14 ފެބުރުއަރީ 2021 - 11:18

ކޮވިޑް-19ގެ ވެކްސިންގެ ބޮޑު ބައެއް ދުނިޔޭގެ މުއްސަނދި ގައުމުތަކުން ޖަހައިގެންފި ކަމަށާއި ހަމަހަމަކޮށް ވެކްސިން ލިބިގެން ނޫނީ މި ބަލިމަޑުކަމުން ދުނިޔެ އަރައިގަންނަން އެތައް އަހަރެއް ނަގައިފާނެކަމުގެ އިންޒާރު، ސައިންސްވެރިން ދީފި އެވެ.

ސައިންސް މަޖައްލާ ދަ ލެންސެޓްގައި ސައިންސްވެރިންގެ ޓީމަކުން ލިއުނު ރިޕޯޓެއްގައި ބުނީ ދުނިޔޭގެ ފަގީރު ގައުމުތަކަށް ކޮވިޑް ވެކްސިން ލިބުން ލަސްވުމުގެ މާނައަކީ ބަލިމަޑުކަމަށް ނިމުން ނައިސް ދިގުލައިގެން ދިއުން ކަމަށެވެ.
ފަގީރު ގައުމުތަކަށް ގިނަ އަދަދެއްގެ ޑޯޒް ބޭނުން ވިޔަސް މިހާރު އެ ލިބެން ހުރި އަގުތަކަށް ބަލާ އިރު އެ ވަރުގެ މާލީ ގާބިލްކަމެއް އެ ގައުމުތަކުގައި ނެތް ކަމަށް ވެސް ރިޕޯޓްގައި ބުންޏެވެ.
ތަޖުރިބާކާރުން ބުނި ގޮތުގައި އެ މީހުން ބޭނުންވަނީ ވެކްސިންގެ ޑޯޒްތަައް އުފެއްދުން ގިނަކުރާށާއި ހެޔޮ އަގެއްގައި ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށެވެ.
"ގައުމީ އެއްޗަކަށް ވެކްސިން ހެދުމު"ގެ ސަގާފަތެއް، މި ބަލިމަޑުކަމުގެ ތެރޭގައި އުފެދިދާނެ ކަމުގެ އިންޒާރު ސައިންސްވެރިންނާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ކުރިންސުރެ އަައީ ދެމުންނެވެ. ސައިންސްވެރިންގެ އާ ރިޕޯޓަކީ އެ ސަގާފަތް އުފެދިއްޖެކަން ދައްކައިދޭ ހެއްކެކެވެ.
ލެންސެޓްގެ ރިޕޯޓްގައި ބަލިމަޑުކަން އިތުރަށް ގޯސްވެދާނެކަމުގެ ސައިންޓިފިކް ސަބަބުތައް ވެސް، އެ އިލްމުވެރިން ދެއްކި އެވެ. އެގޮތުން ބަލިމަޑުކަން ނުހުއްޓި ދިގުދެމިގެން ދިއުމަކީ ކޮވިޑް ޖައްސާ ވައިރަސް ބަދަލުވާން ލިބޭނެ އިތުރު ފުރުސަތެއް ކަމަށް ބުންޏެވެ.
މިހާރު ވެސް ކޮރޯނާވައިރަހުގެ ބަދަލުވެފައިވާ ދެ ބާވަތަކުން ކުރިމަތިވާ ނުރައްކާ ބޮޑުކަން ވަނީ ސާބިތުވެފަ އެވެ. އެގޮތުން އިނގިރޭސި ވިލާތުގައި އެންމެ ބާރަށް ފެތުރޭ ބާވަތާއި ސައުތު އެފްރިކާ އިން ފެނިގެން އުޅޭ ބާވަތް، ކޮރޯނާވައިރަހުގެ އެހެން ބައިތަކަށް ވުރެ ނުރައްކާވެފައި، މާ އަވަހަށް ބަލި ފަތުރާލަ އެވެ.
