13 ފެބުރުއަރީ 2021 - 09:32

ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދޭން ޖެހޭ ބަލި މީހުންނާއި އެ މީހުންގެ އާއިލާތަކުގެ ހާލަތު، އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ސިފަކުރައްވަނީ ނުހަނު ބޮޑު ހިތްދަތިކަމެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ބަލި އަމިއްލަ އަށް ތަޖުރިބާ ނުކުރާ ނުވަތަ ބަލީގައި މީހަކަށް ބޮޑުވަރު ވެގެން އުޅޭ ތަން ނުފެންނަ މީހަކަށް އެ ވާހަކަ ކިޔައިދީ ވިސްނައިދޭން ވެސް އުނދަގުލެވެ.
ހޮސްޕިޓަލުގެ ވަކި ތަނެއްގައި އެކަނިމާއެކަނި އޮންނަ ބަލިމީހާ އާއި ގޭގައި ތިބެން ޖެހޭ އާއިލާގެ މީހުން ވެސް ވަގުތުތައް ގުނަނީ، ޑޮކްޓަރު ވިދާޅުވިގޮތުގައި، "ވަރަށް ބޮޑު ހިތާމައެއްގައި, ވަރަށް ބޮޑު ފިކުރެއްގަ" އެވެ. ކޮވިޑްގެ ބަލިމީހުން ގާތުން ދެކެވަޑައިގަންނަވާ އަދި އެ މީހުންގެ އާއިލާތަކާ ވާހަކަދައްކަވާ ޑޮކްޓަރެއްގެ ހައިސިއްޔަތުން އޭނާ ވިދާޅުވީ މި ބަލީގައި އެޑްމިޓްކުރާ ހިސާބުން ދާން ޖެހެނީ "ހިތްދަތިވާ ހާލަތަކަށް" ކަމަށެވެ.
އޭގެ ނަތީޖާ ވެސް ޑޮކްޓަރު ކިޔައިދެއްވި އެވެ. އޭނާ ވިދާޅުވިގޮތިުގައި ގިނަ ފަހަރަށް ބަލިމީހާ އަށް ނޭވާލާން އުނދަގޫވާ އެއް ސަބަބަކީ ވެސް ހާސްވެ ފިކުރު ބޮޑުވުން ނުވަތަ އެންޒައިޓީ އެވެ.
"މި ކަހަލަ ހާލަތަށް ގޮސްގެން، ގިނަ ފަހަރަށް ބަލިމީހާ އަށް ނޭވާލާން އުނދަގޫވެގެން ހާލަތު ބޮޑުތަން ގޯސްވެގެން ދަނީ ވެސް،" ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ރޭ ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޑރ. މުހައްމަދު ވިދާޅުވި އެވެ.
ބަލީގެ ގޮތުން އާއިލާގެ މީހުންނަށް ބަލިމީހާ ގާތަށް ނުދެވުމަކީ ކޮން ކަހަލަ ކަމެއް ކަން ވެސް ޑޮކްޓަރު ސިފަކޮށްދެއްވި އެވެ.
އާއިލާގެ މީހުން "ތިބޭނީ ކޮންމެ ދުވަހަކު ގޭގައި އަޅުގަނޑުމެންގެ ފަރާތުން ފޯނު ކޯލެއް އާދޭތޯ ނުވަތަ ޚަބަރެއް އިވޭތޯ ނުވަތަ ބަލިމީހާގެ ހާލަތެއް އެނގޭތޯ އެ އިންތިޒާރުގައި. އިރުއިރުކޮޅުން ބަލައިލެވޭނީ ފޯނަށް. ނުވަތަ ގުޅާލެވޭނީ ފޯނުން, އެ ބަލިމީހާގެ ހާލަތު ކިހިނެއްތޯ ބެލުމަށް،" ޑރ. މުހައްމަދު ވިދާޅުވި އެވެ.
ކޮވިޑްގެ މާ ހަލުވިކޮށް ފެތުރޭ ވައްތަރު ރާއްޖެ ވެސް އައިސް، މާލެ ސަރަހައްދުގެ ތިންވަނަ ރާޅުގައި ބަލީގެ ހާލަތު މި އޮތީ މިހާތަނަށް ކުރިމަތިވި އެންމެ ގޯސް ދަރަޖައިގައި ކަމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ. މައިގަނޑު ސަބަބަކީ ބަލި ފެތުރެމުންދާ ބާރުމިނާ އެކު، ހާލު ދެރަވާ މީހުންނަށް ވެސް ބަލިޖެހުން އިތުރުވެ ހޮސްޕިޓަލުގެ އެނދުތައް ފުރެމުން ދިޔުމެވެ.
