ކޮވިޑް ވެކްސިނާ ގުޅޭ ބިލާއެކު 33 ބިލެއް މި ދައުރުގައި ހުށަހަޅާނަން: އޭޖީ އޮފީސް
ކޮވިޑް ވެކްސިނާ ގުޅޭ ބިލާއެކު 33 ބިލެއް މި ދައުރުގައި ހުށަހަޅާނަން: އޭޖީ އޮފީސް

ކޮވިޑު ވެކްސިން ދިނުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ބިލާއެކު، ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ސަރުކާރުގެ ފަރާތުން 33 ބިލެއް ހުށަހަޅާނެ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) ގެ އޮފީހުން މިއަދު ބުނެފި އެވެ.

އެ އޮފީހުން ބުނީ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ގަސްދު ކޮށްފައިވާ ބިލުތަކުގެ ލިސްޓު ރައީސް އޮފީހުން މަޖިލިހުގެ އިދާރާ އަށް ފޮނުވާފައިވާ ކަމަށެވެ.

އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ކޮވިޑު ވެކްސިން ދިނުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ބިލެވެެ. އޭގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލާއި އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލާއި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވެސް ހިމެނެ އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލާއި ފޮރިން އިންވެސްޓްމަންޓް ބިލާއި ނަފްސާނީ ސިއްހަތުގެ ބިލާއި މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވެސް މި ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާނެ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިން ދިނުމުގެ އުސޫލު ކަނޑައެޅުމުގެ ބިލެއް ޑްރާފްޓު ކުރާއިރު، އެ ބަލިން ދިފާއުވުމަށް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި އަންނަނީ ވެކްސިން ދެމުންނެވެ.

މިހާތަނަށް 25،327 މީހަކަށް ކޮވިޑް ވެކްސިން ދީފައި ވެ އެވެ.