ޒުވާން ޑިފެންޑަރު އުޕަމެކާނޯ ބަޔާނަށް: ރިޕޯޓް
ޒުވާން ޑިފެންޑަރު އުޕަމެކާނޯ ބަޔާނަށް: ރިޕޯޓް

މިއުނިކް (ފެބްރުއަރީ 13) - ޔޫރަޕްގައި އެންމެ ޑިމާންޑް ބޮޑު އެއް ޒުވާން ޑިފެންޑަރު، އާރްބީ ލައިޕްޒިގުގެ ޑަޔުޓް އުޕަމެކާނޯ އެކި ކްލަބްތަކުން ލިބިފައިވާ ބޮޑެތި ހުށަހެޅުންތަކަކަށް ނޫނެކޭ ބުނެ ދުނިޔޭގެ ޗެމްޕިއަން ބަޔާން މިއުނިކަށް ބަދަލުވާން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފްރާންސް ގައުމީ ޓީމަށް ވެސް ކުޅޭ އުމުރުން 22 އަހަރުގެ އުޕަމެކާނޯ، މިދިޔަ އަހަރު ލައިޕްޒިގާ އެކު ހަދާފައިވާ އެއްބަސްވުން 2023 ވަނަ އަހަރުގެ ނިޔަލަށް އާ ކުރި އެވެ. އެއީ އެއްބަސްވުން އުވާލަން ދައްކަން ޖެހޭ އަގަކީ 52 މިލިއަން ޑޮލަރު ކަމަށް ކޮންޓްރެކްޓްގައި ހިމަނައިގެންނެވެ. ކޮންޓްރެކްޓްގެ އެ މާއްދާ އަށް އަމަލުކުރަން ފަށާނީ މި ސީޒަން ނިމުމުންނެވެ. ބަޔާނުން އުޕަމެކާނޯގެ ސޮއި ހޯދަން ނިންމީ އެ އަގު ދޭން އެއްބަަސްވެގެންނެވެ.

އުޕަމެކާނޯ ހޯދުމުގެ ރޭހުގައި ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް އަދި ޗެލްސީން ވާދަކުރި އެވެ. ޗެލްސީ އާއި ޔުނައިޓެޑުން އޮތީ އުޕަމެކާނޯ އަށް ބަޔާނުން ހުށަހެޅި ވަރަށް ވުރެން ބޮޑު މުސާރައެއް ދޭން ނިންމައިގެންނެވެ. ލިވަޕޫލުން ބޮޑަށް އުޕަމެކާނޯގެ ޑީލުގެ ތެރެއަށް ވަންނަން ނިންމާފައި އޮތީ މި ސީޒަން ނިމުމުންނެވެ. އެކަމަކު ބަޔާނުން އޭނާއާ އެކު އެއްބަސްވުމަކަށް އައުމުން މިހާރު އެހެން ކްލަބްތަކަށް އުޕަމެކާނޯ ބަދަލުވުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވީ އެވެ.

ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު ހަސަން ސަލިހަމިދްޒިޗް ބުނީ އުޕަމެކާނޯ ބަޔާނާ ގުޅެން ނިންމުމަކީ މުޅި ކްލަބުން އުފާކުރާކަމެއް ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން ބަޔާނުން އުޕަމެކާނޯ ގެނައުމުގެ މަސައްކަތް ވަރުގަދަކުރީ އެ ޓީމުގެ އޮސްޓްރިއާ ޑިފެންޑަރު ޑޭވިޑް އަލަބާ މަޑުކުރުވަން ކުރި މަސައްކަތް ކާމިޔާބުނުވުމުންނެވެ.

އޮސްޓްރިއާގެ ލިއެފްރިން އިން ކެރިއަރު ފެށި އުޕަމެކާނޯ އެންމެ ފުރަތަމަ ބަދަލުވީ ރެޑްބުލް ކުންފުނީގެ ފަރާތުން ހިންގާ އޮސްޓްރިއާގެ ކްލަބް ސަލްޒްބާގަށެވެ. އެ ޓީމުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ރެޑްބުލް އިން އެންމެ ބޮޑު އިންވެސްޓެއް ކޮށްގެން ހިންގާ ޖަރުމަނުގެ ލައިޕްޒިގަށް އުޕަމެކާނޯ ބަދަލުވީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ އަންނަނީ ގަވާއިދުން އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މިދިޔަ ސީޒަނުގައި ލައިޕްޒިގު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކުރިއިރު އުޕަމެކާނޯ މޮޅު ކުޅުމެއް ދެއްކި އެވެ.