ކޮވިޑް ކޮންޓްރޯލްކުރުމުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ފަރާތުން ޑރ. އަލީ ލަތީފު ރޭ ވިދާޅުވިގޮތުގައި ކޮވިޑްގެ ބަލިމީހުން ބައިތިއްބަން ބާކީ މިހާރު ހުރީ 15 އެނދެވެ.
އޭނާ ވިދާޅުވީ މި ބަލީގައި މި ވަގުތު ގިނައިން އެޑްމިޓްކޮށްފައި ތިބީ "ޅަ" މީހުން ކަމަށެވެ. ބެލެވޭގޮތުގައި އެ ވިދާޅުވީ ޒުވާނުން ވާހަކަ އެވެ.
ކޮވިޑް ޖެހިގެން ހާލު ދެރަވަނީ އުމުރުން ދުވަސްވީ މީހުން އެކަނި ނޫންކަން ޑރ. މުހައްމަދު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ބައެއް މީހުންނަށް އާދައިގެ އަލާމާތްތަކެއް ފެނުނު ނަމަވެސް "ބުނަން ނޭނގޭ މީހުންނަށް، އުމުރުން ޅަ މީހުންނަށް ވެސް އަދި މެދު އުމުރުގެ މީހުންނަށް ވެސް ބަލި ސީރިއަސް ހާލަތަށް ގޮސްގެން އެންމެ ސީރިއަސް" ވެގެން އެބަ ދާ ކަމަށެވެ. އެއީ ކޮންމެ މީހަކަށް ވެސް ކަން ދިމާވެދާނެ ގޮތްކަން ދެނެ ތިބެން އޭނާ އިލްތިމާސްކުރެއްވި އެވެ.
"ކޮންމެ ބޭފުޅަކު ވެސް, 'އަހަންނަށް ބަލިޖެހުނަސް އަހަންނަށް އޯކޭ' އޭ މި ގޮތަށް ހިތަށް އަރުވާ ނުލާށޭ. ހަމަ އަނެކާ ނުވަތަ ދެން ހުންނަ މީހާއަކީ ވެސް ނުވަތަ ތިމާއަކީ ވެސް މި ބަލީގެ ސަބަބުން ސީރިއަސް ހާލަތަކަށް ހިނގައިދާނެ މީހެއްކަން ބަލައިގެން އެ ގޮތަށް ފިޔަވަޅުތައް އަޅަމުން ގެންދަން ވާނީ،" ޑރ. މުހައްމަދު ވިދާޅުވި އެވެ.
ގިނައިން ގެއިން ބޭރަށް ނުކުމެ އުޅެނީ ޒުވާނުންކަން ފާހަގަކުރައްވައި ޑރ. އަލީ ލަތީފު ވަނީ އެކަމަށް ސަމާލުވާން އެދިވަޑައިގެންފަ އެވެ.
ޑރ. މުހައްމަދު އަލީ ވިދާޅުވިގޮތުގައި ރައްކާތެރިވުމުގެ އާދަތަކުގައި ހިފަހައްޓަން ޖެހެނީ އެކަކު ގައިން އަނެކަކު ގަޔަށް ބަލި ފެތުރުނަ ނުދޭށެވެ. އޭނާ ހަނދާންކޮށްދެއްވީ އެހެން މީހުން ސަލާމަތްކޮށްދިނުމުގެ ޒިންމާ ކޮންމެ މީހަކަށް ވެސް އެބަ އޮތް ކަމެވެ.
ޑރ. މުހައްމަދު ވިދާޅުވިގޮތުގައި ހާލު ދެރަވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހެނީ ނުހަނު ފަރުވާތެރިވެ، ގެއިން ނުނުކުމެ ހުރި އަދި ގަވާއިދުން އަތް ދޮންނަމުންދިޔަ މީހާ ކަމަށް ވެސް ވެދާނެ އެވެ. އެއީ އެހެން މީހެއްގެ އިހުމާލަކުން ނުވަތަ އެހެން މީހަކު ފަރުވާ ބަހައްޓަން ޖެހޭ ވަރަށް ނުބެހެއްޓުމުގެ ސަބަބުން އަނެކާ އަށް ކުރިމަތިވެގެންދާ ހާލަތެއްކަން ޑޮކްޓަރު ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް އެންމެން އަމަލުކުރަން ޖެހޭ ސަބަބަކީ އެއީ އެވެ. އަނެކާގެ ޒިންމާ ރަނގަޅަށް ނުނެގުމުގެ ސަބަބުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ނުދިނުމެވެ.