10 ނޮވެމްބަރ 2016 - 06:17

އިނގިރޭސި ވިލާތުގެ ޕްރިންސް ވިލިއަމްގެ ކޮއްކޮ ޕްރިންސް ހެރީގެ ލޯބީގެ ގުޅުންތަކާ ބެހޭ ގޮތުން މީޑިއާތަކުގައި އަބަދު ވެސް ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެ އެވެ. އެކި އަންހެނުންނާ އޭނާއާ އަޅުވާ ކިޔަސް އެއްވެސް މީހަކާ ރައްޓެހިވެގެން އުޅޭކަން ހެރީ ކަށަވަރުކޮށެއް ނުދެ އެވެ.

ޕްރިންސް ވިލިއަމް އާއި ކޭޓް މިޑްލްޓަން ކައިވެނި ކުރި ދުވަސްވަރު އެންމެ ގަދަ އަށް ދެކެވުނީ ކެޓީގެ ކޮއްކޮ ޕީޕާ މިޑްލްޓަން އާއި ހެރީގެ މެދުގައި ހާއްސަ ގުޅުމެއް އޮންނަ ވާހަކަ އެވެ.
މީގެ ދުވަސްކޮޅެއް ކުރިން އަޑު ފެތުރިގެން ދިޔައީ އެމެރިކާގެ ބަތަލާ މެގަން މާކްލް އާއި ހެރީ ރައްޓެހިވެގެން އުޅޭ ވާހަކަ އެވެ.
އެހެންވެ މިހާރު މެގަންއާ ބެހޭ ގޮތުން ވާހަކަ ދައްކާކަށް ހެރީ ޖެހިލުމެއް ނުވެ އެވެ.
"ހޮރިބަލް ބޮސެސް" ފަދަ ފިލްމުތަކާއި "ސްއިޓްސް" ޑްރާމާ ސިލްސިލާއިން ފެނިފައިވާ 35 އަހަރުގެ ބަތަލާއާ ރައްޓެހިވެގެން އުޅޭކަން ހެރީ، 32، މިހާރު މި ވަނީ ކަށަވަރުކޮށް ދީފަ އެވެ.
ކެސިންޓަން ޕެލަސްގެ ހެރީގެ މީޑިއާ ސެކްރެޓަރީ ނެރުނު ބަޔާނެއްގައި ބުނީ ހެރީ އާއި މެގަންއާ ބެހޭ ގޮތުން މީޑިއާތަކުން "ވަރަށް އުނދަގޫވާ ކަހަލަ ވާހަކަތަކެއް" ފަތުރަމުންދާ ކަމަށެވެ.
މިކަމުގެ ސަބަބުން މެގަން އަށް ވެސް އެތައް ބައެއްގެ ދުއްތުރާތަކާއި މަލާމާތާއި ފުރައްސާރަ ވެސް ކުރިމަތިވަމުންދާ ކަމަށެވެ. ވަކިން ހާއްސަކޮށް ޕަޕަރާޒީންގެ އުނދަގުލާ އޭނާ އަށް ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނެފައިވެ އެވެ.
އެހެންވެ ބައެއްގެ ޒާތީ ދިރިއުޅުމުގެ ތެރެއަށް ވަދެ، ހާމަ ނުކުރަން ޖެހޭ ވަރަށް މީޑިއާތަކުގައި ތަފާތު ގޮތް ގޮތަށް ވަކިން ހާއްސަކޮށް އަސްލެއް ނެތް ބައެއް ވާހަކަތައް ވެސް ފެތުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.