ކޮވިޑްގެ އެކްޓިވް ކޭސްތައް ރެކޯޑް އަދަދަކަށް މައްޗަށް
ކޮވިޑްގެ އެކްޓިވް ކޭސްތައް ރެކޯޑް އަދަދަކަށް މައްޗަށް

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން މިހާތަނަށް އެ ބަލީގެ އެކްޓިވް ކޭސްތައް މައްޗަށް ނުދާ މިންވަރަށް ކޭސްތައް އިތުރުވެއްޖެ އެވެ.

މިއަދު ހަވީރު 6:00 އަށް ހޭދަވި 24 ގަޑިއިރު ތެރޭ ކޮވިޑްގެ 120 ކޭސް އަލަށް ފެނި މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 17،507 އަށް އަރައިފަ އެވެ. މި މުއްދަތުގައި ބަލިން ރަނގަޅުވީ 61 މީހެކެވެ. އަދި މިހާތަނަށް ބަލީގައި 56 މީހަކު ވަނީ މަރުވެފަ އެވެ.

ބަލިން ރަނގަޅުވި މީހުންނާއި މަރުވި މީހުން އަދި ރާއްޖޭގައި ބަލި ޖެހިފައި ވަނިކޮށް ރާއްޖޭން ފުރައިގެން ގޮސްފައިވާ މީހުން ނުހިމަނައި، މިހާރު ތިބި ކޮވިޑް ބަލި މީހުންގެ އަދަދަކީ 2،302 އެވެ. މިހާ މައްޗަށް އެކްޓިވް ކޭސްތައް މީގެ ކުރިން އިތުރުވެފައެއް ނުވެ އެވެ.

އެކްޓިވް ކޭސްތައް އިތުރުވެ މިހާރު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިހާރުވެސް 206 މީހަކު އެޑްމިޓްކޮށް އަންނަނީ ފަރުވާ ދެމުންނެވެ.

މީގެ ކުރިން ރާއްޖޭގައި އެކްޓިވް ކޭސްތައް އެންމެ މައްޗަށް ދިޔައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 1 ވަނަ ދުވަހު އެވެ. އެ ދުވަހު އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،100 އެވެ. ނަމަވެސް މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން މި އަދަދު ވަނީ ފަހަނަޅައި ގޮސްފަ އެވެ.

މި މަހުގެ ހަ ވަނަ ދުވަހު އެކްޓިވް ކޭސްތަކުގެ އަދަދު 2،155 އަށް އަރައިފަ އެވެ. އޭގެ ފަހުން އިތުރުވަމުން ގޮސް މިހާރު ހުރީ 2،302 ގަ އެވެ.

މިދިޔަ އަހަރުގެ މާޗް 7 ގައި ރާއްޖޭން ކޮވިޑްގެ ފުރަތަމަ ކޭސް ފެނި އަދި އޭޕްރީލް 15 ގައި މާލެއިން ފުރަތަމަ ފަހަރަށް ދިވެއްސެއްގެ ގައިން ބަލި ފެނުނު ފަހުން މިހާރު މިއީ ބަލީގެ އެންމެ ނުރައްކާ ވަގުތު ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއޯއީސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު މިއަދު ވަނީ ވިދާޅުވެފަ އެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ރާއްޖޭގައި ކޮވިޑްގެ އެންމެ ނުރައްކާ ދުވަސްވަރުކަން ޔަގީންކަމާ އެކު ބުނަން އެނގޭ ކަމަށާއި ބަލީގައި ނުރައްކާވެދާނެ މީހުން އެޑްމިޓްކުރަން ހާއްސަކޮށްފައިވާ އެނދުތައް ވެސް މިހާރު ހުސްވާން ގާތްވެއްޖެ ކަމަށެވެ.

އެހެންވެ މި ނުރައްކާ ހާލަތުގައި އޭނާ އެދިވަޑައިގަތީ ބަލިން ރައްކާތެރިވާން ދެމުން އަންނަ އިރުޝާދުތަކަށް އެންމެން އެއްބާރުލުން ދިނުމަށެވެ.

ކޭސްތައް އިތުރުވެ ހާލަތު ގޯސްވުމާ އެކު މިހާރު އަންނަނީ ބަލި ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް ހަރުކަށިކުރަމުންނެވެ.

ކޭސްތައް އިތުރުވެފައި ވާއިރު ކޮވިޑް-19 ވެކްސިން ޖެހުން ވެސް ދަނީ ކުރިއަށެވެ. މި މަހުގެ ފުރަތަމަ ދުވަހު ވެކްސިން ދޭން ފެށުމަށް ފަހު މިހާތަނަށް ވަނީ 27،367 މީހަކަށް ވެކްސިން ދީފަ އެވެ. މިއަދު މާލޭން 1،496 މީހަކަށް އަދި ރަށްރަށުން 406 މީހަކަށް ވެކްސިން ދިނެވެ.