ދެ އަހަރު ކުރިން ވަކިކުރި ކައިވެނީގެ ރަޖިސްޓްރާ އަށް ވަޒީފާ ދޭން އަމުރުކޮށްފި
ދެ އަހަރު ކުރިން ވަކިކުރި ކައިވެނީގެ ރަޖިސްޓްރާ އަށް ވަޒީފާ ދޭން އަމުރުކޮށްފި

ފެމިލީ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާގެ މަގާމުން މީގެ ދެ އަހަރު ކުރިން ވަކިކުރި އަހުމަދު އަބްދުﷲ އަށް އެ މަގާމަށް އިޔާދަކޮށް، ވަޒީފާ އިން ވަކިކޮށްފައި ހުރި މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން މިއަދު އަމުރުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލަ ޓްރައިބިއުނަލް އަށް ހުށަހެޅިތާ ދެ އަހަރެއްހާ ދުވަސް ފަހުން ނިންމީ އަހްމަދުގެ ވަޒީފާ 14 ދުވަސް ތެރޭ އިޔާދަކުރުމަށެވެ.

އަހްމަދު 2019 ވަނަ އަހަރުގެ ކުރީކޮޅު ވަޒީފާ އިން ވަކިކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑްކުރުމަށް ފަހުގަ އެވެ. ހަމަ އެ ދުވަސްވަރު އޭރު ފެމިލީ ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި ހަސަން ސައީދުގެ މައްސަލަތަކެއް ވެސް ޖޭއެސްސީ އަށް ހުށަހެޅި އެވެ. އަދި އެ މައްސަލަތައް ބެލުމަށް ފަހު ފަނޑިޔާރެއްގެ ސުލޫކަށް އަސަރު ކޮށްފާނެ ފަދަ ބައެއް ކަންކަން ހަސަން ސައީދުގެ މައްޗަށް މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް ނިންމައި އޭނާ އަށް ނަސޭހަތްދިނުމަށް ފަހު މިހާރު ހުންނެވީ ކްރިމިނަލް ކޯޓަށް ބަދަލުކޮށްފަ އެވެ.

ފެމިލީ ކޯޓުގައި ކައިވެންޏާއި ވަރިއާ ބެހޭ ހުރިހާ ކަމެއް ބަލަހައްޓާ ފަރާތް ކަމަށްވާ ކައިވެނީގެ ރެޖިސްޓްރާގެ މަގާމުން އަހްމަދު ވަކިކުރި ފަހުން އެ މަގާމު އޮތީ ހުސްކޮށެވެ. އެއީ އަހްމަދު ޓްރައިބިއުނަލް އަށް މައްސަލަ ހުށަހެޅެމުން އެ މައްސަލަ ބަލައި ގޮތެއް ނިންމުމުގެ ކުރިން އެ މަގާމަށް މީހަކު ނުނެގުމަށް ޓްރައިބިއުނަލް އިން އަންގާފައިވާތީ އެވެ.