10 ފެބުރުއަރީ 2021 - 13:22

ޓޯކިޔޯ (ފެބްރުއަރީ 10) - ޖަޕާނުގެ ސަބްމެރިނެއް ޕެސިފިކުގެ އައްސޭރިއާ ދިމާލުން ފެންމައްޗަށް އަރަން އުޅުމުގެ ތެރޭގައި އާގު ބޯޓެއްގައި ޖެހި އިއްޔެ އެކްސިޑެންޓް ވެއްޖެ އެވެ.
ޖަޕާން ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓުގައި ސަބްމެރިންގެ ތިން ފަޅުވެރިއަކަށް އަނިޔާވި ކަމަށެވެ. ސޮރީޔޫ ސަބްމެރިންގެ އެންޓަނާ އަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ. ނަތީޖާއެއްގެ ގޮތުން ސަބްމެރިންގެ މުވާސަލާތީ ބައެއް ތަކެއްޗަށް ގެއްލުން ލިބުމުން، ފަޅުވެރިން ވަނީ އެ އެކްސިޑެންޓް ރިޕޯޓް ކުރަން މޯބައިލް ފޯން ބޭނުން ކުރަން ޖެހިފަ އެވެ.
ޖަޕާނުގެ ޑިފެންސް މިނިސްޓަރު ނޮބޫ ކިޝީ ވިދާޅުވީ އެކްސިޑެންޓް ހިނގި އިރު ސަބްމެރިން އުޅުނީ ޓްރޭނިން ދަތުރެއްގައި ކަމަށެވެ. އަދި ސަބްމެރިންގެ ޕެރިސްކޯޕުން ބޯޓު ފެނުނު ކަމަށާއި ނަމަވެސް، ބޯޓާ ދުރަށް ދަތުރުކުރާނެ ވަގުތު ނުލިބުނު ކަމަށެވެ.
ސޮރީޔޫ އަކީ ޑީސަލް-އިލެކްޓްރިކް ސަބްމެރިންއެކެވެ. އެ ސަބްމެރިން ބޭނުން ކުރަން ފަށާފައި ވަނީ 2009 ވަނަ އަހަރު އެވެ. ދިގު މިނުގައި 84 މީޓަރު (275 ފޫޓު) ހުރި ސަބްމެރިން އެކްސިޑެންޓްވި ނަމަވެސް އަދިވެސް ދަތުރު ކުރެވެ އެވެ.
ސަބްމެރިންގައި ޖެހުނު ބޯޓަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ. ޖަޕާނުގެ ޗީފް ކެބިނެޓް ސެކްރެޓަރީ ކަޓްސުނޮބޫ ކަޓޯ ވިދާޅުވީ އެއްޗެއްގައި ޖެހުނުކަން ވެސް ބޯޓަށް ނޭނގޭ ކަމަށެވެ. ސަބްމެރިންގައި ޖެހުނު ބޯޓާ ބެހޭ މާގިނަ މައުލޫމާތެއް ނޭނގެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި އެއީ ހޮން ކޮންގުގައި ރަޖިސްޓްރީކޮށްފައިވާ ބޯޓެކެވެ. އެ ހާދިސާގެ ތަހުގީގު މިހާރު ވަނީ ފަށައިފަ އެވެ.