14 ފެބުރުއަރީ 2021 - 07:45

މިދިޔަ އަހަރު އަލަތު ކައިވެނި ރޫޅައިލި ބޮލީވުޑްގެ ބަތަލާ ދިއާ މިރްޒާ މާދަމާ ކައިވެނިކުރަން ތައްޔާރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ ދިއާގެ އާ ބައިވެރިޔަކީ ފައިނޭންޝަލް އިންވެސްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ވައިބާވް ރޭކީ ކަމަށެވެ. ދިއާ އާއި އޭނާ ލޯބީގެ ގޮތުން ގުޅުނީ ދިއާގެ ކައިވެނި ރޫޅާލިތާ މާ ގިނަ ދުވަހެއް ނުވަނީސް ކަމަށާއި މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން އެ މީހުން އުޅެމުން އަންނަނީ ވެސް އެކީގައި ކަމަށް މީޑިއާތަކުން ބުނެ އެވެ.
ވައިބާވަކީ ވެސް ކުރިން ކައިވެންޏެއް ކޮށްފައިވާ މީހެކެވެ. އޭނާ ކުރީގެ އަންހެނުންނަކީ ޔޯގާ އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ސުނައިނާ އެވެ. އެ ކައިވެނި ރޫޅުނު އިރު އަންހެން ކުއްޖަކު ވެސް ލިބިފައިވެ އެވެ.
މީޑިއާތަކުން ބުނީ ދިއާ އާއި ވައިބާވް މުމްބާއީގައި ކައިވެނިކުރާ އިރު ހަފުލާގައި ބައިވެރިވާނީ ހަމައެކަނި ދެ ފަރާތުގެ އާއިލާގެ މީހުންނާއި ބައެއް ރައްޓެހިން ކަމަށެވެ.
ދިއާ އާއި ޑައިރެކްޓަރު ސާހިލް ސާންގާގެ 11 އަހަރުވީ ކައިވެނި ރޫޅާލަން ނިންމިކަން ދިއާ ސޯޝަލް މީޑިއާގައި އިއުލާންކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 1 ގަ އެވެ. އޭރު ބައެއް މީޑިއާތަކުން ބުނީ އެ ކައިވެނި ރޫޅުމުގެ އަސްލަކީ ސާހިލް އާއި ސްކްރީން ރައިޓަރު ކަނިކާ ދިލަންގެ މެދުގައި އޮތް ސިއްރު ގުޅުމެއް ފަޅާއެރުން ކަމަށެވެ. އެކަމަކު ދިއާ ވަނި އެކަން ދޮގުކޮށްފަ އެވެ.
"ޖަޖްމަންޓަލް ހޭ ކިޔާ" އާއި "މަންމަރްޒިޔާ" އަދި "ކޭދަރުނާތު" ފަދަ ފިލްމުތަކުގެ ސްކްރީން ރައިޓަރު ކަނިކާ ދާދި ފަހުން ވަނީ ސްކްރީން ރައިޓަރު ހިމާންޝޫ ޝަރުމާއާ ކައިވެނިކޮށްފަ އެވެ. އޭނާ އަކީ މި އަހަރު ރިލީޒްކުރާ "އަތުރަންގީ ރޭ" އާއި "ހަސީން ދިލްރުބާ" ގެ ސްކްރީން ރައިޓަރެވެ.
ކުރިން ބަތަލާ ސްވަރާ ބާސްކަރާ ގިނަ ދުސްތަކެއް ވަންދެން ލޯބީގެ ގުޅުމެއް ބޭއްވި ހިމާންޝޫ ލިޔުނު ފިލްމުތަކުގެ ތެރޭގައި "ތަނޫ ވެޑްސް މަނޫ" އާއި "ރާންޖަނާ" ފަދަ ކާމިޔާބު ފިލްމުތައް ހިމެނެ އެވެ.
ހިމާންޝޫ އާއި ކަނިކާގެ ކައިވެންޏަކީ ކަނިކާގެ ދެވަނަ ކައިވެންޏެވެ. އޭނާގެ ކުރީގެ ފިރިމީހާ އަކީ ކަންގަނާ ރަނާވަތު ކުޅުނު "ޖަޖްމެންޓަަލް ހޭ ކިޔާ" ގެ ޑައިރެކްޓަރު ޕްރަކާޝް ކޮވެލަމުޑީ އެވެ.