09 ނޮވެމްބަރ 2016 - 14:22

ނިއު ޔޯކް (ނޮވެމްބަރު 9) - ގައުމުގައި ހުރި ޒަޚަމްތަކަށް ފަރުވާކޮށްދީ އަދި އެމެރިކާގެ އެންމެންގެ ރައީސްއެއްގެ ގޮތުގައި ޚިދުމަތް ކޮށްދެއްވާނެ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ހިލަރީ ކްލިންޓަންގެ މައްޗަށް ކާމިޔާބު ހޯއްދަވާ އެމެރިކާގެ 45 ވަނަ ރައީސްގެ މަގާމަށް ވަޑައިގަންނަވާ ޓްރަމްޕުގެ ކާމިޔާބީގެ ތަގްރީރުގައި ވަނީ ހިލަރީގެ ޚިދުމަތަށް ވެސް ޝުކުރު އދާކުރައްވައިފަ އެވެ.
"ހިލަރީ ވަނީ ވަރަށް ދިގު މުއްދަތެއްގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާފައި. މި ގައުމަށް ހިލަރީ ކޮށްދެއްވި ޚިދުމަތަށް އެކަމަނާ އަށް އަޅުގަނޑުމެން އެންމެން ދަރާފައިވާ ޝުކުރުގެ ދަރަނި ބޮޑު،" ޓްރަމްޕް ވިދާޅުވި އެވެ. "މިއީ ތާރީހީ ކާމިޔާބީއެއް. އެކަމަކު ހަގީގީ ކާމިޔާބީއަކަށް ވާނީ ރަނގަޅު މަސައްކަތްތަކެއް އެމެރިކާގެ ރައްޔިތުންނަށް ކޮށްދެވިގެން. އެކަން ކުރާނަން. އެއްވެސް ރައްޔިތެއްގެ އުއްމީދުތައް ގެއްލުވައެއް ނުލާނަން. އުއްމީދުކުރަނީ ރައްޔިތުން އަޅުގަނޑާ މެދު ފަހުރުވެރިވާނެ ވަރުގެ މަސައްކަތްތަކެއް ކޮށްދެވޭނެ ކަމަށް. އެެމެރިކާގެ ދެކެ ވަރަށް ލޯބިވޭ."
ޓްރަމްޕް ވިދާޅުވީ އެމެރިކާގެ އެއްވެސް ރައްޔިތެއްގެ މަތިން ހަނދާން ނައްތާ ނުލައްވާނެ ކަމަށެވެ. އަދި އިންފްރަސްޓްރަކްޗާ ގާއިމްކޮށް ބްރިޖާއި އެއާޕޯޓުތަކާއި އެ ނޫން ވެސް ތަންތަން އަޅައި ވަޒީފާގެ ފުރުސުތުތައް ހޯދައިދޭނެ ކަމަށް ވިދާޅުވި އެވެ.
"ގައުމުގެ އިގްތިސާދު ކުރިއަރުވައި އާރޯކަން ގެންނާނަން. ވަރަށް ވަރުގަދަ އިގްތިސާދީ ސިޔާސަތެއް އެބަ އޮތް. އިގްތިސާދީ ކުރިއެރުން ދެ ގުނަކޮށް، އެހެން ގައުމުތަކާ އެކު މަސައްކަތް ކުރާނަން،" ޓްރަމްޕް ވިދާޅުވި އެވެ.
ވޯޓުގެ ކުރިން ނެގި ހުރިހާ ޚިޔާލު ހޯދުމުގެ ވޯޓަކާ ޚިލާފަށް އެންމެ ހައިރާންކޮށްލުމަށް ފަހު ޓްރަމްޕް ވަނީ 270 އަށް ވުރެ ގިނަ އިލެކްޓޯރަލް ކޮލެޖް ވޯޓު ކާމިޔާބު ކުރައްވައިފަ އެވެ. މުހިންމު ސްޓޭޓްތައް ކަމަށްވާ ފްލޮރިޑާ، އޮހާޔޯ، އަޔޯވާ އަދި ނޯތު ކެރޮލައިނާގެ ވޯޓު ކާމިޔާބު ކުރެއްވީ ވެސް ޓްރަމްޕް އެވެ.
