ހެދިހާ ގޮތެއް ހެދިގެން އަންހެނުން ތިބޭނެ ކަމަށް ހީނުކުރާތި: ސުޝްމިތާ
ހެދިހާ ގޮތެއް ހެދިގެން އަންހެނުން ތިބޭނެ ކަމަށް ހީނުކުރާތި: ސުޝްމިތާ

ހެދިހާ ގޮތެއް ހެދިގެން އަންހެނުން ނުތިބޭނެކަން ފިރިހެނުންނަށް ނޭނގުމީ ވަރަށް ބޮޑު އޮޅުމެއް ކަމަށް ބުނެ ބަތަލާ ސުޝްމިތާ ސެން ކުރި ޕޯސްޓަކާ އެކު، އޭނާ އާއި ލޯބިވެރިޔާ ރަހްމާން ޝޯލްގެ ގުޅުން މިހާރު އޮތްކަމާ ދޭތެރޭ ސުވާލު އުފައްދަން ފަށައިފި އެވެ.

މި ވާހަކަ ސުޝްމިތާގެ ފޭނުންނާއި މީޑިއާ އިން ދައްކަން ފެށީ އިންސްޓަގްރާމްގައި އޭނާ ކުރި ޕޯސްޓަކާ ގުޅިގެންނެވެ.

އިންސްޓަގްރާމްގައި ސުޝްމިތާ ބުނީ އަންހެނުންގެ މައްސަލަ އަކީ ފިރިހެނުންނަކީ އިސްލާހުވާނެ ބައެއް ކަމަށް ގަބޫލުކުރުން ކަމަށާއި އެކަން އެގޮތަށް ނުވާނެ ކަމަށެވެ. އަދި ފިރިހެނުންނަށް ހެދޭ ގޯހަކީ ކޮންމެ ގޮތެއް ހެދިޔަސް އެ މީހުން ދޫކޮށްފައި ނުދާނެ ކަމަށް ގަބޫލުކުރުން ކަމަށާއި އެކަން ވެސް އެހެން ނުވާނެ ކަމަށެވެ.

އޭނާގެ މި ޕޯސްޓުން ގިނަ ބަޔަކަށް މާނަ ނެގުނީ ރަހުމާނާ އޮތް ގުޅުމުގައި މިހާރު ސިއްކަ ޖެހުމެވެ. ސުޝްމިތާ އަށް ވުރެ 15 އަހަރު ހަގު ރަހްމާނާއި އޭނާ ލޯބީގެ ގޮތުން ގުޅުނީ 2017 ގަ އެވެ. އޭގެ ފަހުން އެ ދެ މީހުންގެ ލޯބި އާންމުކޮށް ފެންނަނީ އިންސްޓަގްރާމުންނެވެ. އަދި ތަންތަނަށް ދަތުރުކުރުމަކީ ވެސް ދެ މީހުން އެކީގައި ވަރަށް ގިނައިން ކުރާ ކަމެކެވެ.

މީގެ ކުރިން އެތައް ބަޔަކާ ލޯބީގެ ގުޅުންތަކެއް ބޭއްވި ސުޝްމިތާ، 45، މިދިޔަ ނޮވެމްބަރު މަހު ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އުމުރަށް ވުރެ ހަގު މީހަކު ދެކެ ލޯބިވެވި ހިތް ދެވިދާނެ ކަމަކަށް ކުރިން ގަބޫލު ނުކުރާ ކަމަށާއި އެކަމަކު ރަހްމާނަކީ ހަޔާތަށް އެންމެ ބޭނުންވާ ކަހަލަ ބައިވެރިއެއް ކަމަށެވެ.

ދާދި ފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ކައިވެންޏާ ބެހޭ ގޮތުން ސުވާލުކުރުމް ރަހްމާން ބުނެފައި ވަނީ ކައިވެނި ނުކުރިޔަސް އޭނާ އާއި ސުޝްމިތާ އަކީ މިހާރު ވެސް އާއިލާއެއް ކަމަށެވެ. އަދި ސުޝްމިތާގެ އެޑޮޕްޓް ދެ ދަރިންނާ މެދު ވެސް ދެކެނީ އަމިއްލަ ދަރިން ގޮތަށް ކަމަށް ބުންޏެވެ.

ނަވާރަ ސަތޭކަ ނުވަ ދިހަ ހަތަރު ވަނަ އަހަރު މިސް ޔުނިވާސްގެ ތާޖު ހާސިލުކުރި ސުޝްމިތާގެ އެޑޮޕްޓްގެ ދެ އަންހެން ދަރިންގެ ތެރެއިން ރެނީ ސެން އަށް މިހާރު 21 އަހަރެވެ. އަދި އަލީސާ ސެން އަށް 12 އަހަރެވެ.

ރަހްމާން ބުނީ ސުޝްމިތާ އާއި އެ ދެ ކުދިންނަކީ މިހާރު އޭނާގެ ހަޔާތުގެ ވަރަށް މުހިއްމު ބައެއް ކަމަށެވެ.

"އަހަރެމެން މިއުޅެނީ ހަމަ ފެމިލީއެއްހެން. އެހެންވީމަ ކައިވެންޏަކީ އަސްލި ސުވާލެއް ވެސް ނޫން،" ދާދި ފަހުން ވީޑިއޯ ލަވައެއް ކުޅުނު ރަހްމާން ބުންޏެވެ. "އެހެން ވިޔަސް ކައިވެނިކުރަންޏާ އެކަން ސިއްރެއް ނުކުރާނަން."