12 ފެބުރުއަރީ 2021 - 13:56

މާތް ﷲ އިންސާނުން އެއް ނަފްސަކުން އުފެއްދެވި ނަމަވެސް އެކަލާނގެ ވަނީ ތަފާތު ގަބީލާތަކަށް ނުވަތަ ދަރިފަސްކޮޅުތަކަށް އިންސާނުން ތަފާތުވާ ގޮތަށް ބައިބަޔަށް ލައްވައިފަ އެވެ. އެކަމުގައި މަތިވެރި ހިކުމަތްތަކެއް ވާނެ އެވެ. ﷲ އަންގަވަނީ އެ ތަފާތުތައް ދަނެގެން އެއްބަޔަކު އަނެއްބަޔަކާ ތަޢާރަފުވެ އުޅުމަށެވެ. މި ދެންނެވި ތަފާތުތަކާ އެކު މީހުންގެ ފިކުރާއި ޢަޤީދާގައި ވެސް ތަފާތުތައް ހުރެ އެވެ. އެހެންކަމުން ދިރިއުޅުމުގެ ފަލްސަފާ އާއި ޢަޤީދާ އާއި މުޅި ސަގާފަތުގައި އެންމެން އެއްގޮތެއް ނޫނެވެ. އެއްގޮތް ނުވިޔަސް އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފުވާން އަންގަވާފައި ވާތީ ބަވަނަ ވެފައިވާ ދުނިޔޭގައި އެހެންމީހުންނާ އެކަހެރިވެގެން ދިރިއުޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެންވެ އިސްލާމް ދީނުގައި މިކަމަށް ވަރަށް މުހިންމު އުސޫލުތަކެއް ހަމަޖެހިފައި އޮވެ އެވެ. އެ އުސޫލުތަކުގެ ދަށުން އަހަރެމެންނަށް ކުރެވޭނެ ކަންތައްތަކަކާއި ނުކުރެވޭނެ ކަންތައްތަކެއް ހުރެ އެވެ. މިގޮތުން އިސްލާމީ މަތިވެރި ޢަޤީދާ އާއި އުޞޫލުތަކާއި ސަގާފަތާ ފުށުއަރާ ކަންކަން ގުރުބާނެއް ނުކުރެވޭނެ އެވެ.
މުސްލިމުންގެ ސަގާފަތާއި އަޚްލާގު އިސްލާމީ ހަމަތަކުގެ މަތީ ބެހެއްޓުމަކީ ބައެއް ޣައިރު މުސްލިމުންނަށް ތަހައްމަލު ކުރެވޭ ކަމަކަށް ނުވެ އެވެ. ތަފާތު ސަބަބުތަކާ ހުރެ އެވެ. މިގޮތުން އިގުތިސާދީ ގޮތުން ބަލާއިރު އެ މީހުންގެ ބައެއް އުފެއްދުންތައް އުފެއްދުމަށާއި އެ އުފެއްދުންތައް ވިއްކުމަށް ހުރަސްއެޅުން ހިމެނެ އެވެ. ސިޔާސީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބަލާއިރު އެ މީހުންގެ ބާރާއި ނުފޫޒު މުސްލިމުންގެ މައްޗަށް ބޭއްވުމަށް ދަތިވުން ހިމެނެ އެވެ. މިހެންވެ މުސްލިމުންގެ އަގީދާ އާއި އަޚްލާގު ބަދަލު ކުރުމަކީ މިފަދަ މީހުންގެ ވަރަށް ބޮޑު ބޭނުމެއް ކަމުގައި ވެ އެވެ. މިކަމަށްޓަކައި ތަފާތު ވަސީލަތްތަކާއި އުކުޅުތައް އެފަދަ މީހުން ބޭނުންކުރަމުން ގެންދެ އެވެ.
