12 ފެބުރުއަރީ 2021 - 20:44

އިދިކޮޅު ޕީޕީއެމް/ޕީއެންސީން "ކޮބާ މަގޭ ފްލެޓް" ނަމުގައި މިއަދު ހަވީރު މާލޭގައި ބޭއްވި މުޒާހަރާގައި ހަމަނުޖެހުން ހިނގައި ބައެއް މީހުންނަށް އަނިޔާވެއްޖެ އެވެ.

ދެ ޕާޓީގެ އިސް ބައެއް ބޭފުޅުންނާއި އެތައް ސަޕޯޓަރުންނަކާ އެކު ހަވީރު ފެށި މުޒާހަރާގައި، ޕީޕީއެމް ސަރުކާރުން ހިޔާ މަޝްރޫއުގެ ފްލެޓްތައް ބެހި ގޮތް ބާތިލްކޮށް މި ސަރުކާރުން ފްލެޓް ދިނީ ބޭއިންސާފުން ކަމަށް ބުނެ އަޑު އުފުލާފައިވެ އެވެ. މުޒާހަރާގެ ބައިވެރިން ހިނގަމުން ދަނިކޮށް ރައްޔިތުންގެ މަޖިލިސް ކައިރިން ފުލުހުން ވަނީ ހުރަސް އަޅައިފަ އެވެ.
ކޮވިޑް-19 ގެ ކޭސްތައް މާލޭގައި ރެކޯޑް މިންވަރަކަށް އިތުރުވެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށް ބޭއްވި މުޒާހަރާ ރޫޅާލަން ފުލުހުން މި ހިސާބުން އަންގައި އެންމެ ޕެޕަސްޕްރޭ ވެސް ޖެހި އެވެ. އެއާ އެކު ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުން ހިނގައި ފުލުހުންނާއި އާންމުންނަށް ވެސް އަނިޔާވި އެވެ. ހަމަނުޖެހުން ހިނގި ވަގުތު މުޒާހަރާގެ ބައިވެރިން ފުލުހުންގެ ސަފު ފަޅާލައި ކުރިއަށް ދިޔަ އެވެ.
މުޒާހަރާ އަށް ފަހު ޕީޕީއެން/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ބޭނުންކުރީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް ކަމަށާއި ފުލުހުން މުޒާހަރާ ރޫޅާލުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށެވެ. އަދި ފުލުހުން ހިންގީ ލާއިންސާނީ އަމަލުތަކެއް ކަމަށް ބުނެ އެކަން ކުށްވެރިކުރަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމަށް ވެސް "ލަދުވެތި ނިމުމެއް" އަތުވެދާނެ ކަމަށް ބުނެފައިވެ އެވެ.
ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނުގައި ބުނީ ފުލުހުން މުޒާހަރާގެ ބައިވެރިންނަށް އަނިޔާކޮށް ޕެޕަސްޕްރޭ ޖަހައި ބޫޓުން ވެސް ތެޅި ކަމަށެވެ. މުޒާހަރާގައި އާންމުންގެ އިތުރުން ފުލުހުންނަށް ވެސް އަނިޔާ އެހީ ހޯދާ މަންޒަރު ފެނުނެވެ. އޭގެ ތެރެއިން ބޮޑަށް އަނިޔާވި ފުލުހަކު އުފުލާލައިގެން ގެންދިޔަ ތަން ވެސް ފެނުނެވެ.
ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައި ވަނިކޮށް ބޭއްވި މުޒާހަރާގައި އެތައް ބަޔަކު ގައިގޯޅިކޮށް އަދި މާސްކް ނާޅައި ތިބުމުންނާއި އެއްތަނަށް އެއްވެ ތިބެ ކެއިންބުއިން ފަދަ ކަންކަން ވެސް ކޮށްފައި ވާތީ ވަނީ ފާޑުކިޔުން ވެސް އަމާޒުވެފަ އެވެ.
ސޯޝަލް މީޑިއާގައި ފާޑު ކިޔާފައިވާ ބައެއް މީހުން ބުނެފައިވާ ގޮތުގައި، ހައްގެއް ހޯދަން މުޒާހަރާކުރުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު ބޮޑު ބަލިމަޑުކަމެއްގައި ނުރައްކާ ބޮޑުވެފައި ވަނިކޮށް އެ ބަލީގެ ނުރައްކާ އެންމެ ބޮޑުވާ، އުމުރުން ދުވަސްވީ މީހުންނާ އެކު މުޒާހަރާއަށް މީހުން އެއްކުރުމަކީ އެހެން މީހުންގެ ހައްގުތަކަށް ވެސް އަރައިގަތުމެވެ.
ކޮވިޑްގެ ބަލިމަޑުކަމާ ހެދި އެތައް ކަމެއް މަނާވެ ދަތިކަމުގެ ތެރޭގައި ތިބޭއިރު މިފަދަ މުޒާހަރާތައް ރާވާ މީހުން ހައްޔަރުކޮށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އެތައް ބަޔަކު ބުނެފައިވެ އެވެ. އެއްވުންތައް މަނާކޮށްފައި ވަނިކޮށް މުޒާހަރާކުރުމުން ޕީޕީއެމް/ޕީއެންސީގެ އިސް ބައެއް ބޭފުޅުން މީގެ ކުރިން ޕޮލިހަށް ހާޒިރުކޮށް ބައެއް ބޭފުޅުންގެ ތަހުގީގު ވެސް ދަނީ ކުރިއަށެވެ.