10 ނޮވެމްބަރ 2016 - 06:12

ފިލްމު ޑައިރެކްޓަރެއް ކަމަށްވާ އާނަންދު ގާންދީ އަލަށް ފަށާ ފިލްމުގެ ބަތަލާއެއްގެ ރޯލު ކުޅެން ކާޖޮލް އެއްބަސް ވެއްޖެ އެވެ. މިއީ ގާންދީގެ ޕްލޭ އެއް ކަމަށްވާ "ޝިޕް އޮފް ތީސިއުސް" ފިލްމެއްގެ ސިފައިގައި އުފެއްދުމުގެ ގޮތުން ތައްޔާރުކުރާ ފިލްމެކެވެ.
މި ފިލްމުގެ ސްކްރިޕްޓް ލިޔެފައި ވަނީ ވެސް ގާންދީ އެވެ. އޭނާ މިހާތަނަށް ގިނަ ޕްލޭތަކެއް އުފެއްދުމުގެ އަމަލީ މަސައްކަތް ކޮށްފައިވެ އެވެ.
މި ފިލްމު ޕްރޮޑިއުސްކުރަނީ ކާޖޮލްގެ ފިރިމީހާ އަދި ފިލްމު އެކްޓަރު އަޖޭ ދޭވްގަން އެވެ.
ގާންދީ ބުނި ގޮތުގައި އަޖޭ އާ ގުޅިގެން ފިލްމެއް އުފެއްދޭތީ އޭނާ ވަރަށް އުފާވެ އެވެ. ޚާއްސަކޮށް ކާޖޮލް އާއެކު ފިލްމެއްގެ މަސައްކަތް ކުރެވޭތީ ފިލްމުގެ މަސައްކަތް ފެށޭނެ އިރަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުންދާ ކަމަށް ގާންދީ ވަނީ ބުނެފަ އެވެ.
ކާޖޮލް އެންމެ ފަހުން ފެނިފައިވަނީ ރޯހިތު ޝެޓީގެ "ދިލްވާލޭ" އިން ޝާހްރުކް ޚާނާ އެކުގަ އެވެ. ފަހަކަށް އައިސް ކާޖޮލް ގިނައިން ފެންނަނީ ފިރިމީހާ އަޖޭގެ ފިލްމުތައް ޕްރޮމޯޓްކުރުމުގެ މަސައްކަތުގައި އުޅެނިކޮށެވެ. އެގޮތުން މީގެ ދެ ހަފުތާ ކުރިން ރިލީޒްކުރި އަޖޭ ޑައިރެކްޓްކޮށް ބަތަލުގެ ބައި އަދާކުރި "ޝިވާއޭ"ގެ ޕްރޮމޯޝަން މަސައްކަތުގައި ކާޖޮލް ވަނީ ވަރަށް މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.