މިގޮތުން މުސްލިމުންގެ ތައުލީމީ، އިޤުތިޞާދީ، އިޖުތިމާޢީ ނިޒާމުތަކުގެ ތެރެއިން ބައެއްކަހަލަ ފިކުރުތައް ޒުވާނުންގެ ސިކުނޑިތަކަށް ފޯރުވަން ގަސްދުގަ އާއި ގަސްދަކާ ނުލައި މަސައްކަތް ކުރެވެމުން ދެ އެވެ. ނަތީޖާއެއްގެ ގޮތުން އަޚްލާގީ ގޮތުން ނުރަނގަޅު ސިފަތަކެއް ކަމުގައި ކުރިން ބަލަމުން ދިޔަ އެތައް ކަމެއް އެއީ އަޚްލާގީ ގޮތުން މައްސަލައެއް ނޫން ކަމުގައި ބެލެވޭތަން އާދެ އެވެ. ރިވެތި އަޚްލާގީ މިންގަނޑުތަކަށް ސަމާލުކަން ނުދެވޭތަން އާދެ އެވެ. ޣައިރު މުސްލިމް މުޖުތަމައުތަކުން އަންނަ ސަގާފީ އޮއިވަރުތަކަށް ބައެއް ޒުވާނުން ހެއްލެމުން ދެ އެވެ. ޒިނޭ އާއި ލިވާޠާއި ރާބުއިމާއި ޖުވާކުޅުމާއި ރިބާކެއުން ފަދަ ކަންކަމަކީ މައްސަލައެއް ނޫންކަމަށް ބެލެވޭތަން އާދެ އެވެ.
މިފަދަ ގޮންޖެހުންތަކުގެ ކުރިމަތީގައި އިސްލާމީ ސަގާފަތު ރައްކާތެރި ކުރަން މުސްލިމުން ސަމާލުވާން ޖެހެ އެވެ. އެކަމަށްޓަކައި މަސައްކަތްތަކެއް ކުރަން އެބަޖެހެ އެވެ. ސަބަބަކީ މިދެންނެވި ފަދަ ކަންކަން އެބައިމީހުންގެ މުޖުތަމައުތަކުގައި މައްސަލައެއް ކަމަށް އެ މީހުން ނުބެލިޔަސް އިސްލާމީ ނަޒަރުން ބަލާއިރު މިފަދަ ކަންކަމަކީ ބޮޑެތިވެގެންވާ ފާފަތަކުގެ ތެރެއިން ހިމެނޭ ކަންކަމަށް ވާތީ އެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން އިތުރު އެހެން ނުބައި އެތައް ސުލޫކަކަށް އާދަ ކުރުވާތީ އެވެ. މިސާލަކަށް ވައްކަން ކުރުމާއި ފޭރުމާއި ދޮގުހެދުމާއި މަކަރާއި ހީލަތް ހެދުމާއި އަދި މިނޫނަސް މިފަދަ އެތައް ކަމަކަށް މަގުފަހިވެގެން ދާތީ އެވެ.
އެހެންވެ މުސްލިމުން އެންމެ ބޮޑަށް ސަމާލުވާން ޖެހޭ ކަންކަމުގެ ތެރޭގައި މައުލޫމާތު ފެތުރުމާއި މުނިފޫހިފިލުވުމުގެ އެކިއެކި ވަސީލަތްތަކުގެ ތެރެއިން އަންނަ ނޭދެވޭ އަސަރުތައް ހިމެނެ އެވެ. މީގެ ތެރޭގައި ތަފާތު ޖަރީމާތައް ހިންގައި ބަދުއަޚްލާގީ އަމަލުތައް ކުރާތަން ދައްކާ ފިލްމުތަކާއި ޑުރާމާތައް މުނިފޫހިފިލުވުމުގެ ތެރެއިން ފެތުރުން ހިމެނެ އެވެ. ނަތީޖާއެއްގެ ގޮތުން ގަސްދަކާ ނުލައި ނަމަވެސް އެފަދަ ސަގާފަތްތަކަށް ލެނބެވޭ ގޮތް ވެ އެވެ. މުސްލިމުންނަކީ ވަކި އަގީދާއެއްގެ މަތީ ވަކި އުސޫލުތަކެއް ހިފަހައްޓައިގެން ތިބެން ޖެހޭ ވަކި ސަގާފަތެއްގެ ބައެއްކަން ހަނދާން ނެތިގެން ދެ އެވެ. މިކަމުގެ ތެރެއަށް ގެނބިގެން ގޮސް، އެފަދަ ސަގާފަތްތަކަށް ލެނބި ތަބާވުމުގައި ތިމާއަށް މިނިވަންކަން ލިބިގެންވާ ކަމަށް ގަބޫލު ކުރެވޭ ދަރަޖައަށް ދެ އެވެ. އަދިކިއެއްތަ، ތަރައްގީ އާއި ތަހުޒީބަށް އޮތް ހަމައެކަނި މަގަކީ މިކަންކަން ކޮޕީކުރުން ކަމަށް ހީވާ ހިސާބަށް ވެސް ދެ އެވެ.
