10 ނޮވެމްބަރ 2016 - 06:15

"ނީރްޖާ" ގައި ސޯނަމް ކަޕޫރު އަދާކުރި މޮޅު ރޯލަށް އާލިއާ ބަޓް ވަރަށް ތައުރީފުކޮށްފި އެވެ. ނަމަވެސް އާލިއާ ބުނަނީ އޭނާ "އުޅްތާ ޕަންޖާބު"ގައި އަދާކުރި ބައި ވެސް ވަކިން ދެރަ ނުވާނެ ކަމަށާއި އެ ފިލްމުން އެވޯޑު ނުލިބިއްޖެ ނަމަ ވަރަށް ހިތްހަމަނުޖެހޭނެ ކަމަށެވެ.
"ކޮފީ ވިތު ކަރަން"ގެ ޚާއްސަ އެޕިސޯޑެއްގައި ޝޯގެ ހޯސްޓް ކަރަން ޖޯހަރް ކުރި ސުވާލަކަށް ޖަވާބު ދެމުން އާލިއާ ބުނީ އޭނާގެ ޕާފޯމަންސަކީ އަހަރުގެ އެންމެ މޮޅު ޕާފޯމަންސަށް ވެދާނެ ކަމަށެވެ. ނަމަވެސް "ނީރްޖާ"ގައި ސޯނަމްގެ ފާފޯމަންސް ވެސް ވަރަށް މޮޅު ކަމަށް އާލިއާ އެއްބަސްވި އެވެ.
އަބީޝެކް ޗައުބޭގެ "އުޅްތާ ޕަންޖާބު"ގައި އާލިއާ ކުޅެފައި ވަނީ ޕަންޖާބަށް ހިޖުރަކޮށްގެން އުޅޭ މަސައްކަތު މީހެއްގެ ރޯލެވެ. ފިލްމު ބިނާކޮށްފައި އޮތީ ޕަންޖާބުގައި ފެތުރިފައިވާ މަސްތުވާ ތަކެތީގެ ވަބާ އަށެވެ.
އާލިއާގެ އާ ފިލްމެއް މިމަހުގެ ތެރޭގައި ރިލީޒްވުމަށް ދަނީ ތައްޔާރުވަމުންނެވެ. ޝާހްރުކް ޚާނާއެކު އޭނާ ކުޅެފައިވާ "ޑިއާ ޒިންދަގީ" ގައި އާލިއާ ކުޅެނީ އެކިއެކި މީހުންނާ ލޯބިވެ ގުޅުންތައް ކަނޑަމުންދާ ޒުވާނެއްގެ ބައެވެ. ޝާހްރުކް ކުޅެނީ އާލިއާގެ ކެރެކްޓާއަށް މަގު ދައްކައިދޭ މީހެއްގެ ބައެވެ.