ކޮވިޑުގައި މިއަދު އަނެއްކާވެސް މަރެއް، ޕޮޒިޓިވްކަން އެނގުނީ މަރުވި ފަހުން
ކޮވިޑުގައި މިއަދު އަނެއްކާވެސް މަރެއް، ޕޮޒިޓިވްކަން އެނގުނީ މަރުވި ފަހުން

އައިޖީއެމްއެޗަށް އިމަޖެންސީގައި ރޭ ދަންވަރު ގެންދިޔަ އަންހެނަކު މަރުވި ފަހުން ޓެސްޓްކުރިއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއީ، ރާއްޖެއިން ކޮވިޑުގައި މިއަދު މަރުވި ދެ ވަނަ މީހާގެ ގޮތުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްއީއޯސީ)ން ވަނީ ކަނޑައަޅައިފަ އެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދިން މީހަކު ވެސް ރޭ ދަންވަރު މި ބަލީގައި ވަނީ މަރުވެފަ އެވެ.

ކޮވިޑުގެ ދެ ވަނަ މަރާ އެކު ރާއްޖެ އިން މި ބަލީގައި މަރުވި އަދަދު ވަނީ 58 އަށް އަރައިފަ އެވެ.

ތިން ވަނަ ރާޅަކާ އެކު ބަލި ފެތުރޭ މިންވަރު ބާރުވެ ރާއްޖެ މިއޮތީ ހައި ރިސްކު ކެޓަގަރީގައި ކަމަށް ސިއްހީ މާހިރުން ވިދާޅުވެފަ އެވެ. ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން މިހާތަނަށް އެ ބަލީގެ އެކްޓިވް ކޭސްތައް މައްޗަށް ނުދާ މިންވަރަށް މިހާރު ވަނީ މަތިވެފަ އެވެ. ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 17،507 އަށް އަރައިފަ އެވެ.

ހާލަތު ގޯސްވިޔަ ނުދޭން ހަރުކަށި ފިޔަވަޅުތައް ވެސް އަންނަނީ އަޅަމުންނެވެ. ވެހިކަލްގައި އުޅޭ ވަގުތު މަދުކުރުމާއި އެއްފަހަރާ 10 މީހުންނަށް ވުރެން ގިނައިން މަގުމަތީގައި އުޅުން މަނަލެވެ. ދަށް ގްރޭޑްތަކުގެ ކިޔެވުން އޮންލައިންކޮށް ބަދަލުކޮށް ސްކޫލަށް ނުދާ ގޮތަށް ވެސް ރޭ ވަނީ ހަމަޖައްސައިފަ އެވެ.