09 ނޮވެމްބަރ 2016 - 13:44

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތް މި މަހުގެ 15 ވަނަ ދުވަހު ފެށުމަށް އެފްއޭއެމުން ނިންމައިފި އެވެ.
ރާއްޖޭގެ ގައުމީ ފުޓްބޯޅަ މުބާރާތުގައި ވާދަކުރަނީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމު ކަމަށްވާ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީގެ އިތުރުން ގައުމީ މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕް ނިއު ރޭޑިއަންޓާއި މިނިވަން 50 ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ސ. ފޭދޫ އެވެ.
މުބާރާތް ރާވާފައިވަނީ ހަ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ ގޮތަކަށެވެ. އެގޮތުން ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ހޮވޭނެ އެވެ. ފުރަތަމަ ސެމީ ފައިނަލް މެޗު އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުގެރޭ ގްރޫޕް އެކެއްގެ އެއް ވަނަ ޓީމާއި ގްރޫޕް ދޭއްގެ ދެ ވަނަ ޓީމުގެ މެދުގަ އެވެ. ދެ ވަނަ ސެމީ ފައިނަލުގައި މިމަހުގެ 25 ވަނަ ދުވަހުގެރޭ ވާދަކުރާނީ ގްރޫޕް ދޭއްގެ އެއް ވަނަ ޓީމާއި ގްރޫޕް އެކެއްގެ ދެ ވަނަ ޓީމެވެ.
ފައިނަލް މެޗު އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުގެރޭ އެވެ.
ގައުމީ މުބާރާތުގައި މި ފަހަރު ޔުނައިޓެޑް ވިކްޓަރީ އާއި ޓީސީ އަލަށް ވާދަކުރާއިރު މާޒިޔާ އަކީ އެންމެ ފަހުގެ ޗެމްޕިއަނެވެ. އަދި އީގަލްސް އަކީ 2014 ވަނަ އަހަރުގެ ރަނަރަޕް ޓީމެވެ. ދެން ވާދަކުރާ ޓީމުތަކުގެ ތެރެއިން ނިއު ވަނީ މުބާރާތުގެ ޗެމްޕިއަންކަން 12 ފަހަރު ހޯދައިފަ އެވެ.
މިއީ ފޭދޫ ޓީމު ގައުމީ މުބާރާތުގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ މުބާރާތެއްގައި ވެސް ވާދަކުރާ ފުރަތަމަ ފަހަރެވެ. އެކަމަކު ފޭދޫއަށް ނިސްބަތްވާ ޑީއެންސީ ވަނީ 1970 ވަނަ އަހަރުގެ ގައުމީ މުބާރާތުގެ ޖޮއިން ޗެމްޕިއަންކަން ހޯދައިފަ އެވެ.
މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އަދި ތަށި ދެ ފަހަރު މިލްކުކޮށްފައިވާ ވިކްޓަރީ އަށް މި ފަހަރު ވެސް ފުރުސަތެއް ނުލިބެ އެވެ. މީގެ އިތުރުން މި މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ވެލެންސިއާ އަށް ވެސް، ގަދަ ހަތަރެެއްގައި ނުހިމެނޭތީ ފުރުސަތެއް ނެތެވެ.