11 ފެބުރުއަރީ 2021 - 12:44

އެމެރިކާގައި ކޯޓަކުން ޒޫމް މެދުވެރިކޮށް ބޭއްވި އަޑުއެހުމެއްގައި ބައިވެރިވެ ވަޑައިގެންނެވި ވަކީލަކު އޭނާގެ ބުޅާ ފިލްޓަރު އޮންކޮށްފައި ހުރުމުން، ބުޅަލެއްގެ ސިފައިގައި އަޑުއެހުމަށް ހާޒިރުވެވިއްޖެ އެވެ.
ޒޫމް ބޭނުންކުރަން ފެށި އިރު، ބުޅާ ސިފަވާ ފިލްޓަރު ލެވިފައި އިންކަން ނޭނގުނީ އެވެ.
އަޑުއެހުން ފެށިތަނާ ފަނޑިޔާރު ވަނީ ވަކީލު ރޮޑް ޕޮންޓޮންގެ ކޯލްގައި ކެޓް ފިލްޓާ ލެވިފައި އިން ކަމަށް ވިދާޅުވެފަ އެވެ. އޭރު ވީޑިއޯ އިން ފެންނަން އިނީ ރޮޑް ހުދު ކުލައިގެ ޅަ ބުލެއްގެ ސިފައިގަ އެވެ.
އެކަމަކު ފަނޑިޔާރު ވިދާޅުވި ވާހަކަ އަށް ވަކީލު އިޖާބަ ނުދެއްވައި އިންނެވުމުން، ދައްކާ ވާހަކަ އަޑު އިވޭތޯ އެއްސެވި އެވެ.
ޖަވާބުގައި ރޮޑް ވިދާޅުވީ "މި ހުރީ ޝަރީއަތުގެ އަޑުއެހުމުގައި ބައިވެރިވެގެން" ކަމަށާއި "އަޅުގަނޑަކީ ބުޅަލެއް ނޫން" ކަމަށެވެ.
މި އަޑުއެހުމުގައި ދިމާވި ކަންތަކުގެ ވާހަކަ ފަނޑިޔާރު ޓްވިޓާގައި ވީޑިއޯއާ އެކު ފަހުން ހިއްސާކުރެއްވި އެވެ. މިކަންވީ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓި މަޖާވި ކަމަކަށެވެ.
ރޮޑް އަށް ދިމާވި ހާދިސާ އަށް އިޝާރާތްކޮށް ފަނޑިޔާރު ޓްވިޓާގައި އެދިވަޑައިގަތީ އެ މީހަކު ބޭނުންކުރާ ކޮމްޕިއުޓަރު ފަދަ އެއްޗެއް އެހެން މީހަކު ބޭނުން ކުރާ ނަމަ ޒޫމް ފަދަ ކޯލްތައް ފެށުމުގެ ކުރިން ފިލްޓަރުތައް އޮފްވެފައި ހުރިތޯ ކަށަވަރުކުރުމަށެވެ.
ވީޑިއޯ އާންމުކޮށް ފަނޑިޔާރު ވިދާޅުވީ އެ ބޭނުންކުރުމުގެ ހުއްދަ މީޑިއާތަކަށް ވެސް ދޭ ކަމަށާއި ބޭނުމަކީ މިފަދަ ހާދިސާތަކަށް ސަމާލުވުމަށް އާންމުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުން ކަމަށެވެ.
މީގެ ކުރިން ވެސް މިފަދަ ހާދިސާތައް ބައެއް މީހުންނަށް ކުރިމަތިވެފައިވެ އެވެ. މިދިޔަ އަހަރު އެމެރިކާގެ އޮފީހެއްގެ މުވައްޒަފުންތަކެއް ބޭއްވި ޒޫމް މީޓިންއަކަށް ފަހު މުވައްޒަފަކު ކެމެރާ އޮފްނުކޮށް ތެދުވެ، ލައިގެން އިން ފަޓްލޫނު ބާލައި ބޮކްސާގައި އުޅޭ ތަން އެހެން މީހުންނަށް ފެނުނެވެ. އެކަން އޭނާ އަށް އެނގުނީ މަންޒަރު ބަލަން ތިބި މުވައްޒަފުން ހޭން ފެށުމުންނެވެ.