12 ފެބުރުއަރީ 2021 - 22:22

ކޮވިޑް-19 ގެ ކޭސްތައް ނުރައްކާ މިންވަރަކަށް އިތުރުވެފައި ވާތީ އަޅާ ފިޔަވަޅެއްގެ ގޮތުން، މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނައިން މަގުމައްޗަށް ނުކުމެ އުޅުން ވެސް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން މަނާކޮށްފި އެވެ.
އެޗްޕީއޭއިން މިރޭ ކުރި އިއުލާނުގައި ބުނީ މާދަމާއިން ފެށިގެން ވަކި ގޮތެއް އަންގަންދެން މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނައިން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓާލަން އަންގާ ކަމަށެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިގޮތަށް އެންނެވި އިރު މިއަދު ވަނީ އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ވެހިކަލް ދުއްވުން ވެސް މަނާކޮށްފަ އެވެ.
ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ވަގުތާއި ހާލަތްތަކަށް ރިއާޔަތްކޮށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން އަޅަންޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ. އަދި އެ އުސޫލުތަކަށް އާންމުން ވެސް ކިޔަވަމަންވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ކޮވިޑާ ދެކޮޅު ފިޔަވަޅުތައް ހަރުކަށިކުރަމުން ގެންދަނީ ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމުންނެވެ. މިދިޔަ 24 ގަޑިއިރު ވެސް އިތުރު 120 ކޭސް ވަނީ ފެނިފަ އެވެ. އެއާ އެކު މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 17،507 އަށް އަރައިފަ އެވެ. ކޮވިޑް ޖެހިގެން ރާއްޖޭން މިހާތަނަށް 56 މީހަކު މަރުވެފައިވެ އެވެ.