ނަމަވެސް މިކަންކަމާ މެދު ތަންކޮޅެއް ފުންކޮށް ވިސްނާލުން ކީއްތޯ އެވެ؟ އިސްލާމީ ރިވެތި އަޚްލާގާ ފުށުއަރާ ކަންކަމުން ލިބޭ ހަގީގީ މަންފާއަކީ ކޮބައިތޯ ބަލައިލުން ކީއްތޯ އެވެ؟ ބަދު އަޚުލާގީ އަމަލަކާ ނުލައި އިންސާނާގެ ފިތުރަތުގައިވާ އެދުންތައް ހާސިލު ކުރެވޭނެ ހަމަ އެންމެ މަގެއް ވެސް އިސްލާމްދީން ފަހިކޮށް ނުދެނީތޯ އެވެ؟ ވައްކަން ނުކޮށް ނުވަތަ ރިބާ ނުކައި ނުވަތަ އެނޫންވެސް ގޮތަކުން މީސްތަކުންގެ މުދަލަށް ނުހައްގުން އަރައިނުގަނެ ތިމާއަށް މުދަލާއި ތަނަވަސްކަން ލިބޭނެ އެހެން ގޮތެއް އިސްލާމްދީނުގައި ހުއްދަ ނޫނީތޯ އެވެ؟ ކާބޯތަކެތީގެ ތެރެއިން ތިމާއަށް ހިތްހަމަ ޖެހުމާއި އުފާވެރިކަން ލިއްބައިދޭނެ މީރު ކެއުންތަކާއި ބުއިންތައް އިސްލާމްދީނުގައި ހަލާލު ކޮށްފައި ނެތީތޯ އެވެ؟
އެއްވެސް ޝައްކެއް ނެތް ގޮތުގައި އިންސާނާގެ ފިތުރަތީ އަދި ނަފްސާނީ ހުރިހާ ބޭނުންތަކެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި، އެބަހީ ވަޒަން ހިފެހެއްޓެނިވި ގޮތުގައި، ފުއްދޭނެ މަގުތައް އިސްލާމްދީން ވަނީ ފަހިކޮށްދީފަ އެވެ. މިފަދަ ބޭނުންތައް ފުއްދިދާނެ ބައެއް މަގުތައް އިސްލާމްދީނުގައި މަނާކޮށްފައި ވިއަސް އެ މަނާ ކުރަނީ އިންސާނާއަށް ފަރުދީގޮތުންނާއި ޖަމާއީގޮތުން އެކަންކަމުން ލިބޭ ވަރަށް ބޮޑެތި ގެއްލުންތަކަކުން ސަލާމަތް ކޮށްދިނުމަށެވެ. ދިރިއުޅުމުގެ މި ހަޔާތަށް ބަލާއިރު ކޮންމެވެސް މިންވަރެއްގެ ގުރުބާންތަކެއް އޭގައި ވާން ޖެހުނަސް އުޚުރަވީ ހަޔާތް ކާމިޔާބު ކުރެވެން އޮތް ހަމައެކަނި ގޮތަކީ އެއީ ކަމަށްވާތީ އެވެ. އާދެ، ދުނިޔެ އާއި އާޚިރަތާ ދެތަނުގެ ބާއްޖަވެރިކަމަށް މަގުފަހި ކުރެވޭނީ އޭރުން ކަމަށްވާތީ އެވެ. މިސާލަކަށް ރަލާއި އެނޫންވެސް މަސްތުވާތަކެތި ކައިބޮއެ ހެދުން ހަރާމް ކުރައްވާފައިވާ އިރު ދުނިޔަވީ ގޮތުން އެކަމުގައި ބައެއް ކަހަލަ ވަގުތީ މަންފާތަކެއް ވަކި ބަޔަކަށް ލިބިދާނެ އެވެ. ނަމަވެސް މުޅި މުޖުތަމަޢަށް ބަލާއިރު އަދި ކިއެއްތަ، އެ މަންފާ ލިބިގެންދިޔަ މީހުންނަށް ބަލާއިރުވެސް އޭގެ ފަހަތުގައިވާ ގެއްލުންތަކަށް ވިސްނާލަ ބައްލަވާށެވެ! ފުންކޮށް ވިސްނާލުމުން އެނގިގެންދާނެ ހަގީގަތަކީ އެކަމުން ބައެއް މީހުންނަށް ލިބޭ ވަގުތީ ހިތްހަމަ ޖެހުމާއި އަރާމަށްވުރެ ފަހުން މި ދުނިޔެމަތީގައި ވެސް އަދި އޭގެ ފަހުން އާޚިރަތުގައި ވެސް ލިބެން އޮތް ގެއްލުންތައް އެތައް ގުނައަކަށް އިތުރުވެގެންވާ ކަމެވެ.
