ކޮވިޑަށް ހާއްސަކުރި އެނދުތައް މިއަދު ވެސް ފުރިދާނެ!
ކޮވިޑަށް ހާއްސަކުރި އެނދުތައް މިއަދު ވެސް ފުރިދާނެ!

ކޮވިޑް-19ގެ އެންމެ ނުރައްކާ ހާލަތުގައި ރާއްޖެ އޮތްއިރު، ފަރުވާ އަށް ޚާއްސަކުރި އެނދުތައް ގާތްގަނޑަކަށް ފުރިފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ރޭ ބުނެފި އެވެ.

ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރުން ވިދާޅުވީ މާލެ ސަރަހައްދުގައި ހުރި ފެސިލިޓީތަކުގައި މިހާރު ބާކީ ހުރީ 15 އެނދު ކަމަށެވެ. ރާއްޖެ އިން ކޮންމެ ދުވަހަކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 130 އިން މަތީގަ އެވެ. އެހެންވެ އެނދުތައް މިއަދު ވެސް ފުރުމުގެ ފުރުސަތު އެބައޮތެވެ.

މާލެ ސަރަހައްދުގައި ކޮވިޑަށް ޚާއްސަކުރި ފެސިލިޓީތަކުގެ އެނދުގެ އަދަދަކީ 267 އެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 248 އެނދާއި ދަރުމަވަންތަ ހޮސްޕިޓަލްގެ 19 އެނދެވެ.

ކޮވިޑްގައި ހާލު ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ހުންނަ ޑީއެޗް11 ގައި ނުވަ އައިސީޔޫ އެނދު ހުންނައިރު އެތަނުގައި ތިން މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އެތަނުގެ އެހެން ވޯޑުތައް ވަނީ އެއްކޮށް ފުލްވެފަ އެވެ.

ކޮވިޑަށް ފަރުވާ ދިނުމަށް ހަ ރަށެއްގައި ޖުމްލަ 186 އެނދު ގާއިމް ކުރި އެވެ. އެކަމަކު ރަށްރަށުގައި ފަރުވާ ދެމުން ދަނީ ނުވަ މީހަކަށް ކަމުން ގިނަ އެނދުތައް ހުރީ ހުހަށެވެ.

ރާއްޖެއަށް މިހާރު ކުރިމަތިވެފައިވަނީ ކޮވިޑްގެ އެންމެ ނުރައްކާތެރި ރާޅުކަމަށް، ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. އަދި ހާއްސަ ސަމާލުކަމެއް ނުދެވިއްޖެ ނަމަ، ރާއްޖޭގެ ސިއްހީ ދާއިރާއަށް އޮބި ނޯންނަވަރަށް ހާލަތު ގޯސްވެދާނެ ކަމަށް ވެސް ދަނީ އިންޒާރުތައް ދެމުންނެވެ.

ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ބަޔަކަށް ބަލި ޖެހޭއިރު، ހާލު ސީރިއަސްވާ މީހުންގެ އަދަދު ވެސް ދަނީ އިތުުރުވަމުންނެވެ. އެންމެ ބޮޑު ބިރަކީ، އެންމެންނަށް ފަރުވާ ދެވޭ ވަރަށް ޖާގަ ނެތުމެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އަލީ ލަތީފް ވިދާޅުވީ ބަލީގައި މި ވަގުތު ގިނައިން އެޑްމިޓްކޮށްފައި ތިބީ "ޅަ" މީހުން ކަމަށެވެ. ބެލެވޭ ގޮތުގައި އެ ވިދާޅުވީ ޒުވާނުންގެ ވާހަކަ އެވެ.

ބައެއް މީހުންގެ ފަރާތުން އާދައިގެ އަލާމާތްތަކެއް ފެނުނު ނަމަވެސް "ބުނަން ނޭނގޭ މީހުންނަށް، އުމުރުން ޅަ މީހުންނަށް ވެސް އަދި މެދު އުމުރުގެ މީހުންނަށް ވެސް ބަލި ސީރިއަސް ހާލަތަށް ގޮސްގެން އެންމެ ސީރިއަސް" ވެގެން އެބަ ދާ ކަމަށް، ޑޮކްޓަރުން ވިދާޅުވި އެވެ. އެހެންވެ، އިލްތިމާސް ކުރައްވަނީ، އެއީ ކޮންމެ މީހަކަށް ވެސް ދިމާވެދާނެ ގޮތެއްކަން ދެނެ ތިބުމަށެވެ.

ރާއްޖޭގައި މިހާތަނަށް 17،000އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިއްޖެ އެވެ. މިއީ، ރެކޯޑް އަދަދެކެވެ. އަދި ބަލީގެ ނުރައްކާ ބޮޑުވަމުންދާ ކަމުގެ އިންޒާރު ސިއްހީ އޮފިޝަލުން ދަނީ ދެއްވަމުންނެވެ.
މި ބަލީގައި ރާއްޖެ އިން މިހާތަނަށް ވަނީ 56 މީހަކު މަރުވެފަ އެވެ. މި މަހުގެ ތެރޭގައި އެކަނި ވެސް ކޮވިޑުގައި ހަ މީހަކު ވަނީ މަރުވެފަ އެވެ.