11 ފެބުރުއަރީ 2021 - 14:18

އިސްލާމީ މަރުކަޒުގައި އާއްމުންނަށް ކޮވިޑް-19 ވެކްސިން ދޭން މިއަދު ފަށައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އުމުރުން 55 އަހަރުން މަތީގެ މީހުންނަށް އަދި 45 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސް ބޭނުންކުރާ މީހުންނަށް ހަވީރު 5 ޖަހަންދެން އެ ތަނުގައި ވެކްސިން ޖަހައިދޭނެ ކަމަށެވެ.
ބަލިން ދިފާއުވުމަށް މާލެ ސަރަހައްދުގައި މި ވަގުތު ވެކްސިން ޖަހައިދެނީ އިސްލާމިކް މަރުކަޒު ހިމަނައިގެން އަށް ސެންޓަރެއްގަ އެވެ. އަތޮޅުތަކުގައި 38 ވެކްސިން ސެންޓަރު ގާއިމްކޮށްފައި ވެ އެވެ.
ރާއްޖޭގައި މި ވަގުތު ޖަހަމުން އަންނަނީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރެޒެނެކާ ކުންފުނީގެ ދިރާސާގެ މައްޗަށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ވެކްސިން "ކޮވިޝީލްޑް" އެވެ. އެ ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައި ވެ އެވެ.
މާލެ ސަރަހައްދުގައި 16،703 މީހުންނަށް ވެކްސިން ދީފައިވާއިރު ރަށްރަށުގެ ސެންޓަރުތަކުން 3،458 މީހުންނާއެކު 20،161 މީހުންނަށް ވެކްސިން ޖަހާފައި ވެ އެވެ.