09 ނޮވެމްބަރ 2016 - 11:19

ޕޮލިސް ކްލަބް އަތުން ސީދާ ތިން ސެޓުން މޮޅުވެ އެލައިޑް އިންޝުއަރެންސް ގައުމީ ވޮލީބޯޅަ ލީގުގެ ދެ ވަނަ މަގާމަށް މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބް އަރައިފި އެވެ.
އެއް ވަނައިގައި އަށް ޕޮއިންޓާ އެކު އޮތީ ރޭ ގުޑީސް ސްޕޯޓްސް ކްލަބް އަތުން ސީދާ ތިން ސެޓުން މޮޅުވި ދިވެހި ސިފައިންގެ ކްލަބެވެ. ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި މޯލްޑިވިއަން އޮތްއިރު ތިން ވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ ޕޮލިހެވެ. ސްޓެލްކޯ ރިކްރިއޭޝަން ކްލަބަށް ވެސް ހަ ޕޮއިންޓް ލިބިފައިވާއިރު ތިން މެޗަށް ފަހު ޕޮއިންޓެއް ނުލިބި އޮތީ ސްޕޯޓްސް ކްލަބް ސިޓީ އާއި ގުޑީސް އެވެ.
ކޮންމެ ޓީމެއް ތިން މެޗު ކުޅެފައިވާއިރު ސިފައިން ވަނީ ތިން މެޗުން ވެސް މޮޅުވެފަ އެވެ. ޕޮލިހާއި މޯލްޑިވިއަން އަދި ސްޓެލްކޯ ކޮންމެ ޓީމެއް ދެ މެޗު ކާމިޔާބުކޮށްފައިވާއިރު ސިޓީ އާއި ގުޑީސް އެއްވެސް މެޗަކުން މޮޅެއް ނުވެ އެވެ.
ޕޮލިސް އަތުން މޯލްޑިވިއަން މޮޅުވިއިރު ސެޓުތައް ގެންދިޔައީ 25-18، 25-21 އަދި 25-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މޯލްޑިވިއަންގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.
ގުޑީސް އަތުން ސިފައިން މޮޅުވިއިރު ސެޓުތައް ގެންދިޔައީ ފަސޭހަކަމާ އެކު 25-14، 25-7 އަދި 25-13 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސިފައިންގެ ކްލަބުގެ މުރާދު ޖީހާން އެވެ.
ރޭ ސްޓެލްކޯ ވަނީ ސިޓީ އަތުން 3-1 ސެޓުން މޮޅުވެފަ އެވެ. ފުރަތަމަ ދެ ސެޓު ސްޓެލްކޯ ކާމިޔާބުކުރީ 25-23، 25-19 އިންނެވެ. އޭގެ ފަހުން ސިޓީ އިން 25-21 އިން ސެޓު ގެންދިޔަ ނަމަވެސް ސްޓެލްކޯ ވަނީ ފަހު ސެޓު 27-25 އިން ސެޓު ކާމިޔާބުކޮށް މޮޅުވެފަ އެވެ.
ލީގު އުސޫލުން ދެ ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭއިރު ގައުމީ މުބާރާތަށް ހޮވޭނީ ގަދަ ހަތަރު ޓީމެވެ.