12 ފެބުރުއަރީ 2021 - 09:15

ޕެރިސް (ފެބްރުއަރީ 12) - ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންނަ ހަފްތާގައި ކުރީގެ ކްލަބް ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގައި ޕީއެސްޖީގެ ތަރި ނޭމާ އަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.
ނޭމާ އަށް އަނިޔާވީ ބުދަ ދުވަހުގެރޭ ފްރެންޗް ކަޕްގައި ކައެންއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގަ އެވެ. އެ މެޗުގެ ދެ ވަނަ ހާފްގައި އަނިޔާވެގެން ނޭމާ ބަދަލުކުރިއިރު، އިއްޔެ ހެދި ޓެސްޓްތަކުން އެނގުނީ ހަތަރު ހަފްތާ އަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ.
މި މަހު 16 ވަނަ ދުވަހުގެރޭ ބާސެލޯނާ ދަނޑުގައި ޕީއެސްޖީ ކުޅޭ ޗެމްޕިއަންސް ލީގުގެ މެޗުގައި ނޭމާ އަށް ނުކުޅެވޭނެކަން ވަނީ ޔަގީންވެފަ އެވެ. އެކަމަކު ދެ ވަނަ ލެގުގައި މާޗް 10 ވަނަ ދުވަހު ޕީއެސްޖީ ދަނޑުގައި ކުޅޭ މެޗަށް ނޭމާ ފިޓްވާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ.
ނޭމާ ބުނީ އޭނާ އަނިޔާވުމުގެ މައްސަލަ އަކީ ކުޅޭ ސްޓައިލް ކަމަށްވެދާނެ ކަމަށާއި ބޯޅަ ހިފައިގެން ކޮށްޓަން މަސައްކަތްކުރާ ގިނަ ފަހަރު އިދިކޮޅު ކުޅުންތެރިޔާ އޭނާ އަށް ފައުލުކުރާ ކަމަށެވެ. އަދި މީގެ ދެން އެންމެ ހިތާމަ ކުރާކަމަކީ އަނިޔާވެގެން އޭނާ އަށް ތަދުވާ ވަގުތުގައި މަކަރުހަދާކަމަށް ބަޔަކު ދެކޭތީ ކަމަށެވެ.
"އަހަރެން ދެރަވޭ ކުޅުންތެރިއެއް. ކޯޗެއް ނޫނީ ކޮމެންޓޭޓަރެއް. އަބަދު އަހަރެން ވެއްޓެނީއޭ ވެއްޓެނީއޭ ރޮނީއޭ މިއީ ކުޑަކުއްޖެކޭ ކިޔާތީ. އަހަންނަކަށް ނޭނގެ ކިހާ ދުވަހަކު ކަމެއް އެ މީހުންގެ މި ހުންނަ ކަހަލަ ވާހަަކަތަކަށް އަހަންނަށް ކެތް ކުރެވޭނީ. އަހަރެން ބޭނުންވާ ކަމަކީ އުފަލުން ހުރެ ފުޓްބޯޅަ ކުޅެލަން،" ނޭމާ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓްގައި ލިޔެފައިވެ އެވެ.
އުމުރުން 29 އަހަރުގެ ނޭމާ، ޕީއެސްޖީއާ ގުޅުނު ފަހުން އަނިޔާގެ މައްސަލަތަކާ ހެދި އެއް ފެންވަރެއްގައި އޭނާގެ މޮޅު ކުޅުން ނުދެއްކެ އެވެ. އަދި އާންމުގޮތެއްގައި ނޭމާގެ އަނިޔާގެ މައްސަލަތައް ދިމާވެފައިވަނީ ސީޒަނުގެ ފަހުކޮޅުގައި ކަމަށްވާތީ ޕީއެސްޖީގެ މުހިއްމު މެޗުތައް އޭނާ އަށް ގެއްލެ އެވެ.
ޗެމްޕިއަންސް ލީގުގެ 2016-2017 ވަނަ އަހަރުގެ ސީޒަނުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ޕީއެސްޖީ ދަނޑުގައި އެ ޓީމުން ބާސެލޯނާ އަތުން 4-0 އިން މޮޅުވި އެވެ. އެކަމަކު ބާސެލޯނާ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުގެ މެޗުގެ ފަހު އަށް ވަރަކަށް މިނިޓް ތެރޭ ތިން ގޯލު ޖަހައި 6-1 އިން މޮޅުވެގެން ބާސެލޯނާ ވަނީ މުބާރާތުގެ ކުއާޓާ އިން ފުރުސަތު ހޯދައިފަ އެވެ. އެ ފަހަރު ޕީއެސްޖީ ކަޓުވާލުމުގައި ބާސެލޯނާގެ ތަރި އަކީ ނޭމާ އެވެ. އެ ސީޒަނަށް ފަހު ނޭމާ ވަނީ ދުނިޔޭގެ ރެކޯޑް އަގަކަށް (222 މިލިއަން ޔޫރޯ އަށް) ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވެފަ އެވެ. މިއީ ޕީއެސްޖީ އަށް ނޭމާ ބަދަލުވި ފަހުން ބާސެލޯނާ އާއި ޕީއެސްޖީގެ ފުރަތަމަ ކުރިމަތިލުމެވެ.