12 ފެބުރުއަރީ 2021 - 16:25

ފުވައްމުލައް ސިޓީގައި އެއް އަވަށުން އަނެއް އަވަށަށް ދަތުރު ކުރުން މަނާކޮށް، ވަކި ވަގުތެއްގައި ކާފިއު އިއުލާން ކުރަން ނިންމައިފި އެވެ.
ކޮވިޑް-19 އަށް ފުވައްމުލަކުން ބަޔަކު ޕޮޒިޓިވްވުމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެރަށް މޮނީޓަރިންގެ ހާލަތަށް އޮތީ ގެނެސްފަ އެވެ. އެހެންވެ، ސްކޫލްތައް ބަންދުކޮށް އަދި ބޭނުމެއް ނެތި، އެއް ގެއިން އަނެއް ގެއަށް ދިއުމާއި ގެއިން ބޭރަށް ނުކުތުން ފުވައްމުލައް ސިޓީ ކައުންސިލްގެ އެންގުމަކުން އޮތީ މަނާކޮށްފަ އެވެ.
އެޗްޕީއޭ އިން މިއަދު އަންގާފައިވަނީ މާދަމާ ރެއިން ފެށިގެން ރޭގަނޑު 8 އިން ފެށިގެން ފަތިހު 4:00 އާ ހަމައަށް ފުވައްމުލަކުގައި ގެއިން ބޭރަށް ނުކުތުން މަނާ ކުރުމަށާއި އެ ރަށުގެ އެއް އަވަށުން އަނެއް އަވަށަށް ދިއުން މަނާ ކުރުމުގެ އިތުރުން ސިއްހީ ބޭނުންތަކުގައި ފިޔަވައި އެއް ގެއިން އަނެއް ދިއުން ވެސް މަނާ ކުރުމަށެވެ. އަދި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނައިން ބޭރުގައި އުޅުން މަނާ ކުރުމާ އެކު ސެލޫނާއި ޖިމްތައް ބަންދު ކުރަން ވެސް އަންގާފައިވެ އެވެ.
މީގެ އިތުރުން ކެފޭ އަދި ރެސްޓޯރެންޓްތަކުން ޑެލިވަރީ ފިޔަވައި އެ ނޫން ޚިދުމަތްތައް ހުއްޓާލުމަށާއި ސްކޫލްތަކާއި ޔުނިވާސިޓީތަކަށް ހާޒިރުވެގެން ކިޔަވައި ދިނުން ހުއްޓާލަން އެ އެންގުމުގައި އަންގާފައިވެ އެވެ. އެ ފިޔަވަޅުތައް އިއުލާން ކޮށްފައިވަނީ ހަތް ދުވަހަށެވެ.
އެއްފަސްގަނޑަކުން ގުޅިފައިވާ އަށް އަވަށް އޮންނަ ފުވައްމުލަކުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ހަތަރަކަށް މިހާރު ވަނީ އަރައިފަ އެވެ.