11 ފެބުރުއަރީ 2021 - 13:58

ފައިސާ ދައްކާފައިވާކަން ޔަގީންކުރަން ތާޑް ޕާޓީ ވެބްސައިޓުތައް މެދުވެރިކޮށް މާލީ މައުލޫމާތު ނުދިނުމަށް ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް އިން އެދިއްޖެ އެވެ.
ބީއެމްއެލް ނެރުނު ބަޔާނެއްގައި ބުނީ ފައިސާ ދައްކާފައިވާކަން ޔަގީންކުރުމަށް ބައެއް ކަސްޓަމަރުން ތާޑް ޕާޓީ ވެބްސައިޓް ބޭނުންކުރާކަން ބޭންކަށް ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން www.kashavaru.com އާއި އެހެން ބައެއް ވެބްސައިޓްތަކުން ބޭންކުގެ އިންޓަނެޓް ބޭންކިން ޕްލެޓްފޯމް ބޭނުންކުރުމަށް މަސައްކަތްކޮށް ތާޑް ޕާޓީ ޓްރާންސްފާ ކޮންފާމްކުރެ އެވެ. ފައިސާ ދައްކާފައިވާކަން މިގޮތަށް ޔަގީންކުރަން ފުރަތަމަ ކަސްޓަމަރުންގެ ނަން، ފޯނު ނަންބަރު، އެކައުންޓް ނަންބަރު ފަދަ ޒާތީ މައުލޫމާތު ދޭންޖެހެ އެވެ. އެއަށްފަހު ކަސްޓަމަރަށް ކޮންފަމޭޝަން ކޯޑު ލިބުމުން އިންޓަނެޓް ބޭންކިން ޔޫސާ ނޭމް އަދި ޕާސްވޯޑް ޖެހުމަށް އެދެ އެވެ.
ބޭންކުން ބުނީ އިންޓަނެޓް ބޭންކިންގެ މައުލޫމާތު މިފަދަ ސައިޓްތަކަށް އަދި އެހެން އެއްވެސް ފަރާތްތަކާ ހިއްސާ ކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ. އަދި ޕޭމަންޓް ކޮންފާމް ކުރުމަށް މިފަދަ ވެބްސައިޓްތައް ބޭނުން ނުކުރުމަށް އެދިފައިވެ އެވެ. ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން އަދި މޯބައިލް އެޕް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ޔަގީން ކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ.
ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ރައްކާތެރިކަންމަތީ ބެލެހެއްޓުމުގެ ޒިންމާ އަށް ބީއެމްއެލް އިން މުހިންމު އިސްކަމެއް ދޭ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެހެން ފަރާތަކުން ކަސްޓަމަރުންގެ މިފަދަ މައުލޫމާތު ބޭނުންކުރުމާއި، ވަގަށް ނެގުމާއި ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ބޭންކުން މުހިންމު ސަލާމަތީ ފިޔަވަޅުތަކެއްވެސް ވަނީ އަޅައިފަ އެވެ. ނަމަވެސް، ކަސްޓަމަރުން އަމިއްލައަށް އެހެން ފަރާތްތަކާ މިފަދަ ޒާތީ ސިއްރު މައުލޫމާތު ހިއްސާ ކުރުމުން މި މައުލޫމާތު ރައްކާތެރިކުރުމަށް ބޭންކުން ކަނޑައަޅާފައިވާ ކޮންޓްރޯލްތަކަށް ނޭދެވޭ އަސަރު ކުރާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.