ހަމަހަމަކޮށް ގާނޫނު ހިންގަންޖެހޭ: ޖެންޑާ މިނިސްޓަރު
ހަމަހަމަކޮށް ގާނޫނު ހިންގަންޖެހޭ: ޖެންޑާ މިނިސްޓަރު

ޖިންސީ ގޯނާގެ މައްސަލަތަކުގައި ގާނޫނު ތަންފީޒު ކުރަން ޖެހޭނީ އެންމެންގެ މެދުގައި ހަމަހަމަކަމާ އެކު ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކެއްގައި ވަކިކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ގިނަ ދައުވާތަކެއް ކޮށްފައި ވަނިކޮށް އޭނާ ޕާސްޕޯޓް ދޫކޮށްލުމުން އޭނާ އިނގިރޭސިވިލާތަށް ވަޑައިގަތުމުން ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އޭނާ ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދިނީ ބޭސްފަރުވާއަކަށެވެ.

ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ރޭ ކުރެއްވި ޓްވީޓްގައި ވަނީ ޖިންސީ ގޯނާގެ މައްސަލަތަކުގައި އަނިޔާލިބޭ މީހުންނާއި ތުހުމަތު ކުރެވޭ މީހުންނަށް އިންސާފު ހޯދުމުގެ މައިގަނޑު އަސާސަކީ ވަކި ފަރާތަކަށް ނުޖެހި އަދި ދެގޮތެއް ނުވެ، މައްސަލަތައް ބަލައި ހިންގޭނެ އިޖްރައާތެއް ގާއިމް ކުރުން ކަމަށެވެ.

މި ޚަބަރު ފުރަތަމަ ޝާއިއުކުރި އިރު، ހަމަހަމަކޮށް ގާނޫނު ހިންގަންޖެހޭ ކަމަށް ވިދާޅުވެ މިނިސްޓަރު ކުރެއްވި ޓްވީޓް ޑިލީޓްކުރެއްވި ކަމަށް އޮތަސް، ޑިލީޓްކުރެއްވި ބައި މިނިސްޓަރުގެ ފޭސްބުކްގައި ލިޔުއްވާފައި އޮތެވެ.

މިނިސްޓަރު ފޭސްބުކްގައި ލިޔުއްވާފައިވާ ގޮތުގައި ޖިންސީ ގޯނާ ރިޕޯޓްކުރަނީ ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ކަމަށެވެ. އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދައިދެވޭނީ ހުރިހާ ފަރާތްތައް ގުޅިގެން ކަމަށާއި އަދި ގާނޫނު ތަންފީޒުކުރަން ޖެހޭނީ އެންމެންގެ މެދުގައި ހަމަހަމަކޮށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އަލީ ވަހީދަށް ގިނަ ދައުވާތަކެއް ކޮށްފައި ވަނިކޮށް އޭނާ ފުރާވަޑައިގަތް މައްސަލާގައި ސަރުކާރުން ބުނެފައިިވަނީ އޭނާ ފުރާވަޑައިގަތްކަން އެނގުނީ މީޑިއާ އިން ކަމަށެވެ. އެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ ކޯޓުން އޭނާއަށް ފުރަން ހުއްދަ ދިނީ ރަނގަޅަށް ކަމަށް ގަބޫލު ނުކުރާ ކަމަށާ އަދި އެ ނިންމުން އިސްތިއުނާފް ނުކުރެވެނީސް އޭނާ ފުރައިވަޑައިގަތީ ކަމަށެވެ.