މިއަންމާގެ ބަޣާވާތުގެ ލީޑަރުންނާ ދެކޮޅަށް ފިޔަވަޅު އަޅައިފި
މިއަންމާގެ ބަޣާވާތުގެ ލީޑަރުންނާ ދެކޮޅަށް ފިޔަވަޅު އަޅައިފި

ނޭޕީޓޯ (ފެބްރުއަރީ 11) - މިއަންމާ އަށް ބަޣާވާތް ގެނައި އަސްކަރީ ލީޑަރުންނާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގައި އަސްކަރީ ލީޑަރުންގެ އާއިލާތަކުގެ މީހުން ވެސް ވަނީ ހިމަނައިފަ އެވެ. އިތުރު ފިޔަވަޅުތަކުގެ ތެރޭގައި އެމެރިކާގައި ހުރި މިއަންމާ ސަރުކާރުގެ އެއް ބިލިއަން ޑޮލަރަށް އަސްކަރިއްޔާ އަށް އެއްވެސް ބާރެއް ނުފޯރުވޭ ގޮތް ހެދުން ހިމެނެ އެވެ.

ރައީސް ޖޯ ބައިޑަން ވަނީ ބަޣާވާތް ނިމުމަކަށް ގެނެސް ސިފައިން ހައްޔަރުކޮށްފައިވާ މަދަނީ ލީޑަރުން ދޫކޮށްލުމަށް ގޮވާލައްވައިފަ އެވެ.

"ބަރުމާ (މިއަންމާ) ގެ ރައްޔިތުން ދަނީ އެ މީހުންގެ އަޑު ދުނިޔެ އަށް އިއްވަމުން. ދުނިޔެ ދަނީ އެ މަންޒަރުތައް ބަލަމުން،" ބައިޑަން ވިދާޅުވި އެވެ.

ބައިޑަން ވިދާޅުވީ މިއަންމާއާ ދެކޮޅަށް އަޅާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި އެކްސްޕޯޓް ކޮންޓްރޯލް ކުރުމާއި މިއަންމާ ސަރުކާރަށް ފައިދާ ކުރާނެ އެސެޓްތައް ހިފެހެއްޓުން ހިމެނޭ ކަމަށެވެ.

އަސްކަރީ ވެރިންނަށް އެމެރިކާ އިން ފިޔަވަޅު އެޅިއިރު މިއަންމާގެ ބަޣާވާތާ ދެކޮޅަށް އެ ގައުމުގައި ކޮންމެ ދުވަހަކު ވެސް ދަނީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާތަކުގެ ތެރޭން ސިފައިން ބަޑިޖެހުމުން ބޮލަށް ވަޒަން އެރި ޒުވާން އަންހެނަކަށް ދަނީ ވެރިރަށުގެ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ. މިއަދަކީ އޭނާގެ 20 ވަނަ އުފަން ދުވަހެވެ.

ބަޣާވާތަށް ފަހު ސިފައިން ދަނީ އަދިވެސް މީހުން ހައްޔަރުކޮށް ސިޔާސީ ހަރަކާތްތައް ހިންގާ އޮފީސްތަކަށް ވަދެ ގެއްލުންތައް ދެމުންނެވެ. އެންމެ ފަހުން ހައްޔަރު ކުރި މީހުންގެ ތެރޭގައި އިލެކްޝަންސް ކޮމިޝަންސްގައި މަސައްކަތް ކުރި ސަރުކާރުގެ އޮފިޝަލުން ހިމެނެ އެވެ.

މިއަންމާ ސިފައިން ބަޣާވާތްކޮށްފައި ވަނީ ނޮވެމްބަރު މަހު ބޭއްވި އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ އެވެ. އެ އިންތިޚާބު ވަނީ 80 ޕަސެންޓުން އަން ސަން ސޫކީގެ އެންއެލްޑީން ކާމިޔާބުކޮށްފަ އެވެ.