12 ފެބުރުއަރީ 2021 - 23:24

ކޮވިޑް-19 ގެ ވެކްސިން މާދަމާއިން ފެށިގެން، އުމުރުން 18 އަހަރުން މަތީގެ ހައި ރިސްކް އެންމެންނަށް ޖަހައިދޭން ނިންމައިފި އެވެ.
އެޗްޕީއޭ އިން ބުނީ އުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ ހައި ރިސްކް މީހުންނާއި 55 އަހަރުން މަތީގެ އެންމެންނަށް މާދަމާ އިން ފެށިގެން ވެކްސިން ދޭނެ ކަމަށެވެ.
މާލޭގައި ވެކްސިން ދޭނީ ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒުގައި ހެނދުނު 9:00 އިން ހަވީރު 5:00 އަށް އަދި ވިލިމާލޭ ޒުވާނުންގެ މަރުކަޒުގައި ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އަށެވެ. ހުޅުމާލޭގައި ވެކްސިން ދޭނީ ކުރީގެ ފްލޫ ކްލިނިކުން ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.
އެޗްޕީއޭ އިން އެދެނީ ވެކްސިން ޖަހަން ދިއުމުގެ ކުރިން، އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލްގައި ރަޖިސްޓްރީކުރުމަށެވެ. ނަމަވެސް ވެކްސިން ސެންޓަރަށް ދިއުމުން ވެސް ރެޖިސްޓްރޭޝަން ކަންތައް ފުރިހަމަކޮށްދެ އެވެ.
މި މަހުގެ ފުރަތަމަ ދުވަހު ވެކްސިން ދޭން ފެށުމަށް ފަހު މިހާތަނަށް ވަނީ 27،367 މީހަކަށް ވެކްސިން ދީފަ އެވެ. މިއަދު މާލޭން 1،496 މީހަކަށް އަދި ރަށްރަށުން 406 މީހަކަށް ވެކްސިން ދިނެވެ.
ވެކްސިން ދިނުން ހަލުވިކުރަމުން މި ދަނީ ކޮވިޑް ޖެހޭ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވެފައި ވަނިކޮށެވެ. މިއަދު ހަވީރު 6:00 އާ ހަމަ އަށް 17،507 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. މިހާތަނަށް ބަލިން ރަނގަޅުވީ 15,142 މީހެކެވެ. އަދި ބަލީގައި 56 މީހަކު ވަނީ މަރުވެފަ އެވެ.