ޝަހީރަށް އެކްތާގެ އާ ސިލްސިލާއެއް
ޝަހީރަށް އެކްތާގެ އާ ސިލްސިލާއެއް

މިދިޔަ އަހަރު އެކްތާ ކަޕޫރްގެ އޯލްޓް ބަލާޖީން ސްޓްރީމްކުރި ވެބް ސީރީޒް "ޕައުރަޕުރުޝް" ގެ މުހިއްމު ރޯލެއް ކުޅުނު އެކްޓަރު ޝަހީރް ޝެއިޚް އެކްތާގެ އާ ސިލްސިލާއަކަށް ސޮއިކޮށްފި އެވެ.

މިދިޔަ އަހަރު އޭނާ ކުޅުނު ސްޓާ ޕްލަސްގެ "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" ނިންމާލިތާ މާ ގިނަ ދުވަސްތަކެއް ނުވެ ކައިވެނި ވެސް ކުރި އެކްޓަރު މި ފަހަރު ސޮއިކުރީ އެކްތާ ޒީޓީވީ އަށް ހަދާ ސިލްސިލާއަކަށެވެ. މިއާ ބެހޭ އެއްވެސް މައުލޫމާތެއް އެކްތާގެ ބާލާޖީން ދީފައި ނުވި ނަމަވެސް މީޑިއާތަކުން ބުނީ މި ސިލްސިލާ އަކީ ޒުވާން ޑޮކްޓަރަކާއި ރަށްފުށުގެ އާދައިގެ އަންހެން ކުއްޖެއްގެ ލޯބީގެ ވާހަކައެއް ކިޔައިދޭ އެއްޗެކެވެ.

ޓީވީ ސިލްސިލާތަކާ ބެހޭ ޚަބަރުތައް ގެނެސްދޭ ޓެލީ ޗައްކަރުން ބުނިގޮތުގައި މިހާރު ޝޫޓިން ވެސް ފަށާފައިވާ ސިލްސިލާގެ ބަތަލާ އަކީ ޒީޓީވީން ގެނެސްދިން މަގުބޫލު ސިލްސިލާ "އިޝްގް ސުބްހާނަﷲ" ގެ ބަތަލާ އީޝާ ސިންގް ކަމަށެވެ.

ޝަހީރާއި އީޝާ މިހާތަނަށް އަދި އެކީގައި މަސައްކަތްކޮށްފައި ނުވާތީ އެ ދެ މީހުން އަލަތު ސިލްސިލާ އަކީ ބެލުންތެރިންނަށް ޓީވީން އާ ޖޯޑެއްގެ ކެމިސްޓްރީ ވެސް ބަލާލަން ލިބޭނެ އެއްޗަކަށް ވާނެ އެވެ.

ނަމަވެސް މި ސިލްސިލާގެ ނަމާއި ދައްކަން ފަށާނެ އިރެއް އަދި ނޭނގެ އެވެ. މީޑިއާތަކުން ބުނީ ވަރަށް އަވަހަށް އޭގެ ޕްރޮމޯ ދައްކަން ފަށާނެ ކަމަށެވެ.

އެކްތާގެ ބާލާޖީގެ އާ ސިލްސިލާއަކުން ޝަހީރަށް ފުރުސަތު ލިބުނު އިރު އޭނާ ކައިވެނިކުރި ރުޗިކާ ކަޕޫރަކީ އެ ކުންފުނީގެ ކްރިއޭޓިވް ހެޑެއްގެ ގޮތުގައި ވަރަށް އިސްކޮށް މަސައްކަތްކުރާ އަދި އެކްތާއާ އާއިލީ ގޮތުން ވެސް ތިމާގެ މީހެކެވެ.

ޝަހީރު، 36، ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި ކަލާޒްގެ "ދާސްނާތޭ މުހައްބަތު: ސަލީމް އޯރް އަނާރްކަލީ" އާއި ސޮނީ ޓީވީގެ "ކުޗް ރަންގް ޕިޔާރު ކޭ އެއިސޭ ބީ" އަދި "މަހާބާރަތު" ހިމެނެ އެވެ.