ހާލަތު ވަރަށް ގޯސް، މިއީ ކޮވިޑް-19 ގެ އެންމެ ނުރައްކާ ރާޅު: ނަޒްލާ
ހާލަތު ވަރަށް ގޯސް، މިއީ ކޮވިޑް-19 ގެ އެންމެ ނުރައްކާ ރާޅު: ނަޒްލާ

މި ވަގުތު ރާއްޖޭގައި އޮތީ ކޮވިޑް-19ގެ އެންމެ ނުރައްކާތެރި އަދި ނާޒުކު ހާލަތު ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއޯއީސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

އޭމާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހޭ މީހުން ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވެފައިވާ ކަމަށެވެ. އަދި މި ވަގުތު ހޮސްޕިޓަލްތަކުން ލިބެން ހުރީ ވަރަށް މަދު އަދަދެއްގެ އެނދު ކަމަށް ވެސް، އޭނާގެ ކަންބޮޑުވުން ހާމަކުރައްވަމުން، ވިދާޅުވި އެވެ.

ކޮވިޑްގެ ހާލަތާ ބެހޭ ގޮތުން އަބަދުވެސް އިންޒާރު ދެއްވަމުން ގެންދަވާ ޑރ. ނަޒްލާ ވިދާޅުވީ މިއީ ކޮވިޑް-19 ރާއްޖޭގައި އެންމެ ގޯސްވި ފަހަރު ކަމަށެވެ.

"ހާލަތު ވަރަށް ނާޒުކު،" ނަޒްލާ ލިއުއްވި އެވެ.

ސިއްހީ ތަޖުރިބާކާރުން ސިފަކުރާ ގޮތުގައި ރާއްޖެއަށް މިހާރު ކުރިމަތިވެފައި މި އޮތީ ކޮވިޑްގެ ތިން ވަނަ ރާޅެވެ.

ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ ވަރުގަދަ ކުރަމުންނެވެ. އެގޮތުން މިއަދުން ފެށިގެން ހަވީރު 6 އިން ހެނދުނު 6 އާ ދެމެދު މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނަ އެވެ. އަދި ރޭގަނޑު 11ގެ ފަހުން ބޭރަށް ނުކުތުން ވެސް ވަނީ މަނާކޮށްފަ އެވެ.

އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ވެސް މީހުން ޕޮޒިޓިވްވާތީ ފިޔަވަޅުތައް ވަރުގަދަކޮށް، ކާފިއު އިއުލާން ކުރަން ވަނީ ފަށައިފަ އެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީ އާއި ފުވައްމުލައް ހިމެނެ އެވެ.