ވީއިރު މިއަދު މުސްލިމުންގެ މައްޗަށް ލާޒިމުވެގެންވަނީ މުސްލިމުންގެ ތެރޭގައި ފެތުރިފައިވާ އަޚްލާގީ ނުރަނގަޅު ސިފަތައް ނައްތާލަން ގަދައަޅައި މަސައްކަތް ކުރުމެވެ. ވަކިން ހާއްސަކޮށް މިފަދަ ނުރަނގަޅު ސިފަތައް އެބައެއްގެ ކިބައިގައި ހަރުލާފައިވާ މުސްލިމުން ވަގުތުން މިފަދަ ކަންކަން ދޫކޮށްލުމެވެ. އެއީ މުސްލިމެއްގެ ހައިސިއްޔަތުން އެމީހެއްގެ އިސްލާމްވަންތަކަން ދެމެހެއްޓުމަށްޓަކަ އެވެ. އަދި އިސްލާމީ މުޖުތަމައު ރައްކާތެރި ކުރުމަށްޓަކަ އެވެ. އަދި ކިއެއްތަ، އިސްލާމީ ރިވެތި އަޚުލާގަކީ ހަމައެކަނި މުސްލިމުންނަށް ފައިދާ ހުރި އެއްޗެއް ކަމުގައި ނުވާ ހިނދު އެ އަޚްލާގު ދެމެހެއްޓުމުން މުޅި އިންސާނިއްޔަތަށް ވެސް ލިބެން އޮތް ސަލާމަތްކަން ދެމެހެއްޓުމަށްޓަކަ އެވެ.
މިގޮތަށް މަސައްކަތް ކުރާއިރު ދެން މުސްލިމުންގެ މައްޗަށް ލާޒިމުވެގެންވާ އަނެއް ކަމަކީ މުސްލިމުންގެ އަޚްލާޤު ނެތިދިއުމަށް ބޭރުން އަންނަ އޮއިވަރުތަކާ އިދިކޮޅަށް މަސައްކަތް ކުރުމެވެ. އެ އޮއިވަރުގެ ތެރެއިން އަންނަ ކަންކަމާއި ވަސީލަތްތަކުގައި ހިމެނޭ ޣައިރު އަޚްލާގީ ކަންކަން ފުރާނަން ދަސްކުރުމެވެ. އެފަދަ ކަންކަން ފެތުރުމަށް އެހީތެރިކަން ފޯރުކޮށް ނުދިނުމެވެ. ދުނިޔަވީ މަންފާތައް ހާސިލު ކުރުމަށްޓަކައި އެފަދަ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރާ މީހުން އެކަންކަން ކުރިޔަ ނުދީ މުންކަރާތް ހުއްޓުވަން ދީނުގައި އޮންނަ އުސޫލުން ހުއްޓުވުމެވެ. މިފަދައިން އަމަލު ނުކުރާނަމަ އާޚިރުގައި ހިތާމަ ކުރަން ޖެހޭނީ ހަމަ އަހަރެމެންނެވެ.