ފިރިމީހާގެ އުފަންދުވަހު މަދޫރީގެ ތައުރީފް
ފިރިމީހާގެ އުފަންދުވަހު މަދޫރީގެ ތައުރީފް

ދިރިއުޅުން ވަރަށް އުފާވެރި ކަމަށާއި ފިރިމީހާ ޑރ. ސްރީރާމް ނޭނޭއާ އެކު ހޭދަކުރާ ކޮންމެ ވަގުތަކީ އެޑްވެންޗާއެއް ކަމަށް ބުނެ ބޮލީވުޑްގެ ބަތަލާ މަދޫރީ ޑިކްސިޓް ފިރިމީހާ އަށް ތައުރީފުކޮށްފި އެވެ.

މި މަހުގެ 11 ގައި ފާހަގަކުރި ނޭނޭގެ 55 ވަނަ އުފަން ދުވަހާ ދިމާކޮށް، އެކީގައި ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް މަދުރީ ބުނީ ނޭނޭ އަކީ ވަރަށް ލޯބިވާ ފިރިއެއް ކަމަށެވެ.

ނޭނޭ އާއި މަދޫރީ، 53، ކައިވެނިކުރީ 1999 ގަ އެވެ. ނޭނޭ އަކީ އިނގިރޭސިވިލާތަށް އުފަން އެކަމަކު އެމެރިކާގެ ރަށްވެހިކަން އޮންނަ ޑޮކްޓަރެކެވެ. އޭނާ އާއި މަދޫރީ ކައިވެނި ވެސް ކުރީ އެމެރިކާގަ އެވެ.
ކައިވެންޏަށް ދެ ފިރިހެން ކުދިން ލިބިފައިވެ އެވެ. އެއީ އަރިން ނޭނޭ، 17، އާއި ރަޔަން ނޭނޭ، 15، އެވެ.

ނޭނޭއާ ކައިވެނިކޮށްގެން މަދޫރީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެމެރިކާގައި ދިރިއުޅުނެވެ. އަދި ފަހުން އާއިލާއާ އެއްކޮށް އިންޑިއާ އަށް ދިރިއުޅުން ބަދަލުކުރީ 2011 ގަ އެވެ.

ފިލްމީ ކެރިއަރު ވެސް ދޫކޮށްލައި އެމެރިކާގައި ދިރިއުޅުނު ދުވަސްވަރު ވެސް މަދޫރީ އަށް ބޮލީވުޑުން ގިނަ ހުށަހެޅުންތަކެއް ލިބެމުން ދިޔަ އެވެ. އެގޮތުން ކައިވެނިކޮށް ދަރިން ލިބުނު ފަހުން އޭނާ ކުޅުނު ފުރަތަމަ ފިލްމަކީ 2007 ގައި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދިން "އާޗަ ނަޗްލޭ" އެވެ.

ހިންދީ ސިނަމާގެ އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭގައި ކުރިން ހިމެނުނު މަދޫރީ އަލުން އިންޑިއާ އަށް ދިރިއުޅުން ބަދަލުކޮށް އެންމެ ފުރަތަމަ ކުޅުނު ފިލްމުތަކަކީ 2014 ގެ "ދޭޅު އިޝްގިޔާ" އާއި އެ އަހަރުގެ "ގުލާބް ގޭންގް" އެވެ.

މަދޫރީގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ކަލަންކް" އެވެ. އޭނާ މިހާރު އަންނަނީ އެ ފިލްމު ގެނެސްދިން ކަރަން ޖޯހަރުގެ ދަރުމާ އިން ހަދާ ވެބް ސީރީޒެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުންނެވެ.

މި މަހުގެ 26 ގައި ފަށާ ކަލާޒްގެ "ޑާންސް ދިވާނޭ 3" ގެ ޖަޖުންގެ ޕެނެލުން ވެސް މަދޫރީ ފެންނާނެ އެވެ.

މަދޫރީ އާއި ފިރިމީހާ އަކީ މިހާރު އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ވެސް ހިންގާ ދެ މީހުންނެވެ. އެއީ 2018 ގައި ލޯންޗްކުރި "އާރްއެންއެމް" އެވެ. މަރާޓީ ބަހުން ހަދާ އުފެއްދުންތަކަށް ހާއްސަ އެ ކުންފުނިން ގެނެސްދިން ބައެއް އުފެއްދުންތައް ނެޓްފްލިކްސް އިން ސްޓްރީމްކޮށްފައިވެ އެވެ.