14 ފެބުރުއަރީ 2021 - 09:24

ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އައީ ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް އަސްލު އޮޅުވާލައި މަންފާ ހޯދިކަން ސާބިތުވުމުން. އެއީ ޚިޔާނާތުގެ ފައިސާ ކަމަށް ޝައްކުވާ އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެވަޑައިގަތުމަށް ފަހު އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް، އެސްއޯއެފުން ޖަމާކުރި ފައިސާ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއްގައި އިންވެސްޓްކޮށް، އެ ފައިސާގެ އަސްލު އޮޅުވައިލުމުން.
މާފުށީ ޖަލުގައި ފަސް އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ހިންގާ އެހެން ތަހުގީގެއްގެ ބަޔާނުގައި ސޮއިކުރަން މި މަހުގެ ދޭއްގައި ވެސް ފުލުހުންގެ އިދާރާ އަށް ހާޒިރުކުރި. މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އުފުލައި ޖަލަށް ހުކުމް އިއްވާފައިވާ ޔާމީންގެ މައްޗަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ދައުވާ އުފުލައި ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ވަނީ ފަށާފައި. އެންމެ ފަހުން ބޭއްވި ޝަރީއަތުގައި އެ ދައުވާތަކަށް ޔާމީން އިންކާރު ކުރެއްވި.
ތަހުގީގަށް ހާޒިރު ކުރުމަށް ފަހު، ޔާމީން ގެކޮޅަށް ގެންދަން ނިންމީ ތަހުގީގާ ގުޅޭ ބައެއް ޑޮކިއުމަންޓުތައް ހޯދަން ކަމަށް "މިހާރު" އަށް އެނގިފައިވޭ.
ޔާމީން، ތަހުގީގަށް ފުލުހުންގެ އިދާރާ އަށް މިއަދު ހާޒިރުކުރަން ހަމަޖެހިފައި އޮތް ނަމަވެސް މިހާރު އެ މަނިކުފާނު އެ ތަހުގީގަށް ގެނައުން ކެންސަލް ކޮށްފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދެންމެ ބުނެފި. ނަމަވެސް ކެންސަލްކުރި ސަބަބެއް އެ އިދާރާގެ އޮފިޝަލް ވިދާޅެއް ނުވޭ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ހަތަރު ގަޑިއިރަށް ގެކޮޅަށް ގެންދަން ނިންމުމަށް ފަހު އެކަން ކެންސަލްކޮށްފި އެވެ.
ޔާމީން ގެންނަން އުޅޭތީ، ފުލުހުން ވަނީ ފުލުސް އޮފީސް ހުންނަ ސަރަހައްދު ބަންދު ވެސް ކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި ޔާމީން ގެޔަށް ގެންދަން ނިންމީ އެ މަނިކުފާނުގެ އެދިވަޑައިގަތުމަށް، ތަހުގީގަށް ބޭނުންވާ ލިޔުމެއް ގެއިން ހޯއްދެވުމަށެވެ.
ޔާމީން ގެނައުން ކެންސަލްކުރީ ވެސް ޔާމީންގެ އެދިވަޑައިގަތުމަށް ކަމަށް ވެސް ވަނީ އެނގިފަ އެވެ.