13 ފެބުރުއަރީ 2021 - 10:49

ކޮވިޑް-19 އިން ދިފާއުވާން ވެކްސިން ޖެހުމަށް ގިނަ އަދަދެއްގެ މީހުން ކިޔޫގައި ޖެހިއްޖެ އެވެ.

މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވެކްސިން ދޭން ފެށި ނަމަވެސް ގިނަ ބަޔަކަށް ވެކްސިން ދިނުމަށް ހުޅުވާލީ މިއަދެވެ. މީގެ ކުރިން ވެކްސިން ދެމުން އައީ ހައި ރިސްކުގެ އުމުރުން ދުވަސްވީ މީހުންނަށާއި ފްރޮންޓްލައިންގައި ހިމެނޭ މަސައްކަތްތެރިންނަށެވެ. އެކަމަކު މިއަދު ވަނީ އުމުރުން 18 އަހަރުން މަތީގެ ހައި ރިސްކުގެ މީހުންނާއި 55 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދިނުމަށް ހުޅުވާލާފަ އެވެ.
މިއަދު ވެކްސިން ދެމުން އަންނަނީ ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒާއި ވިލިމާލޭ ޒުވާނުންގެ މަރުކަޒުގެ އިތުރުން ހުޅުމާލޭގައި ހުންނަ ކުރީގެ ފްލޫ ކްލިނިކުންނެވެ. އެ ހުރިހާ ތަނެއްގައި ވެސް ބޮޑު ކިއުއެއް އެބައޮތެވެ. އަވި ދޭތީ ބައެއް މީހުން ކުޑަ އަޅައިގެން ކިއުގައި މަޑުކޮށްލައިގެން ތިބި އިރު، އުމުރުން ދުވަސްވީ މީހުން ވެސް ކިޔުގައި ތިއްބެވެ.
މިއީ ވެކްސިން ޖަހަން ފެށި ފަހުން މިހާ ބޮޑު ކިއުއެއް އޮތް ފުރަތަމަ ފަހަރެވެ.
"ހެނދުނު ނުވައެއް ޖެހިއިއިރު ވެކްސިން ދޭން ފެށީ. އެކަމަކު ހަތެއް ޖެހިތަނާ އައިސް ކިޔުއަށް އަރައިފިން. އެހާ އަވަަހަށް އައީމަ ކަންނޭނގެ ތަންކޮޅެއް އަވަހަށް ނިމިއްޖެ،" ހުޅުމާލޭ ފްލޫ ކްލިނިކުން ވެކްސިން ޖެހި، ހަކުރު ބައްޔަށް ފަރުވާ ހޯދާ ޒުވާނަކު ބުންޏެވެ.
"އެކަމަކު ބައެއް މީހުން ތިބި ދެ ގަޑިއިރެއްހާއިރު ވަންދެން ކިޔޫގައި،"
ވެކްސިން ދިނުން ހަލުވިކުރަމުން މި ދަނީ ކޮވިޑް ޖެހޭ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވެފައި ވަނިކޮށެވެ. އިއްޔެ ވެސް، 120 މީހަކު ބައްޔަށް ޕޮޒިޓިވްވި އެވެ. ބަލި ޖެހިފައި ތިބި މީހުންގެ ޖުމްލަ އަދަދު 17،507 އަށް އަރާފައިވާ އިރު މިއީ ރެކޯޑް އަދަދެކެވެ.
މި ބަލީގައި މިއަދު ވެސް މީހަކު މަރުވެފައިވާއިރު ޖުމްލަ އަދަދު 57އަށް ވަނީ އަރައިފަ އެވެ.