10 ފެބުރުއަރީ 2021 - 12:47

ކޮލަމްބޯ (ފެބްރުއަރީ 10) - ކޮވިޑް ޖެހިގެން ސްރީ ލަންކާ އިން މަރުވާ މީހުން ވަޅުލުމުގެ ހުއްދަ ދޭނެ ކަމަށް ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ މިއަދު ވިދާޅުވެއްޖެ އެވެ.
ޕާލަމެންޓުގައި މެންބަރަކު ކުރި ސުވާލަށް ރާޖަޕަކްސާ ވިދާޅުވީ ކޮވިޑުގައި ލަންކާގައި މަރުވާ އެންމެން ވަޅުލުމުގެ ހުއްދަ ވަރަށް އަވަހަށް ދޭން ނިންމާފައިވާ ކަމަށެވެ.
ރާޖަޕަކްސާ މިހެން ވިދާޅުވިއިރު ލަންކާގެ ސްޓޭޓް މިނިސްޓަ އޮފް ޕްރައިމަރީ ހެލްތު ކެއާ ޑރ. ސުދާޝިނީ ފެނާންޑޮޕޫލް ވަނީ ކޮވިޑް ވައިރަސް ފެނުގެ ތެރޭން ނުފެތުރޭ ކަމަށް ޕާލަމެންޓުގައި އިއްޔެ ވިދާޅުވެފަ އެވެ. އެހެންވެ ގިނަ މެންބަރުންތަކެއް މިއަދު ވަނީ އެކަމާ ގުޅޭ ގޮތުން ބޮޑުވަޒީރަށް ސުވާލުކޮށްފަ އެވެ.
ލަންކާގައި ކޮވިޑް ޖެހޭ މީހުން ވަޅުލުމުގެ ބަދަލުގައި އަންދަން ފެށީ ފެނުގެ ތެރޭން ވައިރަސް ފެތުރޭ ކަމަށް ބުނެ އެވެ. ކޮވިޑްގައި މަރުވާ މުސްލިމުން ވެސް އެ މީހުންގެ އާއިލާތަކުގެ ނުރުހުމުގައި އަންދަން ފެށުމުން އެތައް ބައެއްގެ ނުރުހުން ލަންކާ ސަރުކާރަށް އަމާޒުވި އެވެ. އަދި މަރުވާ މުސްލިމުންގެ ހަށިތައް އެންދުން ހުއްޓާލުމަށް އިދިކޮޅު ފަރާތްތަކުންނާއި ސިވިލް ސޮސައިޓީ އަދި އެތައް ޖަމާއަތަކުން ވަނީ ގޮވާލައިފަ އެވެ.
ލަންކާގައި ކޮވިޑްގައި މަރުވާ މުސްލިމުން އަންދާ މައްސަލަ ވަނީ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ވެސް ހުށަހަޅައިފަ އެވެ.
ސްރީ ލަންކާގައި އަދިވެސް ދަނީ ހަލުވިކަމާ އެކު ކޮރޯނާވައިރަސް ފެތުރެމުންނެވެ. މިހާތަނަށް އެ ގައުމުން 71,211 މީހުން ޕޮޒިޓިވްވެ 370 މީހުން ވަނީ މަރުވެފަ އެވެ. އިއްޔެ އެކަނިވެސް ވަނީ 976 މީހުންނަށް ބަލިޖެހި ފަސް މީހުން މަރުވެފަ އެވެ.