އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން އެއްބަސްވީ ޑޮކްޓަރުގެ ބަހަށް: ޕީޖީ އޮފީސް
އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން އެއްބަސްވީ ޑޮކްޓަރުގެ ބަހަށް: ޕީޖީ އޮފީސް

ޖިންސީ ކުށުގެ އެތައް ދައުވާއެއް ރައްދުވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމަށް ފުރަތަމަ އިއުތިރާޒުކުރި ކަމަށާއި ނަމަވެސް އެ އިއުތިރާޒު ދޫކޮށްލީ ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމަށް ޑޮކްޓަރު ކޯޓުގައި ބުނުމުން ކަމަށް ޕީޖީ އޮފީހުން މިއަދު ބުނެފި އެވެ.

ވަޒީރުކަމުގައި ހުންނެވި އިރު މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިދިޔަ އަހަރު މަގާމުން ވަކިކުރި އަލީ ވަހީދުގެ ޝަރީއަތް ހިނގަމުން ދަނިކޮށް އޭނާ ވަނީ އިނގިރޭސިވިލާތަށް ފުރާވަޑައިގެންފަ އެވެ. އެއީ ކޯޓު އަމުރަށް ހިފަހައްޓާފައި އޮތް އޭނާގެ ޕާސްޕޯޓު ކޯޓު އަމުރަކަށް ދޫކޮށްލުމުންނެވެ.

ކްރިމިނަލް ކޯޓުން ބުނި ގޮތުގައި އަލީ ވަހީދު ފުރުން މަނާކުރުމުގެ އަމުރު ބާތިލްކުރީ ސިއްހީ ފަރުވާ އަށް ރާއްޖެ އިން ބޭރަށް ދާންޖެހޭކަން ކަށަވަރު ކުރުމަށް ޑޮކްޓަރު ހާޒިރުކޮށް އޭނާގެ ވާހަކަތައް އަޑުއެހުމަށް ފަހު އަދި ދައުލަތުގެ ފަރާތުން ވެސް އޭނާ ބޭރަށް ދިޔުމަށް އިއުތިރާޒު ކޮށްފައި ނުވާތީ އާއި އޭނާއާ ޖާމިނުވާނެ ފަރާތެއް ހުށަހަޅާފައިވާތީ އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އަލީ ވަހީދަށް ރާއްޖޭގައި ވެސް ފަރުވާދެވޭނެ އެވެ. އޭނާ ފުރުމުގެ ހުއްދަ ދީފި ނަމަ ފިލުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް ދައުލަތުން ފުރަތަމަ ވާނީ އެކަމަށް އިއުތިރާޒުކޮށްފައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެކަމަކު އެ އިއުތިރާޒު ދޫކޮށްލީ އަލީ ވަހީދަށް ދިމާވެފައި ވަނީ ބައެއް ފަހަރު ފުރާނަ އަށް ނުރައްކާވާ ފަދަ ސިއްހީ މައްސަލައެއް ކަމަށާއި މި ފަހުން އެފަދަ ބަލިމީހަކު އޮޕަރޭޝަން ކުރަނިކޮށް މަރުވެފައިވާ ކަމަށް ޑޮކްޓަރު ބުނުމުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އަލީ ވަހީދުގެ ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރިމަތިވި ކަމަށް 13 އަށް ވުރެ ގިނަ މުވައްޒަފުން ބުނެ އެވެ. އެ މީހުންގެ ޝަކުވާތައް ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުމުން ވަގުތުން އިސްތިއުފާ ދެއްވަން އަލީ ވަހީދަށް ރައީސް އެންގެވި އެވެ. އެކަމަކު އޭނާ އިސްތިއުފާ ނުދެއްވުމުން މަގާމުން ވަކިކުރެއްވީ އެވެ.

އޭނާ ރާއްޖެ އިން ބޭރަށް ދާން ފުރުސަތު ދިނުމުން އާއްމުންނާއި އެކި ފަރާތްތަކުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

އެކަމާ ބެހޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒާ ނޫސްވެރިން މިއަދު ސުވާލުކުރުމުން އޭނާ ވިދާޅުވީ އަލީ ވަހީދު ފުރިކަން އެނގިވަޑައިގަތީ ހަބަރުން ކަމަށެވެ. އަދި މައުލޫމާތު ހޯއްދެވި އިރު އެއީ ޑޮކްޓަރެއްގެ ލަފަޔަށް ރިއާޔަތްކޮށް ކޯޓުން ނިންމި ނިންމުމެއްކަން އެނގިފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް އަލީ ވަހީދުގެ މައްޗަށް ކުރެ އެވެ.

ޝަރީއަތުގައި އަލީ ވަހީދު ވަނީ އެ ދައުވާތަކަށް އިންކާރުކުރައްވައިފަ އެވެ.