އެޕަލް ޝަކުވާކުރުމުން ޕެއާގެ ލޯގޯ ބަދަލުކޮށްފި
އެޕަލް ޝަކުވާކުރުމުން ޕެއާގެ ލޯގޯ ބަދަލުކޮށްފި

އެމެރިކާގެ ދެމަފިރިއެއްގެ ކުޑަ ވިޔަފާރިއެއްގެ ލޯގޯއަކަށް ޕެއާޒްއެއް ބޭނުންކުރަން ނިންމުމުން އެއީ އެޕަލްގެ ލޯގޯއާ ވައްތަރު އެއްޗެއް ކަމަށް ބުނެ ދައުވާކުރުމުން ލޯގޯ އަށް ބަދަލު ގެންނަން ނިންމައިފި އެވެ.

އެޕަލް ޝަކުވާކުރުމުން ޕެއާގެ ލޯގޯ ބަދަލުކޮށްފި
އެޕަލް ޝަކުވާކުރުމުން ޕެއާގެ ލޯގޯ ބަދަލުކޮށްފި

"ސުޕަ ހެލްދީ ކިޑްސް" ގެ ނަމުގައި ފެށި ވިޔަފާރި މިހާރު "ޕްރިޕެއާ" އަށް ރިބްރޭންޑްކޮށް، ލޯގޯ އަށް ބަދަލު ގެނައުމުގެ ކުރިން ލޯގޯ އިނީ ގުރާފެހި ކުލައިގެ އައުޓްލައިނަކުން ސިފަވާ ޕެއާޒްއެކެވެ. އަރިއަކަށް އިންނަ އެ ޕެއާޒްގެ ތަނޑީގައި ފަތެއް ވެސް އިނދެ އެވެ.

އެޕަލްގެ ލޯގޯ އިންނަނީ އާފަލަކުން ތަންކޮޅެއް ކާލާފައި އިންނަ ގޮތަށެވެ. އަދި އޭގެ މަތީގައި ފަތެއް އިނދެ އެވެ.

މީގެ 12 އަހަރު ކުރިން "ޕެއާޒް" ގެ ނަމުގައި ކެނެޑާގެ ނަޓަލީ މޮންސޫން އާއި ފިރިމީހާ ރަސް ފެށި ވިޔަފާރީގެ ލޯގޯގެ މައްސަލާގައި އެޕަލް ހިތްހަމަނުޖެހިގެން ޓްރޭޑްމާކް ގާނޫނުގެ ދަށުން ދައުވާކޮށްފައި ވަނިކޮށް އެއަށް މިހާރު ގެނައި ބަދަލަކީ ޕެއާގައި އިން ފަތް ފަތެއްގެ އެއް ފަޅި އިންނަ ގޮތަށް ހެދުމެވެ. އެ ނޫން އިތުރު ބަދަލެއް ނެތެވެ.

މި ބަދަލު ގެންނަން ނިންމިކަން ދެމަފިރިން މިހާރު ވަނީ އެޕަލް އަށް ވެސް އަންގައިފަ އެވެ. އަދި އެކަމަށް އެޕަލް އިން މަރުހަބާ ވެސް ކިޔާފައިވެ އެވެ.

މިކަމާ ބެހޭ ގޮތުން ރަސް މީޑިއަށް ބުނީ ލޯގޯގެ މައްސަލަ މިހާރު ހައްލުކޮށްފައިވާތީ ވަރަށް އަވަހަށް ރަސްމީކޮށް އެ ލޯގޯ ބޭނުންކުރަން ފަށާނެ ކަމަށެވެ. ލޯގޯގެ މައްސަލާގައި މިދިޔަ އަހަރުގެ މާޗް މަހު ދައުވާކުރަން ހުށަހެޅީ އެ ކުންފުނީގެ ލޯގޯ އާއި ޕެއާޒްގެ ލޯގޯ ވައްތަރުކަމުން، ކަސްޓަމަރުންގެ މެދުގައި އޮޅުންތަކެއް އަރައިފާނެތީ މިއީ ވިޔަފާރީގެ ގޮތުން ވެސް ލިބިދާނެ ބޮޑު ގެއްލުމެއް ކަމަށް އެޕަލް އިން ބުނެފައިވެ އެވެ.

ދެމަފިރިންގެ ވިޔަފާރީގެ ލޯގޯ އަށް ބަދަލު ގެންނަން ނިންމި އިރު މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ނަޓަލީ އާއި ރަސް ވަނީ އެޕަލްއާ ދެކޮޅަށް ވާހަކަ ދައްކައި އެ މީހުންގެ ވިޔަފާރި ސަލާމަތްކޮށް ދޭން އާންމުންގެ އެހީ ބޭނުންވާ ކަމަށް ބުނެ އޮންލައިން ޕެޓިޝަނެއްގެ މަސައްކަތް ވެސް ކޮށްފަ އެވެ. އެ ޕެޓިޝަން ބަންދުކުރި އިރު 269,654 މީހުން ސޮއިކޮށްފައިވެ އެވެ.

އެ ޕެޓިޝަނުގައި ދެމަފިރިން ބުނެފައި ވަނީ އެޕަލްއާ ދެކޮޅަށް ނުކުންނަން ޖެހުނީ ކުދި ވިޔަފާރިވެރިންނަށް ވެސް ބިރަކާ ނުލައި އެ މީހުންގެ ވިޔަފާރިއާއިގެން ކުރިއަށް ދެވޭނެކަމާއި އެ ހައްގު އޮންނަން ޖެހޭ ކަށަވަރުކޮށް ދިނުމަށްޓަކަ އެވެ. އަދި އެ މީހުންނަށް ކުރިމަތިލާން ޖެހުނު މައްސަލަ ކާމިޔާބުވަންދެން އެކަން ހުއްޓާނުލާނެ ކަމަށް ވެސް ބުނެފައިވެ ވެ.

ޕެޓިޝަނުގައި ބުނެފައި ވަނީ އާދައިގެ ކުޑަކުޑަ ވިޔަފާރިއަކަށް ހުރަސް އަޅަން ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކުން ކޯޓަށް ދިޔަ އިރު ގާނޫނީ ގޮތުން އެ މީހުންނަށް ލިބިދޭ ހައްގަކަށް ހުރަސް އެޅުމުގެ ބިރު ވެސް އޮތް ކަމަށެވެ.

"ސުޕަ ހެލްދީ ކިޑްސް" ގެ ނަމުގައި ފެށި ވިޔަފާރި އަކީ ކުދިންގެ ސިއްހަތަށް ފައިދާހުރި ކާނާ ތައްޔާރުކުރާނެ ގޮތް ކިޔައިދޭ ވިޔަފާރިއެކެވެ. މި ވިޔަފާރީގެ ބާނީ ނަަޓަލީ އަކީ ޑައިޓީޝަނެކެވެ.