10 ފެބުރުއަރީ 2021 - 18:44

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕީޕީއެމް ސަރުކާރުން އެޅި "ހިޔާ" ފްލެޓްތައް މި ސަރުކާރުން ދީފައި ވަނީ ބޭއިންސާފުން ކަމަށާއި އެއީ ފްލެޓްތަކުގެ ހައްގުވެރިން މަގުމަތިކުރުން ކަމަށް، ޕީޕީއެމް/ޕީއެމްސީން މިއަދު ބުނެފި އެވެ.
އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި ސަރުކާރުން އެގޮތަށް ކަންތައް ކުރިޔަސް ކުރީ ސަރުކާރުން ނެރުނު ދާއިމީ ލިސްޓުން ނަން އުނިކުރި ހުރިހާ އެންމެނަށް ވެރިކަން ބަދަލުވުމުން ފްލެޓް ދޭނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ހިޔާ ފްލެޓްތަކުގެ ދާއިމީ ލިސްޓް ފްލެޓް ކޮމިޓީން ހެދީ އެއްވެސް އުސޫލެއް، ހަމައެއް ނެތި، ވަރަށް ބޭއިންސާފުންނެވެ. ކުރީ ސަރުކާރުން އެ ފްލެޓްތައް އަޅައި، މީހުންނަށް ހަވާލުކޮށް ލިޔުން ވެސް ދީފައިވާ ކަމަށާއި ނަމަވެސް އެއިން އެއްވެސް ކަމަކަށް ނުބަލައި މި ސަރުކާރުން ގިނަ ބަޔަކު މަގުމަތިކޮށްފައިވާ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ
"އެތައް ކެޓަގަރީއެއްގައި، އެތައް ރައްޔިތުން މަގުމަތިކޮށްފި. އެކަނިވެރި އެތައް މައިންނެއް މީހުންނާ އިނދެގެން އުޅެނީއޭ ކިޔާފައި މަގުމަތިކޮށްފި. ޓީޗަރުންތައް މަގުމަތިކޮށްފި. ޑޮކްޓަރުން މަގުމަތިކޮށްފި. ނުކުޅެދުންތެރިކަން ހުރި އެތައް އާއިިލާއެއް ނިކަމެތި ގޮތެއްގައި އުޅެނިކޮށް މަގުމަތިކޮށްފި،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
"ކޮބާތޯ ރައްޔިތުންގެ ހައްގުތައް؟ މިއީ ސަރުކާރެއްތޯ؟"
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެރިކަމަށް އައީ، ޑރ. މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި ކުރިން ހުޅުމާލޭއިން ދޫކުރި ފްލެޓްތައް ބޭއިންސާފުން އެތައް ބަޔަކަށް ދިންކަމުގެ މައްސަލަ ބޮޑުވެ، އާ ސަރުކާރުން އިންސާފުވެރިކަމާ އެކު އާ ފްލެޓްތައް ދޭނެ ކަމަށް ވި ވައުދާ އެކު އެވެ.
ޕީޕީއެމް ސަރުކާރުގައި ހުޅުމާލޭ ފުރަތަމަ ފޭހުން 700 ފްލެޓް ދިން އިރު އޭގެ ތެރޭގައި ޝަރުތު ހަމަނުވާ އެތައް ސަތޭކަ ބަޔަކު ތިބިކަމުގެ ޝަކުވާ އޭރު ބޮޑުވި އެވެ. އަދި ރާއްޖޭގެ ތާރީހުގައި ހިންގި ހައުސިންގެ އެންމެ ބިޔަ މަޝްރޫއު، "ހިޔާ" ފްލެޓްތައް ލިބުނު ކަމަށް ބަލާފައި ލިއުންތައް ދިން ގޮތާ މެދު ވެސް ބޮޑެތި ކަންބޮޑުވުންތަކެއް އޭރު ހުއްޓެވެ. އެ ލިއުން ދޫކުރީ ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީން ބަލިވެވަޑައިގެންފައި ވަނިކޮށް، ސަރުކާރުގެ އެންމެ ފަހު ދުވަސްތަކުގަ އެވެ.
ޑރ. މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރުން ފްލެޓް ދިނީ ޕީޕީއެމް މީހުންނަށް ކަމަށް މި ސަރުކާރުން ތުހުމަތުކުރި ނަމަވެސް އެގޮތަށް އެކަން ހިނގާފައިނުވާ ކަމަށެވެ. ފްލެޓް ލިބިފައިވާ މީހުން ނިސްބަތްވާ ޕާޓީތައް ބެލިއިރު 7،000 މީހުންގެ ތެރެއިން 3،591 މީހުންނަކީ އެމްޑީޕީ މީހުން ކަމަށާއި ޕީޕީއެމަށް ނިސްބަތްވަނީ 1،959 މީހުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ޕާޓީތަކަށް ނިސްބަތްވާ 517 މީހުން ތިބި އިރު ދެން ބާކީ ތިބި މީހުން އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދެ އަހަރާއި ބައި ނިމުން އިރު 25،000 ރައްޔިތުންނަށް ފްލެޓް އަޅާނެ ވަގުތު ލިބިއްޖެ. [އެކަމަކު] 7،000 ފްލެޓް ލިބުނު މީހުން އަތުން ފޭރިގެންފައި ކީއްވެގެންތޯ އެހެން މީހުންނަށް މި ދިނީ؟" ޑރ. މުއިއްޒު ސުވާލުކުރެއްވި އެވެ.
އޭނާ ވިދާޅުވީ ކުރީގެ ރައީސް ޔާމީން ޖަލުން މިނިވަންވެވަޑައިގެން އަންނަ ދައުރުގައި ވެރިކަމުގައި ހުންނަވާނެ ކަމަށެވެ. އަދި އެ މަނިކުފާނު އެންމެ ފުރަތަމަ ފްލެޓް ދެއްވާނީ 7،000 ފްލެޓް ލިބުނު މީހުންގެ ލިސްޓުން މި ސަރުކާރުން ނަން އުނިކުރި މީހުން ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވަނީ ހިޔާ ފްލެޓަށް ޖެހޭ ކުލީގެ އަދަދު ސަރުކާރުން ހާމަނުކުރާތީ އެއީ މައްސަލައެއްގެ ގޮތުގައި ނަންގަވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ފްލެޓްތައް ދޭން ޖެހޭނީ މަހަކު 5،600 ރުފިޔާ ދައްކާ ގޮތަށެވެ. އެއަށް ވުރެ އަގު ބޮޑު ނަމަ ޔާމީން އަލުން ވެރިކަމަށް ވަޑައިގަތުމުން އެ އަގު ވެސް ތިރިކުރާނެ ކަމަށް ވިދާޅުވި އެވެ.
"ފްލެޓް ކޮބާ؟"ގެ ނަމުގައި ޕީޕީއެމް/ޕީއެންސީން މާދަމާ މާލޭގައި މުޒާހަރާއެއް ކުރަން ވެސް ވަނީ ނިންމައިފަ އެވެ.