލުކޮށްފި އެވެ.

އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާގެެ ޚިޔާނާތާ ގުޅިގެން ޒިޔަތުުގެ މައްޗަށް ކުރި 32 ދައުވާގައި ދައުލަތާއި ޒިޔަތާ އެކު ހެދި އިއުތިރާފްގެ އެއްބަސްވުމެއްގެ ދަށުން އޭނާ އެ ދައުވާތަކަށް އެއްބަސްވުމުން އޭނާގެ މައްޗަށް އިއްވީ 11 އަހަރުގެ ޖަލު ހުކުމެކެވެ.

އޭގެ ކުރިން އެމްއެމްޕީއާރުސީއާ ގުޅުން ހުރި އެހެން މައްސަލައެއްގައި އޭނާއަށް 2016 ވަނަ އަހަރު އިއްވާފައިވާ އިތުރު އަށް އަހަރުގެ ޖަލު ހުކުމަކާ އެކު ޖުމްލަ 19 އަހަރުގެ ޖަލު ހުކުމެއް ޒިޔަތު ގެންދަނީ ތަންފީޒު ކުރަމުންނެވެ.

ޒިޔަތުގެ މައްޗަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 11 އަހަރުގެ ޖަލު ހުކުމް އިއްވުމުނާ އޭނާ ގެންދިޔައީ ޖަލަށެވެ. ކަރެކްޝަނަލް ސާވިސް އިން ބުނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ޒިޔަތު ގޭ ބަންދަށް ބަދަލު ކޮށްފައި ހުރީ ސިއްހީ ސަބަބުތަކަށް ރިއާޔަތްކޮށް ކަމަށެވެ. ގެއަށް ބަދަލުކުރީ ވަގުތީ ގޮތުން ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ޒިޔަތުުގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އެ މައްސަލަތަކާ ގުޅިގެން 20 އަހަރުގެ ޖަލު ހުކުމެއް އިއްވިޔަސް، އޭނާ ކުރީއްސުރެން ފެށިގެން ވެސް ހުންނަވަނީ ސިއްހީ ސަބަބުތަކަށްޓަކައި ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. އަދީބަށް ވެސް 20 އަހަރުގެ ޖަލު ހުކުމް އިއްވީ ދައުލަތާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ދައުވާތަކަށް އޭނާ އެއްބަސްވުމުންނެވެ.

އަދީބާއި ޒިޔަތު ގޭ ބަންދުގައި ތިއްބަވާއިރުު، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އެކި ބޭފުޅުންނަށް ކުރާ ދައުވާތަކުގައި އެ ދެ ބޭފުޅުން ދައުލަތުގެ ހެކިވެރިިންގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވެ އެވެ.