13 ފެބުރުއަރީ 2021 - 09:39

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެންމެ ރަނގަޅު ފިޔަވަޅު އަޅަމުން އަންނަނީ ސްކޫލުތަކުން ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ރޭ ބުނެފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި މީޑިއާ ބްރީފިންގައި ޑރ. އަލީ ލަތީފް ވިދާޅުވީ ހަލުއިކަމާ އެކު ކޮވިޑް ފެތުރެމުންދާ މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވައިދިނުމާ ގުޅޭގޮތުން ވަރަށް ގިނައިން މަޝްވަރާކޮށްފައިވާ ކަމަށެވެ. ނަމަވެސް އަދި ނިންމާފައިވަނީ ސްކޫލުތައް ބަންދުނުކޮށް ކިޔަވައިދިނުން ކުރިއަށްގެންދަން ކަމަށް އޭރު އޭނާ ވިދާޅުވި އެވެ.
އެކަމަކު އޭގެ ގާތްގަނޑަކަށް ގަޑިއިރެއްހާ އިރު ފަހުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މާލެ ސަރަހައްދުގެ ގްރޭޑު 1-6 އަށް ސްކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ނިންމިކަން އިއުލާނުކޮށްފަ އެވެ.
މިހާރު ހަމަޖައްސާފައިވާ ގޮތުން އަންނަ އާދިއްތަ ދުވަހުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ކިޔަވައިދޭނީ އޮންލައިންކޮށެވެ.
"ސްކޫލަކީ ކޮންޓްރޯލް އެންވަޔަރްމަންޓެއް އަދި އެ އެންވަޔަރްމަންޓުގައި އެންމެ ރަނގަޅަށް މެޝާސްތައް ނަގާ ކަމަށް ފާހަގަކުރެވުނީ ސްކޫލުން. ސްކޫލުތެރޭގައި ސީދާ ސްކޫލުން [ބަލި] ފެތުރިފައި އޮތް ކަމަށް ފާހަގައެއްނުކުރެވޭ،" އެތެރެހަށީގެ ޑޮކްޓަރު، ޑރ. އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިިދިޔަ ޖުލައި މަހުގެ ތެރޭގައި ފިޔަވަޅުތަކަށް ލުއިތައް ދޭން ފެށީ އޭރު ޕޮޒިޓިވްވި މީހުން ދަށަށް ދިޔުމުން ކަމަށެވެ. ޑަބްލިއުއެޗްއޯގެ މިންގަނޑަށް ފެތުމުން ލުއިތައް ދޭން ފެށިއަސް ކޭސްތައް އިތުރުވާނެ ކަން އެނގިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތަކުރާރުކޮށް ދަންނަވަމުން ދިޔައީ ކޮވިޑް އެއްކޮށް ފިލައިގެން ދިޔައީކީ ނޫނޭ. އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅު ނާޅައިފިއްޔާ ކޮވިޑް އިތުރަށް ފެތުރިގެން ދާނެ ކަމަށް އޭރު ބުނެފައިވާނެ،"
"މިހާރު އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ ކޮވިޑް ކޭސްތައް އިތުރުވެގެންދާތަން. ފާއިތުވި ގާތްގަނޑަކަށް 10 ދުވަހަށް ބަލާއިރު 130 ކޭސް ކޮންމެ ދުވަހަކު ޕޮޒިޓިވްވެގެންދޭ. މީގެ އިތުރުން ހިތާމައާއެކު ދަންނަވާލަން ޖެހެނީ ފާއިތުވި 10 ދުވަހުގެ ތެރޭ ހަތަރު ބޭފުޅުން ވަނީ ނިޔާވެފައި،" ޑރ. އަލީ ވިދާޅުވި އެވެ.
ބަލިން ރައްކާތެރިވުމަށް ސަރުކާރުން ވަނީ އަނެއްކާ ވެސް ހަރުކަށި ފިޔަވަޅުތައް އަޅައިފަ އެވެ. އޭގެ ތެރޭގައި ހަވީރު 6:00 ން ހެނދުނު 6:00 އާ ހަމައަށް ވެހިކަލް ދުއްވުން މަނާކުރުމާއި ރޭގަނޑު 11:00 ން ފަތިހު 4:30 ބޭރުގައި އުޅުން މަނާކުރުން ހިމެނެ އެވެ.