"ހަމަހަމަ ގޮތެއްގައި ވެކްސިން ބަހައިގެން ނޫނީ މި ބަލިމަޑުކަމުން މުޅި ދުނިޔެ އަރައިގަތުމަށް އެތައް އަހަރެއް ނަގާފާނެ އެވެ،" ރިޕޯޓްގެ އިސް ލިއުންތެރިޔާ ލަންޑަން ސްކޫލް އޮފް އެކޮނޮމިކްސްގެ އޮލިވެއާ ވޯޓާސް ވިދާޅުވި އެވެ.
ލެންސެޓްގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެންމެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކޮވިޑާ ދެކޮޅަށް އެތައް ވެކްސިނެއް ތައްޔާރުކުރުމަކީ "އާދަޔާ ހިލާފު ހާސިލްކުރުމެކެ"ވެ. އެކަމަކު އެކި ޑޯޒްތަކުގެ އަގު ވަރަށް ތަފާތެވެ. އެންމެ އަގު ހެޔޮކޮށް ވެސް ޑޯޒެއް ލިބެނީ ފަސް ޑޮލަރު (77 ރުފިޔާ) އަށެވެ. އެންމެ އަގު ބޮޑުކޮށް އުޅެނީ 60 ޑޮލަރު (925 ރުފިޔާ) އެވެ. އެކި ވެކްސިންތައް ބަހައްޓަން ޖެހޭ ފިނިހޫނުމިނުގައި ވެސް ވަރަށް ބޮޑު ތަފާތުތަކެއް އެބަ ހުއްޓެވެ. މިސާލަކަށް ބައެއް ވެކްސިން އާދައިގެ ފިނިހޫނުމިނެއްގައި ބަހަައްޓަން ޖެހޭއިރު އަނެއް ބައި ވެކްސިން ރައްކާކުރަން ޖެހޭ ފިނި މިން މާ ބޮޑަށް ދަށްވުމުން އެކަމަށް ހާއްސަ އާލާތްތަކެއް ބޭނުންވެ އެވެ.
ދެން އޮޮތީ ވެކްސިން ޖެހުމުގެ މަސައްކަަތެވެ. ސައިންސްވެރިން ބުނާ ގޮތުގައި ޑަބްލިޔުއެޗުއޯގެ ބައެއް މެމްބަރު ގައުމުތަކުން މިހާތަނަށް ބޮޑެތި މީހުންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ހިންގާފައެއް ވެސް ނުވެ އެވެ. އެހެންކަމުން އެފަދަ ގައުމުތަކަށް އޮތީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކަމަށް ވެސް، ސައިންސްވެރިން ބުންޏެވެ.
ކޮވިޑް ވެކްސިންގެ 70 ޕަސެންޓް މިހާރު ވެސް މުއްސަނދި ގައުމުތަކުން ޔަގީންކޮށްފައިވާނެ ކަމަށް، ރިިޕޯޓް ތައްޔާރުކުރި ސައިންސްވެރިން ލަފާކުރެ އެވެ. އޭގެ މާނައަކީ، އޭގައި ބުނެފައިވާ ގޮތުގައި، ފަގީރު އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ބައެއް ގައުމުތަކަށް ބޭނުންވާ ވަރަށް ވެކްސިން ލިބެން އެތައް އަހަރެއް ނެގުމެވެ.
"މުޅި ދުނިޔޭގައި ވެކްސިން ދޭން ޖެހޭ އާބާދީއަށް ބަލާ ނަމަ ވެކްސިން ޑޯޒްތައް އުފައްދަން ޖެހިފައި މިވަނީ ތާރީހުގައި ވެސް މިހާތަނަށް ވެކްސިނެއް ދީފައިނުވާހާ ގިނަ އަދަދަކަށެވެ،" ރިޕޯޓްގައި ލިއުނެވެ.