ކޮވިޑްގައި ރާއްޖޭން ކޮންމެ 5.8 ދުވަހަކުން މަރެއް!
ކޮވިޑްގައި ރާއްޖޭން ކޮންމެ 5.8 ދުވަހަކުން މަރެއް!

މިދިޔަ މާޗު މަހު ރާއްޖޭން ކޮވިޑް-19 ފެނުނު ފަހުން، އެ ބަލީގައި، ކޮންމެ 5.8 ދުވަހަކުން މީހަކު މަރުވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ރާއްޖޭން ކޮވިޑް ބަލީގެ މީހަކު ފުރަތަމަ ފެނުނީ މިދިޔަ އަހަރުގެ މާޗު 27ގައި ރިސޯޓަކުންނެވެ. މާލެ ތެރެއިން ބަލި ފެނި، ކޮމިއުނިޓީ ސްޕްރެޑް ފެށުނީ ޖެހިގެން އައި މަހު 15 ވަނަ ދުވަހު އެވެ.

މާޗު މަހު ރާއްޖޭން ބަލި ފެނުނު ފަހުން މިއަދަށް 341 ދުވަސްވެފައިވާއިރު، މިހާތަނަށް އެ ބަލީގައި 58 މީހަކު ވަނީ މަރުވެފަ އެވެ. މިއީ ރާއްޖޭން ކޮވިޑް ފެނުނު ފަހުން ކޮންމެ 5.8 ދުވަހަކަށް މަރެއްގެ ރޭޓެވެ. ޑޮކްޓަރުން ދެކޭ ގޮތުގައި މިއީ އެއް ބައްޔެއްގައި މީހުން މަރުވާން ވަރަށް ގިނަ އަދަދެކެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ މީހުން މަރުވީ މިދިޔަ މަހު އޮގަސްޓުގަ އެވެ. އެއީ 12 އެވެ. ކޮންމެ ދުވަހަކު މީހުން ޕޮޒިޓިވްވާ ރޭޓު މަތިވެ، ރޭގަނޑުގެ ވަކި ވަގުތުތަކެއްގައި ވެހިކަލް ނުދުއްވޭ ގޮތަށް ފިޔަވަޅުތައް ހަރުކަށި ވެސް ކުރީ ވެސް އެ މަހުގެ ތެރޭގަ އެވެ. ބަލީގައި މީހަކު މަރު ނުވަނީ އެންމެ ފުރަތަމަ ބަލި ފެނުނު މަސް ކަމަށްވާ މިދިޔަ އަހަރުގެ މާޗުގަ އެވެ.

މި މަހުގެ މިހާތަނަށް ހަ މީހަކު މަރުވެފައިވާއިރު، މިދިޔަ 24 ގަޑިއިރު ތެރޭ ވެސް ދެ މީހަކު ވަނީ މަރުވެފަ އެވެ.

ކޮވިޑްގެ ނުރައްކާ އެންމެ ބޮޑީ، އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކުގެ މީހުންނަށެވެ. މަރުވި އެންމެން ކަހަލަ ގޮތަކަށް ހިމެނެނީ އެ ދެ ކެޓަގަރީގަ އެވެ. އެކަމަކު، މިހާރު އެޑްމިޓް ކުރަމުން ދަނީ "ޅަ" މީހުން ކަމަށާއި އެ ފަދަ މީހުން ވެސް ސީރިއަސް ހާލަތްތަކަށް ދާ ކަމަށް ޑޮކްޓަރުން ވަނީ އިންޒާރު ދީފަ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، އެވްރެޖްކޮށް ކޮންމެ ދުވަހަކު 51 މީހުން ކޮވިޑަށް ޕޮޒިޓިވްވެ އެވެ. އަދި 45 މީހުން ބަލިން ރަނގަޅުވެ އެވެ.

ރާއްޖެއަށް މިހާރު ކުރިމަތިވެފައިވަނީ ކޮވިޑްގެ ތިން ވަނަ ރާޅެވެ. އަދި މިއީ ނުރައްކާތެރި ހާލަތެއް ކަމަށާއި މީގެ ކުރިން ބަލީގެ ހާލަތު ގޯސް ނުވާވަރަށް މިހާރު ގޯސްވެފައިވާ ކަމަށް ކަމާ ގުޅޭ އިދާރާތަކުން ދަނީ ބުނަމުންނެވެ. ބަލި ޖެހޭ މީހުންގެ އަދަދު މި ފަހަކުން ކޮންމެ ދުވަހަކު 100އިން މަތިވެފައިވާއިރު ފަރުވާ ދޭ ފެސިލިޓީތަކުގެ އެނދުތައް ދަނީ ފުރެމުންނެވެ.