މިލާން ބަލިވެ އިންޓަ އަށް ފުރުސަތު ލިބިއްޖެ
މިލާން ބަލިވެ އިންޓަ އަށް ފުރުސަތު ލިބިއްޖެ

މިލާން (ފެބްރުއަރީ 14) - އިޓާލިއަން ލީގުގައި ރޭ ސްޕެޒިއާ އަތުން އެއް ވަނައިގައި އޮތް އޭސީ މިލާން 2-0 އިން ބަލިވުމުން ދެ ވަނައިގައި އޮތް އިންޓަ މިލާނަށް ލީގުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު ލިބިއްޖެ އެވެ.

މިލާން އެއް ވަނައިގައި އޮތީ 22 މެޗުން 49 ޕޮއިންޓާ އެކު އެވެ. އިންޓަ ދެ ވަނައިގައި އޮތީ 21 މެޗުން 47 ޕޮއިންޓާ އެކު އެވެ. މިރޭ ލާޒިއޯއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން އިންޓަ އަށް ލީގުގެ އެއް ވަނަ އަށް އެރޭނެ އެވެ. ލީގުގައި ދެން މިލާން އެންމެ އަވަހަށް ކުޅޭ މެޗަކީ އަންނަ ހަފްތާގައި އިންޓައާ ބައްދަލުކުރާ މެޗެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ސްޕެޒިއާ އިން މިލާން ކޮޅަށް ދެ ގޯލު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 55 ވަނަ މިނިޓްގައި އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ސްޕެޒިއާ އަށް ލީޑުނަގައިދިނީ ޖިއުލިއޯ މަގިއޯރް އެވެ. އޭގެ 11 މިނިޓް ފަހުން ސްޕެޒިއާގެ ދެ ވަނަ ގޯލު ޖެހީ ސިމޯން ބަސްޓޯނީ އެވެ. ރޭގެ މެޗުގައި މިލާންގެ ކުރިއަށް ކުޅޭ ކުޅުންތެރިންނަށް މާ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.

ސްޕެޒިއާ އަކީ ފާއިތުވި ތިން އަހަރު ތެރޭ އަލަށް ޕްރޮމޯޓްވެގެން އައިސް މިލާން ބަލިކުރި ދެ ވަނަ ޓީމެވެ. މީގެ ކުރިން 2018 ވަނަ އަހަރު ބެނެވެންޓޯ ވަނީ މިލާން ބަލިކޮށްފަ އެވެ. ސްޕެޒިއާ ވަނީ ރޭގެ މޮޅާ އެކު ލީގުގެ 14 ވަނަ އަށް ޖެހިލައިފަ އެވެ.

މިލާނުގެ ކޯޗު ސްޓެފާނޯ ޕިއޯލީ ބުނީ މިއީ އޭނާގެ ޓީމަށް ސީޒަނުގައި ކުރިއަށް ހުރި މެޗުތަކަށް ތައްޔާރުވާން ލިބުނު ރަނގަޅު ފިލާވަޅެއް ކަމަށާއި އެންމެ މުހިއްމީ ދެން ހުރި މެޗުތަކަށް ރަނގަޅަށް ތައްޔާރުވުން ކަމަށެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ރޭ ކުޅުނު މެޗުން ވަނީ 1-0 އިން ނަޕޯލީ އަތުން ބަލިވެފަ އެވެ. ނަޕޯލީގެ ހަމައެކަނި ގޯލު ޖެހީ ލޮރެންޒޯ އިންސީނިއޭ އެވެ. ކުޅުނު 21 މެޗުން ލިބުނު 40 ޕޮއިންޓާ އެކު ނަޕޯލީ ލީގުގެ ހަތަރު ވަނައިގައި އޮތްއިރު، ހަމަ އެ އަދަދަށް މެޗު ކުޅެގެން ލިބުނު 42 ޕޮއިންޓާ އެކު ޔުވެންޓަސް އޮތީ ލީގުގެ ތިން ވަނައިގަ އެވެ.