10 ފެބުރުއަރީ 2021 - 14:57

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރާއި މަރު ކޮމިޝަނުގެ މެމްބަރު މިސްބާހް އައްބާސް، ތާލިބާނުންނާ ގުޅުން އޮތްތޯ އާއި އެ ޖަމާއަތާ އެކު ތަމްރީނުތައް ހައްދަވާފައިވާ ކަަމަށް ކުރި ތުހުމަތެއް، ރައްޔިތުންގެ މަޖިލީހުން ބަލަން މިއަދު ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ނަޒީރާއި މިސްބާހު ތާލިބާނުންނާ އެކުގައި ތަމްރީނު ހައްދަވާފައިވޭތޯ ބައްލަވަން ބޭނުންވާ ކަމަށެވެ. މާލޭގައި ޒުވާނުން އެއްވެ މިއުޒިކް ކުޅެ މަޖާކުރާނެ މަރުކަޒެއް ގާއިމްކުރަން ގޮވާލައި ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި އެ ސުވާލު އުފެއްދެވުމަށް ފަހު ޝިޔާމް ވިދާޅުވީ އެކަން ބަލަން ޖެހެނީ އެއީ ޒުވާނުންތަކަކަށް އިނގިލި ދިއްކުރެވޭ ކަމަކަށް ވާތީ ކަމަށެވެ.
"އެންޓި ޓެރަރިޒަމް، ނުވަތަ ކައުންޓާ ޓެރަރިޒަމް މިއޮންނަ ޔުނިޓް، އެ ބޯޑް ނުވަތަ ކޮމިޓީގައި އެބަ ސިޓްކުރޭ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު. އަޅުގަނޑުމެން އެބަ ޖެހޭ ބަލައިލަން، އަލީ ނަޒީރު ވެސް [ތާލިބާނުންނާ އެކުގައި ހަނގުރާމައިގެ ޓްރެއިނިން] ހެދިތޯ،" ޝިޔާމް ވިދާޅުވި އެވެ.
ތާލިބާނުންނަކީ އަފްގާނިސްތާނާއި ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެކެވެ.
ޝިޔާމްގެ ވާހަކަ އަށް ފަހު މަޖިލީހުގެ ރިޔާސަަތުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ނަޒީރާއި މިސްބާހު ތާލިބާނުންގެ ތަމްރީނަށް ވަޑައިގަތްތޯ ޝިޔާމް ސުވާލު އުފައްދަވާފައި ވާތީ ކަމާ ބެހޭ އިދާރާތަކަށް ލިޔެގެން އެކަން ސާފުކުރަައްވަން އަމީންއާންމަށް އެމަނިކުފާނު އަންގަވާފައިވާ ކަމަށެވެ.
"އަޅުގަނޑު އަމީންއާންމު އަރިހުގައި ދަންނަވައިފިން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ލިޔެގެން، އެ ދެ ބޭފުޅުންނަކީ ތިޔަ ވިދާޅުވި ބާވަތުގެ ތަމްރީނެއްގައި ނުވަތަ ތިޔަ ވިދާާޅުވި ބާވަތުގެ ވިސްނުމަށް ލެނބިވަޑައިގެން ތިއްބެވި ދެބޭފުޅުންތޯ ސާފުކުރުމަކީ އަޅުގަނޑު ހިތުން މިމަޖިލީހުން ކުރަން ޖެހޭނެ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
ޝިޔާމް ފާހަގަކުރެއްވީ މުހިއްމު ނުކުތާއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަލީ ނަޒީރަކީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގައި އިސްކޮށް އުޅުއްވާ އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އަރިސް ބޭފުޅެކެވެ. ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލި މައްސަލަތައް ބަލަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި ކޮމިޝަނަށް އައްޔަން ކުރެއްވުމުގެ މިސްބާހު އުޅުއްވީ ނޫސްވެރިއެއްގެ ގޮތުގައި ސީއެންއެމްގަ އެވެ.