މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރައީސް ގޮތެއް ނުނިންމަވާ: މަބްރޫކް
މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރައީސް ގޮތެއް ނުނިންމަވާ: މަބްރޫކް

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއަސް، އެކަމާ މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ގޮތެއް ނުނިންމަވާ ކަމަށް އެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނުގެ ހައިސިއްޔަތުން މަބްރޫކް ބޭއްވެވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި، "މިހާރު"ން ކުރި ސުވާލަކާ ގުޅިގެން މަބްރޫކް ވިދާޅުވީ ކޮމިއުނިކޭޝަން މިނިސްޓްރީގައި ހުރި މައްސަލަތަކެއް ފެންމަތިވެފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އެ މަސައްކަތް ރަނގަޅުކުރުމަށް މިހާރު ވެސް ކަންކަން ކުރަމުންދާ ކަމަށް ވިދާޅުވިއަސް އެކަމާ ގުޅޭ ތަފްސީލެއް ނުދެއްވަ އެވެ.

އެންމެ ބޮޑު މައްސަލައިގެ ގޮތުގައި ފާހަގަކުރެއްވީ އިންޓަނެޓުގެ މައްސަލަ އެވެ. ސްޕީޑުގެ މައްސަލަ ހައްލުކުރަން އިތުރަށް މަސައްކަތް ކުރެވޭ ކަމަށް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ މަލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޖިލީހުން ރައީސަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

"އެ ކަންކަމުގައި ރައީސް ވަކި ގޮތެއް ނިންމެވީމަ އަޅުގަނޑު ތިޔަ ބޭފުޅުންނާ ހަމައަށް ގެންނާނަން،" އޮންލައިންކޮށް ބޭއްވި ބްރީފިންގައި މަބްރޫކް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި މިނިސްޓަރުކަމުގައި ހުންނެވި އަދި ކެބިނެޓު ވަޒީރުންގެ ތެރެއިން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ މަލީހު މަގާމުން ވަކިކޮށްދިނުމާ މެދު ގޮތެއް ނިންމަން އެމްޑީޕީގެ ޕީޖީއަށް މިދިޔަ ނޮވެމްބަރު މަހު ހުށަހެޅި އެވެ. ނަމަވެސް މި ސަރުކާރުގެ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޕީޖީން އޭރު ނިންމީ އެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދާށެވެ.

އެކަމަކު މަލީހުގެ މައްސަލައިގައި ރައީސް ގޮތެއް ނުނިންމަވަނީސް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވަނީ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅުއްވައިފަ އެވެ.

މަލީހާ ގުޅޭގޮތުން އެމްޑީޕީގެ މެމްބަރުންގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވަނީ އިންޓަނެޓުގެ އަގާއި ސްޕީޑަށް ހެޔޮ ބަދަލެއް ނާންނާތީ އެވެ. ނަމަވެސް މަލީހު ވިދާޅުވަނީ ވަނީ އިންޓަނެޓުގެ އަގު ހެޔޮކުރަން އެ މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތައް ނިންމައި ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އެކަމުގައި ރައީސް އޮފީހުން ވާހަކައެއް ނުދައްކަ އެވެ.