އޮހާޔޯގެ ވޯޓު ލިބުމަކީ ވެރިކަމަށް ވަޑައިގަތުމަށް ޓްރަމްޕަށް ހުޅުވިގެން ދިޔަ ތަނަވަސް ދޮރެކެވެ. މީގެ ކުރިން ރިޕަބްލިކަން އެއްވެސް ކެންޑިޑޭޓަކަށް އޮހާޔޯގެ ވޯޓު ކާމިޔާބު ނުކޮށް ވައިޓްހައުސް އަށް ވަޑައިގެންނެވިފައެއް ނުވެ އެވެ. އަޔޯވާ އިން ރިޕަބްލިކަން ޕާޓީ އަށް އެންމެ ފަހުން ވޯޓުދީފައި ވަނީ 2004 ވަނަ އަހަރު އެވެ. މީގެ އިތުރުން ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތައް ކަމަށްވާ އޫތާ، އަލަބާމާ، ކެންޓަކީ، ސައުތު ކެރޮލައިނާ، ނެބްރަސްކާ، އިންޑިއާނާ، ވެސްޓް ވާޖީނިއާ، މިސިސިޕީ، ޓެނެންސީ، އޮކްލަހޮމާ އަދި ޓެކްސަސްގެ ވޯޓު ވަނީ ޓްރަމްޕް ކާމިޔާބު ކުރައްވައިފަ އެވެ. އަދި ޖޯޖިއާ، މިސޫރީ، މޮންޓާނާ، ލޫސިއާނާ، އާކަންސަސް، ނޯތު ޑަކޯޓާ، ސައުތު ޑަކޯޓާ، އިދާހޯ އަދި ވަޔޯމިންގެ ވޯޓު ވެސް ނެންގެވީ ޓްރަމްޕެވެ.
ޑިމޮކްރެޓިކުންގެ ސްޓޭޓްތައް ކަމަށްވާ ކެލިފޯނިއާ، އޮރެގަން، ނިއު ޔޯކް، ނިއު ޖާޒީ، ކަނެކްޓިކަޓް، މެސަޗޫސެޓްސް، މެރީލޭންޑް، ވާމޮންޓް، ޑެލްވެއާ، އިލިނޯއިސް، ރޯޑް އައިލެންޑް، ހަވާއީ، ވޮޝިންޓަން، ކޮލަރާޑޯ، ނިއު މެކްސިކޯ އާއި ކޮލަމްބިއާ ޑިސްޓްރިޓްގެ ވޯޓު ކާމިޔާބު ކުރެއްވީ ހިލަރީ އެވެ. އިންތިޚާބުގެ ނަތީޖާތައް ދައްކަމުން ދިޔަ އިރު ނިއު ޔޯކުގެ ހިލަރީގެ އިލެކްޝަން ނައިޓުގެ ޕާޓީން ވަނީ މާޔޫސްކަން ފެނިފަ އެވެ. އަނެއްކޮޅުން ޓްރަމްޕުގެ ހެޑްކުއާޓަރުން ދިޔައީ އުފާފާޅު ކުރަމުންނެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ އިތުރުން ރިޕަބްލިކަން ޕާޓީން ވަނީ ސެނެޓާއި ހައުސް އޮފް ރިޕްރެޒެންޓެޓިވްސްގައި ކުރިން އޮތް އަޣުލަބިއްޔަތު ވެސް ދަމަހައްޓައިފަ އެވެ.
އެމެރިކާގެ އާ ރައީސް ވެރިކަމާ ހަވާލުވެވަޑައިގަންނަވާނީ އަންނަ އަހަރުގެ ޖެނުއަރީ 20 ގަ އެވެ.