އާސެނަލްގެ މީޑިއާގެ ސަމާލުކަން ދިވެހި ސަޕޯޓަރަކަށް
އާސެނަލްގެ މީޑިއާގެ ސަމާލުކަން ދިވެހި ސަޕޯޓަރަކަށް

މީގެ 25 އަހަރު ކުރިން ފުރާ އުމުރުގައި އިނގިރޭސި ފުޓްބޯޅަ ބަލަން ފެށި ރާއްޖޭގެ މުހައްމަދު ސޮލާހަށް އާސެނަލް ކަމުދިޔައީ އެކި ސަބަބުތަކާ ހުރެ އެވެ. އާސެނަލްގެ ކުރީގެ ރަސްމީ ސްޓޭޑިއަމް ހައިބަރީގައި ކުޅޭ މެޗުތަކުގެ ހައިލައިޓްސް ބަލައިގެން ހާއްސަ ޝައުގުވެރިކަމެއް އުފެދި އެންމެ ފަހުން އޭނާގެ ހިތް އެ ކްލަބަށް ދޫވި އެވެ. އާސެނަލަށް މިދިޔަ 20 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ސަޕޯޓްކުރި ސޮލާހު ދާދި ފަހުން މި ވަނީ އޭނާގެ ޝުއޫރުތައް އާސެނަލްގެ ރަސްމީ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމްގައި ހުރެ އެ ކްލަބްގެ އޮފިޝަލް މީޑިއާއާ ހިއްސާކޮށްފަ އެވެ.

މިއީ މިހާތަނަށް އެވަރުގެ ފުޓްބޯޅަ ކްލަބަކުން ދިވެހި ސަޕޯޓަރަކަށް ލިބުނު ފުރުސަތެއް ނޫނެވެ.

އޭރު "އަހަރެމެންނަށް މެޗުތަކުގެ ހައިލައިޓްސްތައް ބަރާބަރަށް ކޮންމެ ހަފްތާއަކު ފެނޭ. އަހަންނަށް ނޭނގެ ސީދާ ބުނާކަށް ކީއްވެ ކަމެއް، އެކަމަކު ޓީވީން އާސެނަލްގެ ކުރީގެ ހައިބަރީ ސްޓޭޑިއަމްގައި ކުޅޭ މެޗުތަކަށް އަހަރެން ވަރަށް ޝައުގުވެރިވޭ. އެއީ އަހަރެމެން [އާސެނަލް] މި ހޯދި ކާމިޔާބީތައް ހޯދުމުގެ ވެސް ކުރިން. އާސެނަލަށް ސަޕޯޓްކުރުމަކީ އަހަރެން ނެގި އެންމެ ރަނގަޅު އެއް ޑިޒިޝަން،" އާސެނަލްގެ މެޗެއް ބަލަން ލަންޑަނަށް ކުރި ދަތުރެއްގައި އާސެނަލް މީިޑިއާއަށް ދިން އިންޓަވިއުގައި ސޮލާހު ބުންޏެވެ.

އޭނާ އެންމެ ގަޔާވި އާސެނަލްގެ ކުޅުންތެރިޔަކީ ސްވިޑަންގެ ވިންގް ފްރެޑީ ލިޔުންބާގް އެވެ. އޭނާގެ ހެއާ ސްޓައިލާއި އަރިމަތިން ދުވެގެން އެ ކުޅޭ ސްޓައިލް ސޮލާހަށް ވަރަށް ކަމުދިޔަ އެވެ. ލިޔުންބާގްގެ އިތުރުން ދެން އާސެނަލްގެ ރަން ޒަމާނުގައި ވިދާލި ތިއަރީ އޮންރީ އާއި ޑެނިސް ބާކެމްޕަކީ ވެސް އޭނާގެ ފޭވަރިޓުންނެވެ.

"އެ ދުވަސްވަރަކީ އާސެނަލްގެ މެޗުތައް ބަލާލަން ވަރަށް ހިތް ފަސޭހަ ދުވަސްތަކެއް،" އާސެނަލްގެ މެޗުތައް ބަލަން ދޭތެރެ ދޭތެރެއިން ލަންޑަނަށް ދަތުރުކުރާ ސޮލާހު ބުންޏެވެ.

ޅ. އަތޮޅުގައި ހިންގާ ކޮމަންޑޫ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި މިވަގުތު ހުރި ސޮލާހަކީ ރާއްޖޭގައި އޮންނަ އާސެނަލްގެ ފޭން ކްލަބްގެ ވެސް މެމްބަރެކެވެ. އޭނާ ބުނީ ރާއްޖޭގައި އުޅޭ ސަޕޯޓަރުން ދަންވަރު ހޭލައިގެން ވެސް އާސެނަލް މެޗު ބަލާ ކަމަށާއި އޭގެ ތެރޭގައި އޭނާ ވެސް ހިމެނޭނެ ކަމަށެވެ.

"ފާއިތުވި 10 އަހަރު އަހަރެން އާސެނަލްގެ އެއްވެސް މެޗެއް ވައްޓާނުލައި ބަލާފައިވާނީ،" ސޮލާހު ބުންޏެވެ.

އާސެނަލްގެ މީޑިއާ އިން ސޮލާހުގެ އިންޓަވިއު ނެގީ މިދިއަ އަހަރުގެ ޖެނުއަރީ މަހު ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވި މެޗު ބަލަން ކުރި ދަތުރުގަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އޮކްޓޯބަރު 2018 ގައި ލިވަޕޫލާއި އާސެނަލް 1-1 އިން އެއްވަރުވި މެޗަށް ފަހު ލިވަޕޫލުގެ މިސްރު ފޯވާޑް މުހައްމަދު ސޮލާހު ވަނީ އޭނާގެ މެޗު ޖޯޒީ ސޮލާހަށް ހަދިޔާކޮށްފަ އެވެ.

ފުޓްބޯޅަ ތަރި ހުރަވަޅީގައި ޗުއްޓީ ހޭދަކުރި އިރު އެ ރިސޯޓްގެ އޭރުގެ އޮޕަރޭޝަންސް ޑިރެކްޓަރަކަށް ހުރީ ސޮލާހެވެ. ލިވަޕޫލްގެ މެޗެއް ބަލަން ދައުވަތު ދިނީ ޗުއްޓީ ހޭދަކުރަމުން ދިޔައިރު އުފެދުނު ގާތް ގުޅުމުގެ ސަބަބުންނާއި ލިބުނު ފުރިހަމަ މެހެމާންދާރީއާ ގުޅިގެންނެވެ. އާސެނަލާއި ލިވަޕޫލް ކުޅުނު މެޗަށް ސޮލާހަށް ޓިކެޓް ދިނީ ވެސް ލިވަޕޫލްގެ ފޯވަޑެވެ. މެޗު ބަލަން ފުރުމުގެ ކުރިން ހުނަރުވެރި ފޯވަޑްގެ ކިބައިން ސޮލާހު އެދުނީ އޭނާގެ މެޗު ޖާޒީ ދިނުމަށެވެ.

ޖާޒީ ދިނުމުގެ އިތުރުން ލިވަޕޫލްގެ ކުޅުންތެރިންނާ ބައްދަލުވުމުގެ ފުރަސަތު ވެސް އެފަހަރު ސަލާހަށް ލިބުނެވެ.