12 ފެބުރުއަރީ 2021 - 21:32

މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ފަހު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އުމުރަށް ޖަލުގައި ބެހެއްޓުމަށް އޭނާ ގޮވާލައްވައިފި އެވެ.
ހިޔާ މަޝްރޫގެ ފްލެޓްތައް ދިން ގޮތާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް، އިދިކޮޅު ޕީޕީއެމް/ޕީއެންސީން މާލޭގައި މިއަދު ކުރި މުޒާހަރާގައި އަދުރޭ މިހެން ވިދާޅުވީ ޖިންސީ ކުށުގެ ސީރިއަސް ތުހުމަތުތަކެއްގައި ދައުވާ އުފުލާފައި ވަނިކޮށް މީހަކު ޖާމިނުކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކުރި މައްސަލަ އަށް އިޝާރާތްކުރައްވަމުންނެވެ.
އަދުރޭ ވިދާޅުވީ ސަރުކާރުން އެކި މީހުންނާ މެދު އެކި ގޮތަށް އަމަލުކޮށް ޔާމީނާ މެދު ވަކިން ހާއްސަކޮށް ބޭއިންސާފުން އަމަލު ކުރަމުންދާ ކަމަށެވެ.
ރޭޕްކުރާ މީހުންނަށް ހިމާޔަތް ލިބެމުންދާ ކަމަށާއި ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ އަލީ ވަހީދު ވެސް ފުރުވާލުމަކީ މި ސަރުކާރުގެ ނުބައި ރޭވުމެއް ކަމަށް އަދުރޭ ތުހުމަތު ކުރެއްވި އެވެ. އަދުރޭ ވިދާޅުވީ އަލީ ވަހީދު ފުރުވާލީ ޒިންމާވާނެ މީހަކު ބަހައްޓާފައި ކަމަށްވާ ނަމަ ޔާމީންގެ ބަދަލުގައި އޭނާ ޖަލުގައި ބަހައްޓައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އަލީ ވަހީދު ފުރައިގެން ދިޔައީ އޭނަގެ ކަންކަމާ ޒިންމާ ވާނެ މީހަކު ބަހަައްޓާފައި. އަޅުގަނޑު ދަންނަވާނީ އެގޮތަށް މީހުން ބައިތިއްބާފައި މީހުން ގެނެވޭ ކަމަށް ވަންޏާ ރައީސް ޔާމީން މިހާރުން މިހާރަށް ގެއަށް ގެނެސްދީ އަޅުގަނޑު ގެންގޮސް އުމުރަށް ޖަލުގައި ބާއްވާފައި،" އަދުރޭ ވިދާޅުވި އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާގައި އޮންނަނީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ބަންދުން ދޫކޮށްލުމަށްޓަކައި، އެ ގާނޫނުގައި ބުނާ ޝަރުތުތައް ފުރިހަމަވާ މީހަކު ޔަގީންކަންދީ ޖާމިނުވެއްޖެ ނަމަ އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލަން ފަނޑިޔާރަށް އަމުރުކުރެވިދާނެ ކަމަށެވެ.
ބަންދުގައި ހުރި މީހާއާ ޖާމިނުވާ މީހާ އޭނާގެ އިގުރާރާ ޚިލާފުވުމަކީ ކުށެކެވެ. އަދަބުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޖަލަށް ލުމާއި ގޭ ބަންދުކުރުމާއި 15،000ރ. އަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމެވެ.
ޖިންސީ ގޯނާގެ ހަތް ދައުވާއެއް އުފުލައި، ޝަރީއަތް ފަށާފައިވާ އަލީ ވަހީދަށް ޖާމިނުވީ އޭނާގެ ގާތް އެކުވެރިޔާ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ އެވެ.