11 ނޮވެމްބަރ 2016 - 06:14

ޕާކިސްތާނުގެ މިހާރުގެ އެންމެ ބޮޑު އިދިކޮޅު ލީޑަރަކީ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާނެވެ. އިމްރާނަކީ އޭނާގެ ރީތިކަމަށް ވެސް މަޝްހޫރު މީހެކެވެ.
އިމްރާން ފުރަތަމަ ކައިވެނިކުރީ އިނގިރޭސި ވިލާތުގެ ވަރަށް މުއްސަނދި އަންހެނެއް ކަމަށްވާ ޖެމީމާ ގޯލްޑްސްމިތާ އެވެ. ނުވަ އަހަރަށް ދެމިގެން ދިޔަ މި ކައިވެނި ޖޫން 2004 ގައި ވަނީ ރޫޅިފަ އެވެ. މި ކައިވެންޏަށް ދެ ފިރިހެން ދަރިން އިމްރާނަށް ލިބިފައިވެ އެވެ.
އިމްރާންގެ ދެ ވަނަ ކައިވެނި ކުރި ރޭހާމް ޚާން ވެސް ވަނީ ކައިވެނި ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ ވަރިކޮށްފަ އެވެ.
އިމްރާން ވަރިކުރި ފަހުން ފުރަތަމަ ފަހަރަށް މީޑިއާއާ ވާހަކަ ދައްކަމުން ރޭހާމް ބުނި ގޮތުގައި ކައިވެންޏަށް އަހަރު ފުރުމާ ދިމާކޮށް ހަދިޔާއެއް ދޭން އެދުމުން އިމްރާން ދިނީ ވަރީގެ ލިޔުން ކަމަށެވެ. އަދި އޭނާއަށް ހެދިގޮތް ޕާކިސްތާނަށް ނުހަދާނެކަމަށް އުންމީދުކުރާ ކަމަށް ވެސް ރޭހާމް ބުންޏެވެ.
އިނގިރޭސި ވިލާތުގެ ޓީވީ ޕްރެޒެންޓަރެއްކަމަށްވާ ރޭހާމް އާއި އިމްރާންގެ ކައިވެނި ދެމިއޮތީ އެންމެ 10 މަސް ދުވަހު އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކުއްލި ގޮތަކަށް އިމްރާން ވަނީ ރޭހާމް ވަރިކޮށްފަ އެވެ. އަދި މިއީ ގިނަ ބަޔަކަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނު ކަމަކަށް ވެސް ވި އެވެ.
ރޭހާމް ބުނި ގޮތުގައި އިމްރާނަކީ އޭނާ ހީކުރި ކަހަލަ މީހެއް ނޫނެވެ.
"އަހަންނަކީ މީހުންނާ ވަރަށް ގިނައިން ވާހަކަދައްކާ އަނގަތަޅާ މީހެއް. އެހެންވެ އިމްރާން އާ ވެސް ވާހަކަ ދެއްކޭތޯ ވަރަށް މަސައްކަތްކުރިން. ނަމަވެސް އޭނާއާ ވާހަކަ ދެއްކުމަކީ އެއްވެސް މީހަކަށް ވާނެކަމެއް ނޫން. ސިޔާސީ ވާހަކަ ނޫން އެހެން އެއްވެސް ވާހަކައެއް އޭނާއަކާ ނުދެއްކޭނެ،" ރޭހާމް ކިޔައިދީފައިވެ އެވެ.
ރޭހާމް ބުނި ގޮތުގައި އިމްރާނަކީ ރޮމެންޓިކް މީހެއް ނޫނެވެ. އަދި އޭނާއަށް ކައިވެނީގެ އަނގޮޓިއެއްގެ މިންވަރު ވެސް އިމްރާން ނުދެ އެވެ.
އިމްރާނަކީ ޕާކިސްތާނުގައި މިހާރު މަގުބޫލު ސިޔާސީ ލީޑަރެކެވެ. ދެން އޮންނަ ރިޔާސީ އިންތިޚާބެއް ވާދަކުރާނެ ކަމަށް ބެލެވޭ ވަރަށް އުންމީދީ ކެންޑިޑޭޓެކެވެ.
އިމްރާންގެ ރީތިކަމުން އޭނާއަށް ހިތްކިޔާފައިވާ އަންހެންކުދިން ރޭހާމްގެ މި ވާހަކަތަކުން ވަރަށް މާޔޫސް ވާނެކަމަށް ބެލެވެ އެވެ.