އެމެރިކާގެ 45 ވަނަ ރައީސަކަށް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ 45 ވަނަ ރައީސަކަށް ޑޮނަލްޑް ޓްރަމްޕް

ވޮޝިންޓަން (ނޮވެމްބަރު 9) - އެމެރިކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ހިލަރީ ކްލިންޓަންގެ މައްޗަށް ކުރި ހޯއްދަވާ ދުނިޔެ އަށް ބޮޑު ހައިރާން ކަމެއް ގެނުވައި، ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ 45 ވަނަ ރައީސްގެ މަގާމު ކާމިޔާބު ކުރައްވައިފި އެވެ.

އެމެރިކާގެ 45 ވަނަ ރައީސަކަށް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ 45 ވަނަ ރައީސަކަށް ޑޮނަލްޑް ޓްރަމްޕް

"މިއީ އެމެރިކާގައި އުފެދިފައިވާ ޒަޚަމްތަކަށް ފަރުވާ ދީ އެންމެހާ ރައްޔިތުން އެކަތިގަނޑަކަށްވާންވީ ވަގުތު. އަޅުގަނޑު ވާނީ އެމެރިކާގެ އެންމެހާ ރައްޔިތުންގެ ރައީސް އަކަށް،" ކާމިޔާބީ ފާހަގަ ކުރުމަށް ނިއު ޔޯކުގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.

މީގެ ކުރިން ދައުލަތުގެ މަގާމެއް ފުރުއްވާފައި ނުވާ ނިއު ޔޯކުގެ ބިލިއަނަރު އަންނަ އަހަރުގެ ޖެނުއަރީ 20 އިން ފެށިގެން އެމެރިކާގެ ރައީސްގެ އިތުރުން ކޮމާންޑާ-އިން-ޗީފްގެ މަގާމާ ހަވާލުވެވަޑައިގަންނަވާނެ އެވެ.

ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރެއްވުމާ އެކު ދުނިޔޭގެ އެކި ހިސާބުތަކުގެ ސްޓޮކް މާކެޓަށް ވަނީ ލޮޅުން އަރައިފަ އެވެ.

އިންތިޚާބުގެ ކުރިން ނެގި ޚިޔާލު ހޯދުންތަކުގައި ކުރީގައި އުޅުއްވީ ހިލަރީ އެވެ. އެހެންވެ އެމެރިކާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަންހެން ރައީސަކު މިފަހަރު ލިބޭނެ ކަމަށް ގިނަ ބަޔަކު ތިބީ އުއްމީދުކޮށްގެންނެވެ.

ކެމްޕޭން ތެރޭގައި ހިލަރީ އަށް ބަހުގެ ހަމަލާތައް ދެއްވި ނަމަވެސް ޓްރަމްޕުގެ ކާމިޔާބީގެ ތަގްރީރުގައި ވަނީ ހިލަރީ އަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި އެކަމަނާގެ ގައުމީ ޚިދުމަތް ބަލައިގަންނަން ޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ އޭނާގެ އިގްތިސާދީ ސިޔާސަތެއް އެބައޮތް ކަމަށާއި ކުރިމަގުގައި އެމެރިކާ އަށް އިންފްރާސްޓްރަކްޗާ ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ.

ވޯޓުގެ ކުރިން ނެގި ހުރިހާ ޚިޔާލު ހޯދުމުގެ ވޯޓަކާ ޚިލާފަށް އެންމެ ހައިރާންކޮށްލުމަށް ފަހު ޓްރަމްޕް ވަނީ 270 އަށް ވުރެ ގިނަ އިލެކްޓޯރަލް ކޮލެޖް ވޯޓު ކާމިޔާބު ކުރައްވައިފަ އެވެ. މުހިންމު ސްޓޭޓްތައް ކަމަށްވާ ފްލޮރިޑާ، އޮހާޔޯ، އަޔޯވާ އަދި ނޯތު ކެރޮލައިނާގެ ވޯޓު ވަނީ ޓްރަމްޕް ކާމިޔާބު ކުރަައްވައިފަ އެވެ. އަދި ހިލަރީ ވަނީ ވާޖީނިއާ އާއި ނެވާޑާގެ ވޯޓު ކާމިޔާބު ކުރައްވައިފަ އެވެ.

އޮހާޔޯގެ ވޯޓު ލިބުމަކީ ވެރިކަމަށް ވަޑައިގަތުމަށް ޓްރަމްޕަށް ހުޅުވިގެން ދިޔަ ތަނަވަސް ދޮރެކެވެ. މީގެ ކުރިން ރިޕަބްލިކަން އެއްވެސް ކެންޑިޑޭޓަކަށް އޮހާޔޯގެ ވޯޓު ކާމިޔާބު ނުކޮށް ވައިޓްހައުސް އަށް ވަޑައިގެންނެވިފައެއް ނުވެ އެވެ. އަޔޯވާ އިން ރިޕަބްލިކަން ޕާޓީ އަށް އެންމެ ފަހުން ވޯޓުދީފައި ވަނީ 2004 ވަނަ އަހަރު އެވެ. މީގެ އިތުރުން ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތައް ކަމަށްވާ އޫތާ، އަލަބާމާ، ކެންޓަކީ، ސައުތު ކެރޮލައިނާ، ނެބްރަސްކާ، އިންޑިއާނާ، ވެސްޓް ވާޖީނިއާ، މިސިސިޕީ، ޓެނެންސީ، އޮކްލަހޮމާ އަދި ޓެކްސަސްގެ ވޯޓު ވަނީ ޓްރަމްޕް ކާމިޔާބު ކުރައްވައިފަ އެވެ. އަދި ޖޯޖިއާ، މިސޫރީ، މޮންޓާނާ، ލޫސިއާނާ، އާކަންސަސް، ނޯތު ޑަކޯޓާ، ސައުތު ޑަކޯޓާ، އިދާހޯ އަދި ވަޔޯމިންގެ ވޯޓު ވެސް ނެންގެވީ ޓްރަމްޕެވެ.