13 ފެބުރުއަރީ 2021 - 09:28

ކޮވިޑު-19 ގައި އިތުރު މީހަކު ރޭ މަރުވެ މި ބަލީގައި މި މަހުގެ ތެރޭގައި މަރުވި މީހުންގެ އަދަދު ފަހަކަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށް ރޭ މަރުވީ 90 އަހަރުގެ ދިވެހި އަންހެނަކު ކަމަށެވެ. އުމުރުން ދުވަސްވީ މީހުންނަށް މި ބަލީގެ ނުރައްކާ ބޮޑެވެ.
ބަލީގައި އެންމެ ފަހުން މަރުވެފައިވަނީ ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 77 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިދިޔަ އަންގާރަ ދުވަހު މަރުވީ ސްޓްރޯކެއް ޖެހި ބަލި އެނދުގައި އޮންނަތާ އެތައް ދުވަހެއް ވެފައި ވަނިކޮށް ކޮވިޑް ޖެހިގެން ހާލު ސީރިއަސްވި މީހެކެވެ.
ރާއްޖެއިން މިދިޔަ ޖެނުއަރީ މަހާއި މި މަހުގެ ތެރޭގައި ޖުމްލަ 9 މީހަކު ވަނީ މަރުވެފަ އެވެ.
ތިން ވަނަ ރާޅަކާ އެކު ބަލި ފެތުރޭ މިންވަރު ބާރުވެ ރާއްޖެ މިއޮތީ ހައި ރިސްކު ކެޓަގަރީގައި ކަމަށް ސިއްހީ މާހިރުން ވިދާޅުވެފަ އެވެ. ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން މިހާތަނަށް އެ ބަލީގެ އެކްޓިވް ކޭސްތައް މައްޗަށް ނުދާ މިންވަރަށް މިހާރު ވަނީ މަތިވެފަ އެވެ. ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 17،507 އަށް އަރައިފަ އެވެ.
ހާލަތު ގޯސްވިޔަ ނުދޭން ހަރުކަށި ފިޔަވަޅުތައް ވެސް އަންނަނީ އަޅަމުންނެވެ. ވެހިކަލްގައި އުޅޭ ވަގުތު މަދުކުރުމާއި އެއްފަހަރާ 10 މީހުންނަށް ވުރެން ގިނައިން މަގުމަތީގައި އުޅުން މަނަލެވެ. ދަށް ގްރޭޑްތަކުގެ ކިޔެވުން އޮންލައިންކޮށް ބަދަލުކޮށް ސްކޫލަށް ނުދާ ގޮތަށް ވެސް ރޭ ވަނީ ހަމަޖައްސައިފަ އެވެ.
ރާއްޖޭގައި މި ބަލީގައި މިހާތަނަށް 56 މީހަކު ވަނީ މަރުވެފަ އެވެ.